ދިވެހިރާއްޖޭގެ ތާރީޚު

ފުވައްމުލަކު ނެރުތަކާ ގުޅިފައިވާ ބިރުވެރި ތާރީހު، ރައްޔިތުންގެ އެދުމަކީ ނެރުތައް ބަންދުކުރުން!

މުނީރު ހަސަން، ޏ. ފުވައްމުލައް

1

ފުވައްމުލަކަކީ އެއް ރަށެއްގެ މައްޗަށް އޮންނަ ހަމަ އެކަނި ރާއްޖޭގެ އަތޮޅެވެ. ވަށައިގެން ރާޅު އަރައި މާކަނޑުގެ މެދުގައި އޮންނަ މި އަތޮޅަށް ވަދެ ނިކުމެ ހެދުމަށްޓަކައި ބޭނުންކުރަމުން ދިޔައީ ރަށުގެ ވަށައިގެން އެކި ދިމަދިމާލުގައި ހުންނަ ތަންހެޔޮ ދިމަދިމާލެވެ. އެގޮތުން އިރުވައި މޫސުމުގައި ބޭނުންކުރަމުން އައީ ނެރެގަނޑު ނެރާއި މާނޭރު ނެރު އަދި ބިޅިފޭށެ ނެރެވެ. ހުޅަނގު މޫސުމުގައި އަނބުލާއި ބަނޑަހަލް ފަންނާއި ރަސްގެފަންނާއި ހީނާޑިއެ ފަންނާއި ބޮޑުފަންނެވެ. މި ނެރުތައް ބޭނުންކުރި ދުވަސްވަރު މަހަށް ގޮސްފައި އައިސް ވަންނަ ހަފަލި ދޯނިފަހަރާއި ބޮއްކުރާފަހަރު ބަންޑުން ޖަހާލުމަކީ ވަރަށް އާއްމު ކަމެކެވެ. މިގޮތަށް ބަންޑުން ޖަހާލާ ދޯނިފަހަރާއި ބޮއްކުރާފަހަރު ދަށުގައި މީހުންވެ މަރުވުމަކީވެސް ދިމާވަމުން ދިޔަ ކަމެކެވެ. އަދި ފައްތިއާ ތަކުގައި އަޅާފައި ހުންނަ މާލެދަތުރުކުރާ ބޯޓުފަހަރާއި ދޯނިފަހަރު ފައްތިއާ ކަނޑާލައިގެން ރަށަށް ލައްގައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވަމުންދާ ދިއުމަކީވެސް ހަނދާން ނައްތައިލަން އުނދަގޫ ކަމެކެވެ.

