ގދ. ފަރެސްމާތޮޑާގައި ހެދުމަށް ނިންމާފައިވާ އެއާޕޯޓުގެ މަސައްކަތް ފަށައިފި އެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ބޭނުންވާ މެޝިނަރީޒް ސައިޓަށް ގެންދިޔައީ އިއްޔެ ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑު އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 144.8 މިލިއަން ރުފިޔާ އަށެވެ. އެއީ 600 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

އެމްޓީސީސީން ބުނީ ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގައި، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކުރުން ހިމެނޭ ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ބިން ހިއްކުމުގެ މަސައްކަތް ފެށި އެއާޕޯޓެކެވެ. އެގޮތުން އެ އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ގަލްފް ކޮބްލާ ކުންފުންޏާ އެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 2.5 މިލިއަން ޑޮލަރަށެވެ. ނަމަވެސް ފަހުން އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. އެ ކުންފުނިން އެއާޕޯޓްގެ ބިން ހިއްކައި ނިންމާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ.

މިދިޔަ ސަރުކާރުން ފަރެސްމާތޮޑާ އެއާޕޯޓް ހަދަން ހަވާލުކުރީ މެލޭޝިއާގެ ގްރިފޮން އެނާޖީ ކޯޕަރޭޝަނާ އެވެ. އެކުންފުންޏާއެކު ސަރުކާރުން ސޮއިކުރީ 2017 ވަނަ އަހަރުގެ މާޗު މަހުގެ ހަތް ވަނަ ދުވަހު އެވެ. ނަމަވެސް އެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަނުޖެހުމުން އެއްބަސްވުން ބާތިލްކުރި އެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިއަދު ވިދާޅުވީ މި އެއާޕޯޓުގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ނިންމާނެ ކަމަށެވެ.