އެންމެ ލަސްވެގެން ދެ ހަފުތާ ތެރޭގައި ރާއްޖެއަށް ކޮވިޑް ވެކްސިން ފޯރުކޮށްދޭނެ ކަމަށް އިންޑިއާއިން ބުނެފި އެވެ.

އިންޑިއަން ހައި ކޮމިޝަންގެ ޑެޕިއުޓީ ކޮމިޝަނަރު ޝްރީ ރޯހިތު ރަތިޝް "ވަން" އަށް މިއަދު ވިދާޅުވީ، އިންޑިއާއިން ވެކްސިން ފޯރުކޮށްދިނުމުގައި އަވަށްޓެރި ގައުމުތަކަށް އިސްކަންދޭނެ ކަމަށެވެ. އެގޮތުން ރާއްޖެއަށް ފޮނުވާ ވެކްސިންގެ ޝިޕްމަންޓް އެންމެ ލަސްވެގެން ދެ ހަފްތާގެ ތެރޭގައި ރާއްޖެ އަށް ފޯރުކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް ރާއްޖެ ގެންނާނީ ކޮން ވައްތަރެއްގެ ވެކްސިނެއް ކަމެއް އަދި ކިތައް ޑޯސް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.

ރޯހިތު ވިދާޅުވި ގޮތުގައި ރާއްޖެއަށް ފޯރުކޮށްދޭނެ ވެކްސިންގެ ވައްތަރާއި އަދަދު ވިދާޅުވާން އެނގިވަޑައިގަންނަވާނީ ދިވެހި ސަރުކާރުން ބޭނުންވާ ވެކްސިނަކާއި ރާއްޖޭގައި ހުރި ކެޕޭސިޓީ ބެލުމަށްފަހު، އެކަމުގެ މަޝްވަރާތައް ނިމުމުންނެވެ.

ކޮވިޑުން ރައްކާތެރި ވުމަށް އެކި ގައުމުތަކުން އެކި މަރުކާގެ ވެކްސިން އިހުތިޔާރު ކޮށްފައިވާއިރު އިންޑިއާގައި އަދި ބޭނުންކުރަމުން އަންނަނީ ދެ ވެކްސިނެކެވެ. އެއީ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރަޒެނެކާއިން އުފައްދާ "ކޮވިޝީލްޑް" ވެކްސިނާއި އިންޑިއާގެ ބާރާތު ބަޔޯޓެކްއިން އުފައްދާ ކޯވެކްސިން އެވެ.

މިއީ ކުއްލި ހާލަތުގައި ބޭނުންކުރަން އިންޑިއާގެ ސައިންސްވެރިން ހުއްދަ ދީ، ބައެއް އެހެން ގައުމުތަކުން ވެސް ޖަހަމުން އަންނަ ދެ ވެކްސިނެވެ.