މިގޮތަށް ލެއްގި އެއްޗެހީގެ ތެރޭގައި މަލިކުރުވާގޭ އަބްދުލް ޣަފޫރުގެ "ދުވާފަރު" ދޯންޏާއި ޖީޒާ އަހުމަދު ސަމީރުގެ "އިރަމާ" ބޯޓާއި ހުސްނުހީނާގޭ އަބްދުލް އަޒީޒު މުހައްމަދު ގެ "ގަލްފް ދީނާރު" ބޯޓާއި ވިދުވަރުގޭ މުހައްމަދު އިބްރާހީމް ދީދީގެ "ނިރުވާނާ ބޯޓު" ހިމެނެ އެވެ. މީގެ ތެރެއިން އަބްދުލް ޣަފޫރު ގެ "ހިތްވަރު" ދޯނި ލެއްގީ ނެރެގަނޑަށެވެ. އެ ހާދިސާ ހިނގީ 1983 ވަނަ އަހަރުގެ ތެރޭގަ އެވެ. މުހައްމަދު އިބްރާހީމް ދީދީގެ "ނިރުވާނާ ބޯޓު" ލެއްގީ ޖޫން، 1993 ގައެވެ. ޖީޒާ އަހުމަދު ސަމީރުގެ "އިރަމާ ބޯޓު" ލެއްގީ 1998 އޯގަސްޓު މަހުގެ ތެރޭގަ އެވެ. "ގަލްފް ދީނާރު" ސިމެންތިއާ އެކީގައި އަޑިޔަށް ދިޔައީ ޖޫން، 1993 ވަނަ އަހަރުގެ ތެރޭގަ އެވެ. މީގެ ތެރެއިން ގަލްފްދީނާރު ސިމެންތިއާ އެކު އަޑިޔަށް ދިޔައީ ރަސްގެފަންނަށެވެ. ނިރުވާނާ ބޯޓާއި އިރަމާ ބޯޓު މުދަލާއި އެކު ލެއްގީ ބަނޑަހަލް ފަންނަށެވެ. މީގެ ތެރެއިން އިރަމާބޯޓު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. 1941މ 1360 ހ ޝައޮބާންމަހު 14 ވަނަ ދުވަހުގެރޭ އެދުރުގޭ ހުސައިންމަނިކުފާނުގެ އޮޑި މާލެއިން އައިސް މާނޭރެ ބޭރުގައި އަޅާފައި އޮތްވައި އެރޭ ރޭގަނޑު ހުޅުނގުފަރާތުން އައި ވިލާގަނޑަކާ ނަގިލި ކަހާލައިގެން ފަރުމައްޗަށް އެއްލައިލުމުގުސަބަބުން މުދަލަށާއި އޮޑިއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ފުވައްމުލަކުގައި ބަނދަރެއް ނެތުމުގެ ސަބަބުން މީހުންގެ މުދަލަށް ގެއްލުންވެ، އެތައް ބަޔަކު މަރުވަމުން ދާތީ، އެކަން ހައްލުކޮށްދެއްވުމުގެ ގޮތުން ސަރުކާރުން މީހުން ފޮނުވައިގެން ބަނދަރު ހެދުމުގެ މަސައްކަތް ފެށީ 12 ޖުލައި 2000 ވަނަ އަހަރު އެވެ. ބަނދަރު ހެދުމުގެ މަސައްކަތް ނިންމައި 10 ޖުލައި 2003 ވަނަ އަހަރު ބަނދަރު ހުޅުވުމާ ގުޅިގެން މީހުންގެ އޮޑިދޯނިފަހަރަށް ލިބެމުން އައި ގެއްލުން ކުޑަކުރެވުނު ނަމަވެސް، ނެރުތަކާ ގުޅިފައިވާ މީހުން މަރުވުމުގެ މައްސަލަ އޮތީ ހަމަ އެ އޮތް ހިސާބުގަ އެވެ. ކުރީން ބޮއްކުރާ ނުވަތަ ދޯނި ބަންޑުން ޖަހައިގެން މީހުން މަރުވަމުން ދިޔަނަމަވެސް، މިހާރު މީހުން މަރުވަމުން ދަނީ މޫދަށް ފައިބައި އުޅެނިކޮށް އަންނަ ބިޔަރާޅާއި އެއްކޮށް ދަމައިގަނެ، ބޭރުކޮށްލައިގެންނެވެ. މިގޮތުން އެންމެ ގިނަ މީހުން މަރުވެފައި ވަނީ ރަށުގެ ހުޅަނގު ފަރާތުގައި އޮތް ނެރުތަކުން ދަމައިގަނެގެން ގޮހާއި އަދި ބޮއްކުރާ ބަންޑުން ޖަހާލައިގެންނެވެ. ނެރެގަނޑުން ދެމީހަކު މަރުވެދިޔައީ ބަނދަރު ހުޅުވުމުގެ ކުރީން ބޮއްކުރައެއްގައި އެއްގަމަށް އަރަން އުޅުމުގެ ތެރޭގަ އެވެ. އެއީ ހުޅަނގުގޭ އަލް ހާފިޒް އަލީ ޝަފީގު ހުސެއިން އާއި ކ. މާލެ މ. މަލާގާ، އިބްރާހީމް އާސިމް އާއި ދެ ޒުވާނުންނެވެ. މި ހާދިސާ ހިނގާފައިވަނީ 18 ޑިސެމްބަރު 2000، ހިޖުރީ ގޮތުން 22 ރަމަޟާން 1421 ގައެވެ.

