ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ލިބިފައި ނުވާތީ، އެ ފުރުސަތު ހޯދައި ދިނުމަށް އެދި އިދިކޮޅު ޕީޕީއެމް ޕީއެންސީން ސިވިލްކޯޓަށް މިއަދު ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައެއް ނުގަތެވެ.

އެމައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމަށްފަހު ކޯޓުން ބޭރުގައި ހުންނަވައި މީޑިއާއަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލީޝަން ހިންގެވުމާ ހަވާލުވެ ވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ އެ މައްސަލައިގައި ކޯޓަށް ވަޑައިގެންނެވި ސަބަބަކީ އިންތިހާބަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ލިބިފައިނުވާތީ ކަމަށެވެ. އަދި މިހާރު ކަންތައް ދާގޮތުން މިނިވަން ކަމާއެކު ކައުންސިލް އިންތިހާބު ބޭއްވޭނެކަމުގެ އުއްމީދެއް ނެތް ކަމަށާއި އެހެންކަމުން ކޯޓުތައް މެދުވެރިކޮށް އެކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވަނީ ކަމަށްވެސް ވިދާޅުވިއެވެ.

އިންތިހާބާ ގުޅޭ އެއްވެސް ކަމަކަށް ޕީޕީއެމް އާއި ޕީއެންސީގެ ކެނޑިޑޭޓުންނަށް އެއްވެސް ފުރުސަތެއް ނުލިބޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ ކޯޓަށް ހުށަހެޅި އިދިކޮޅު ކޯލިޝަންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އެ މައްސަލަ ސިވިލްކޯޓުން ބަލައި ނުގަތުމުން މަސައްކަތް ހުއްޓައި ނުލާނެ ކަމަށާއި އެކަމުގައި ހުރިހާ މަރުހަލާއެއް ކަޑައްތު ކުރާނެ ކަމަށެވެ.

ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ސުޖާއު ވިދާޅުވީ، ކޯޓުން އެ މައްސަލަ ބަލައިނުގަތުމާ ގުޅިގެން އެކަމާބެހޭގޮތުން ދެން ކަންތައް ކުރާނެގޮތެއް ނިންމުމަށް ލީޑާޝިޕްގެ ކުއްލި ބައްދަލުވުމެއް މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަމަށް ގޮތެއް ނިންމާނީ އެ ބައްދަލުވުމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސުޖާ ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއް އޮންނަ އެއްވެސް ފަހަރަކު އެއްވެސް އިންތިހާބެއް، އެ އިންތިހާބެއް ބާއްވަން ޖެހޭ ތާރީހުގައި މިހާތަނަށް ބޭއްވިފައި ނުވާ ކަމަށާއި މިއަދުވެސް ފެނިގެންދަނީ އެ މަންޒަރު ކަމަށެވެ. އެއީ އިންތިހާބުތަކަށް ކުރިމަތިލުމަށް އެމްޑީޕީން ޖެހިލުން ވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.