އަޅުގަނޑުގެ ނަޒަރުގައި މީހުން ދަމައިގެން ގޮސް މަރުވުން ހުއްޓުވުމަށްޓަކައި ސަރުކާރުން މީހުން ފޮނުވައިގެން 1981، މާޗް 08 ގައި ގޮއްވައިގެން ފުންކުރި މާނޭރު ނެރާއި ހަމަ އެ އަހަރު ގޮއްވި ނެރުތަކުގެ ތެރެއިން ބަންދު ނުކުރެވި ހުރި ނެރުތައް ބަންދުކުރާން ޖެހެ އެވެ. އަދި ރައްޔިތުން ބޭނުންކުރުމަށްޓަކައި ރައްކާތެރި ފަތާފެންގަނޑެއް ގާއިމްކުރާން ޖެހެ އެވެ.

މި ރަށަށް އަރައި ފޭބުމުގެ ތެރެއިން މަރުވި މީހުންނާއި ދަމައިގެން ގޮސް މަރުވި މީހުންގެ ތެރޭގައި ހިމެނޭ މީހުންގެ މައުލޫމާތު ތިރީގައި އެވަނީއެވެ. މިއީ ލިބޭން ހުރި މައުލޫމާތުތައް ނަމަވެސް، މީގެ ކުރީންވެސް މި ފަދަ ހިތާމަވެރި ހާދިސާތައް ހިނގާފައި ހުރުމަކީ ގާތް ކަމެކެވެ. ކުރީގެ މަރުތަކާއި ހާދިސާތަކުގެ މައުލޫމާތު އެއްކުރުމުގައި، މިރަށު އަސްރަފީގޭ، އައްނައިބު އަލްޚަތީބު، މަރުހޫމް އިބްރާހީމް ސައީދު މޫސާ ގެ ލިޔުއްވުންތައް ދިރާސާ ކުރުމުގެ އިތުރުން ރަށުގެ ދުވަސްވީ ބޭފުޅުންގެ ފަރާތުން މައުލޫމާތު އެއްކޮށްފައި ވާނެ އެވެ.

1936 ވަނަ އަހަރު މި ރަށަށް އައި ސ. މީދޫ ދޮން އިބްރާހީމް ދީދީގެ ދޯނި ރާޒަވާ ކަންމައްޗަށް ބަންޑުން ޖަހާލައިގެން އިބްރާހީމް ދީދީ އާއި މަރްޔަމްބީ ކިޔާ މީހަކު ވަނީ ނިޔާ ވެފަ އެވެ. މީގެ ތެރެއިން އިބްރާހީމް ދީދީ ވަޅުލާފައި ވަނީ ދޫޑިގަމު އުނަކެޑެ މިސްކިތުގައެވެ. މަރްޔަމްބީ ފެނިފައެއް ނުވެއެވެ. 1971 ވަނަ އަހަރު ރަސްގެފަންނު ނެރުން ވަންނަނިކޮށް ބޮއްކުރާ ބަންޑުން ޖަހާލައިގެން އެޅަކަމަނާއްކަލޯ ވަނީ ގެއްލިފައެވެ. ފުވައްމުލަކުން މަހަށް ދަނިކޮށް ރަށުގެ ހުޅަނގުކޮޅުގައި އޮންނަ އޮމާގަނޑު ކިޔާ ހިސާބަށް ދޯނި ބަންޑުން ޖަހާލައިގެން ދަނބޮގޭ އެޅަމީހާ ވަނީ ނިޔާވެފަ އެވެ. މި ހާދިސާ ހިނގާފައި ވަނީ 1951 ވަނަ އަހަރު އެވެ. މާނޭރު ނެރަށް ދޯންޏެއް ބަންޑުން ޖަހާލައިގެން މަންތެފޮޅެ ހަސަންބެއަ އާއި ދަށުކުބައިގޭ އަހުމަދުފުތުގެ އަލީފުތު ނިޔާވީ 1936 ވަނަ އަހަރުގަ އެވެ. މާނޭރު ނެރަށް ދޯންޏެއް ފެތިގެން ކުރީގެ ޖޫންޖުލާގެ، މިހާރުގެ ރިޔަލީ އަހުމަދު އިބްރާހީމް ދީދީ އާއި ފުނަމާގޭ އަބްދުﷲ އަލީ ނިޔާވީ 1980 ފެބުރުއަރީ 10ގަ އެވެ. ދިގުވާނޑު އަރުއްފަންނު ނެރަށް މާހިބުން ދުއްވުމަށް ފަހިކައިގެން އުޅުނު މީހުންގެ ތެރެއިން ސަލްޖަމްގޭ އަނީސާ އަބްދުއްރަހުމާން އާއި ލީކުވިލާ ހައްވާ ހަބީބާ އާއި ލުނބޯމާގޭ މަރްޔަމް ދީދީ އާއި ޗަނބޭލީގޭ ޚަދީޖާ މަނިކެ ނިޔާވީ 21 ޖޫން 1982 ގައެވެ. (މާހިބުން ދުއްވުމޭ ކިޔަނީ ޝައުބާން މަހުގެ 29 ވަނަ ދުވަހު، ރޯދަމަހަށް ތައްޔާރުވުުމުގެ ގޮތުން ފެންވަރައި ތާހިރުވެ ހެދުމަށް، މޫދަށް ދާ ދިއުމަށެވެ. މިދާ ދިއުމުގައި ކާށްޓާއި ހިކިމަސް ފަދަ އެއްޗެހި ގެންގޮސް ކައިބޮއި ހަދާނެ އެވެ.) މިހާދިސާ ހިނގީ ރާޅާއެކު އެމީހުން ދަމައި ބޭރުކޮށްގެންނެވެ. ހޯދަޑު އަވަށު ސާދާގޭ އަބްދުﷲ ސޯދިގު އެ އަވަށު އަނބުލު ނެރަށް ފައިބައިގެން އުޅެނިކޮށް ދަމައިގެންގޮސް ގެނބިގެން 20 އޭޕްރީލް 1988 ގައި ވަނީ ނިޔާވެފަ އެވެ. ރަސްގެފަންނު ބޭރުގައި އޮތް ބޯޓަކަށް ގޮސްފައި އެނބުރި ނެރުން ވަންނަނިކޮށް ބޮއްކުރާ ފެތިގެން ހެޕީކޯނަރ، ހަސަން ހުސެއިން ވަނީ 1985 އޯގަސްޓް 12 ގައި ނިޔާ ވެފަ އެވެ. ރަސްގެފަންނު ބޭރުގައި އޮތް ބޯޓަކަށް އަރަން އުޅުމުގެ ތެރޭގައި ކަނޑަށް ވެއްޓި މޯނިންގްލޯރީ އަބްދުއްލަތީފް 1972 ވަނަ އަހަރު ވަނީ ނިޔާވެފަ އެވެ. އައްޑުއަތޮޅުން ރަށަށް އައިސް މާނޭރު ނެރުން އެއްގަމަށް ލަފަނިކޮށް ނެގި ރާޅަކާ އެއްކޮށް ދޯނި ފެތިގެން އެ ދޯނިން އައި މިސްކިތްމަގު ރިއަލީ ފާތުމަތު އިބްރާހީމް ވަނީ ނިޔާވެފައެވެ. މި ހާދިސާ ހިނގީ 02 ޖެނުއަރީ 1990 ގަ އެވެ. ބާލިޔާ މުހައްމަދު އަބްދުﷲ އަރުއްފަންނު ނެރަށް މޫދަށް އެރި އުޅެނިކޮށް ދަމައިގެންގޮސް ވަނީ ނިޔާ ވެފައެވެ. ދަޑިމަގު ދޫރެސް، ސާއިދު މުހައްމަދު 03 މާޗު 1995 ގައި ނެރުގަނޑުން މޫދަށް ފައިބައިގެން އުޅެނިކޮށް ގެނބިގެން ވަނީ ނިޔާވެފައެވެ. 2015 ވަނަ އަހަރު މާނޭރަށް މޫދަށް ފައިބައި އުޅެނިކޮށް ހޮސްޕިޓަލުގައި މަސައްކަތް ކުރި ޕާކިސްތާނު ޑޮކްޓަރު ވަނީ އޮއިވަރުގައި ޖެހި ބޭރަށް ދަމައިގަނެގެން ގެއްލިފައެވެ. 19 ޖުލައި 2007 ވަނަ އަހަރު އަނބުލުން މޫދަށް ފައިބައި އުޅެނިކޮށް ދަމައިގެން ގޮސް ގޮމަތަނަގޭ މުހައްމަދު ސަލީމް ވަނީ ނިޔާވެފަ އެވެ. 04 މެއި 2012 ވަނަ އަހަރު އަރުއްފަނު ނެރުން ދަމައިގެން ގޮސް ނޫމާގޭ މުހައްމަދު ޝައްމު ވަނީ ނިޔާ ވެފައެވެ. ހާޖީ ކަލޭގެ މުހައްމަދު، ބޮޑުފަންނުން ދަމައިގެންގޮސް ވަނީ ނިޔާ ވެފަ އެވެ. މީނާ ނިޔާވި ތާރީހު އަދި ވަނީ އެނގޭ ގޮތް ނުވެފަ އެވެ. 1981 ވަނަ އަހަރު ހީނާޑިއެ ފަންނުން މޫދަށް ފައިބައި އުޅެނިކޮށް ހުވަނދުގޭ އަހުމަދު ދީދީ ވަނީ ދަމައިގެން ގޮސް ގެއްލިފައެވެ. 29 އޮކްޓޫބަރ 2017 ގައި އަރުއްފަންނުނެރުން ރާޅާއެކު ދަމައިގެންގޮސް ޒާވިޔާ އަބުދުﷲ އަފުރާޙު ވެސް ވަނީ ނިޔާވެފައެވެ. 1951 ވަނަ އަހަރު މަހަށް ނުކުމެ އުޅެނިކޮށް، މިރަށު އުތުރުކޮޅުގައި އޮންނަ ގަލްގޯނި ކިޔާ ސަރަހައްދުން ރާޅެއްގައި ޖެހި ބޮއްކުރާ ބަންޑުން ޖަހާލައިގެން ދިގުވާނޑު އެޅަދައިތާގެ ހަސަން ކަލޯ ވަނީ ނިޔާވެފަ އެވެ. ނެރު ހެދި ފަހުން ގިނަ މީހުން ނިޔާވެފައި ވަނީ މޫދަށް ފައިބައި އުޅެނިކޮށް ރާޅާއެކު ދަމައިގެން ގޮސް ބޭރުކޮށްގެންނެވެ.

އަޅުގަނޑުމެން ފުވައްމުލަކު ރައްޔިތުން އެންމެ ފަހުން ރޮއްވާލީ މާނޭރު ތެރެޔަށް ދަމައިގެން ބޭރުކުރި ދެ ކުއްޖަކު ސަލާމަތް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ގެނބިގެން މަރުވި ދޫނޑިގަން، ޔޫރޯ، އުމުރުން 17 އަހަރުގެ އަހުމަދު ފައުޒާންގެ މަރުންނެވެ. ރާއްޖޭގެ ގިނަ ރައްޔިތުންވެސް އަދި ހަނދުމަފުޅު ހުންނާނޭ ފަދައިން މިހާދިސާ ހިނގާފައި ވަނީ 09 ޖެނުއަރީ 2021 ގައެވެ.

ފުވައްމުލަކު ބަނޑަހަފަންނު ސަރަހައްދު --- ވީޑިއޯ: ފައިސަލް ނަސީމް އެފްބީ ޕޭޖް

ފުވައްމުލަކު ނެރުތަކުގެ ތެރެއިން އެންމެ ނުރައްކާތެރި ނެރެއްގެ ގޮތުގައި ކުރީއްސުރެ ފާހަގަކުރެވެމުން އަންނަނީ މާނޭރު ނެރެވެ. ސަބަބަކީ އެ ނެރުގެ ބޭރަށް ދަމާ އޮއިވަރު އާދަޔާ ހިލާފަށް ބާރުވުމާ އެކު ނެރުގެ ބޭރުކޮޅުގައި ނެރުގެ މެދާ ދިމާއިން ކުއްލިއަކަށް ފުންވެ އެނބުރޭ އޮއިވަރެއް ހުންނަ ހޮހޮޅަ ފާޑުގެ ތަންތަން ހުންނާތީ އެވެ. މިދެންނެވި ތަންތަނުން ބައެއް ފަހަރު ބޭރަށް ބައެއް ފަހަރު އެތެރެޔަށް އޮއިވަރާއެކު ލޮނުވައްދާއިރު އެއިން ދިމާލަކަށް މީހަކު ދިމާވެއްޖެ ނަމަ އެތާގައި އެމީހަކު ހިފަހައްޓައެވެ. ނެރުން ބޭރަށް ދަމައިގަތުމުން އެންމެ ރައްކާތެރި ގޮތަކީ ރަށަށް އެރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އެބޭރަށް ދަމާ އޮއިވަރުން ކެނޑެންދެން ރަށުގެ ދިގަށް ފެތުމެވެ. މާނޭރުން ނަމަ ފަތަން ވާނީ ރަށުގެ އުތުރުކޮޅަށެވެ. ނެރެގަނޑުންވެސް އުތުރުކޮޅަށެވެ. އޮއިވަރު ކެނޑުމުން ރަށަށް އެރުމަށް މަސައްކަތް ކުރާނީ އެވެ. މޫދަށް ފޭބުުމުގެ ކުރީން ބޭރަށް ދަމާ އޮއިވަރުގެ މިސްރާބު ބަދަލުވާ ދިމާ ވިސްނުމަކީ މުހިންމު ކަމެކެވެ.

ކޮންމެއަކަސް، ގެނބިގެންނާއި ދަމައިގަނެގެންނާއި އަދި މިނޫންވެސް ނެރުތަކާ ގުޅިފައިވާ ހިތާމަވެރި ހާދިސާތަކުގައި މި ރަށުގެ އެތައް ބަޔަކު ނިޔާވެ ގޮސްފައިވާއިރު، އެ ހިތި ހަނދާންތައް މި ރަށު ރައްޔިތުންނާ ވަކިވުމެއް ނެތެވެ. ރަށުގެ ވަށައިގެން ހުރި ނެރުތަކަކީ ރައްޔިތުންނަށް ބިރުވެރި ތަންތަނަށް ވެފައި އޮންތަނާ އެތައް އަހަރެއް ވެއްޖެ އެވެ. މި ނެރުތަކާ ގުޅިފައިވާ ހާދިސާތަކުގައި ނިޔާވެ އަޅުގަނޑުމެންނާ ވަކިވެގެން ދިޔަ އުޚުތުންނާއި އަޚުންގެ އަދަދު ދުވަހެއް ދުވަހަކަށް މި ދަނީ މައްޗަށެވެ.

ފުވައްމުލަކު މާނޭރުން ބަޔަކު ބޮއްކުރައެއްގައި ބޭރަށް ނުކުންނަނީ --- ވީޑިއޯ: ހިސްޓްރީ އޮފް މޯލްޑިވްސް އެފްބީ ޕޭޖު

މި ރަށު ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިކަމަށް އޮތް ދާއިމީ ހައްލަކީ ރަށުގެ ތިމާވެއްޓާ އެންމެ އެކަށޭނެ، ރައްކާތެރި ގޮތެއްގެ މަތީން މި ނެރުތައް ބަންދުކޮށްލުމެވެ. އެތަންތަނަށް އެރި އުޅެން ނުޖެހޭނެ ގޮތަކަށް ކަންކަން އިންތިޒާމުވެ ފަހިވެގެން ދިއުމެވެ. ރައްޔިތުންގެ ކުދިބޮޑު އެންމެންނަށް ރައްކާތެރިކަމާ އެކު މޫދު އުފާ ހޯދޭނެ ފަދަ ތަނަވަސް ފަތާ ފެންގަނޑެއްވެސް މިރަށަށް ލިބުމެވެ.

އެކި އެކި ހާދިސާތަކުގައި ގެނބިގެން ނިޔާވި އެންމެހައި ލޮބުވެތި އުޚުތުންނާއި އަޚުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި އެވެ. އަދި މިފަދަ ހާދިސާއެއް އިތުރަށް ތަކުރާރު ނުކުރައްވާށި އެވެ. އާމީން

އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ.