ރިޕޯޓް

2020- ގައުމު ސަލާމަތްކުރުމުގެ އެންމެ މާތް، އަގުހުރި ގުރުބާނީއަށް "ސެލިއުޓް"!

އަލީ އަފާފް ރަމީޒު

"އޭޑީކޭގައި އެޑްމިޓް ކޮށްފައި އޮތް އަޅުގަނޑުގެ ބައްޕަޔަށް ކާއެތިކޮޅެއް ގެންދެވޭނެ އެއްވެސް ގޮތެއް ނެތިގެން ގޭކައިރިން ދިޔަ ފުލުހެއް ކައިރީ އެދުނީމަ ވަގުތުން ވިދާޅުވީ ކާއެއްޗެހި ހިފައިގެން އަވަހަށް ނިކުތުމަށް، ބައްޕަގެ ކާއެތިކޮޅު ފުލުހުން ގެންގޮސްދިނީ ޕޮލިސް ކާރުގަ. އަލްހަމްދު ﷲ. އެބޭފުޅުންގެ އެ އަގުހުރި ގުރުބާނީއަށް ޝުކުރު އަދާކުރާނީ ކިހިނެއް؟" މިއީ ކޮވިޑްގެ އެންމެ ބިރުވެރި ހާލަތުގައި ދިވެހި ފުލުހުން ދެއްކި ނަމޫނާއަށްޓަކައި މައްޗަންގޯޅި ދެކުނު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް މަމްނޫން ޝުކުރުއަދާކޮށް ވިދާޅުވެފައިވާ ބަސްކޮޅެކެވެ.

މިއަދުގެ ގައުމު ފަހުރުވެރިވާ، ގައުމީ ބަތޮލުންނަކީ ކޮބައިކަން ބުނުމުން އެއްވެސް ބަޔަކަށް ނޯޅޭނެކަން ޔަގީނެވެ. ގައުމަށް "ހީރޯ" އިންގެ ބޭނުން އެންމެ ބޮޑަށް ޖެހުނު ދަނޑިވަޅުގައި އެ ވާޖިބު ފުރިހަމައަށް އަދާކޮށްދިން ގައުމީ ބަތޮލުންގެ އަގު ވަޒަން ނުކުރާ އެއްވެސް ދިވެއްސަކު ނުހުންނާނެއެވެ. ކޮވިޑުގެ ބިރުވެރި "ވިލާގަނޑުން" މި ރާއްޖެ ސަލާމަތް ކޮށްދިނުމަށް ގައުމުގެ ބަތޮލުން އަތުގުޅާލައި އަމާން އައްސޭރިއަކަށް ގައުމު ގެންގޮސްދިނުމަށް އަދިވެސް އެ އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަހެއްގެ ބިރުވެރިކަން މުޅި ދުނިޔެ ކުޑަކަކޫމައްޗަށް ތިރިކުރިއިރު، މި ކުޑަކުޑަ ދިވެހި ރާއްޖެވެސް އޮތީ އެކަމަށް ތައްޔާރަކަށް ނޫނެވެ. ކޮވިޑްގެ ބިޔަ ރާޅު ރާއްޖެއަށް ބިންދާލައި، އެތައް ބަޔަކު އެ ބައްޔަށް ޕޮޒިޓިވް ވެ، މުޅި ގައުމުގައި "ބަންދު ބޯޑް" އަޅުވަން ޖެހުނެވެ. ރައްޔިތުން ހަދާނެ ގޮތް ހުސްވެ، ބަނޑަށް ޖެހިދާނެކަމުގެ ބިރަށް އުޅެން ޖެހުނު ގޮތް އަހަރެމެންގެ ހަނދާނުން ފޮހެވިގެން ނުދާނެއެވެ.

އެ ނާޒުކު ދަނޑިވަޅުގައި އެންމެ ކުރީގައި ސަފުތައް ރުކުރުވާލައި، ގައުމުގެ ސަލާމަތީ ބާރުތަކުން ދައްކުވައިދިން ނަމޫނާއަކީ ގައުމު އެކަމަށް ފަހުރުވެރިވާ ކަމެކެވެ. މުޅި ރާއްޖެ ލޮކްޑައުނަކަށް ގޮސް، މާލޭގައި ދިރިއުޅޭ ރައްޔިތުން ގޭގައި ބަންދުވި ވަގުތު އެންމެ ގާތުން އެހީތެރިކަން ފޯރުކޮށްދިން އެއް ބަޔަކީ ސަލާމަތީ ބާރުތަކެވެ.

ކޮވިޑްގެ އެންމެ ބިރުވެރި ހާލަތުގައި، އަމިއްލަ ފުރާނައަށް ބެލުމެއްނެތި ފުލުހުންނާއި ސިފައިން ނުކުމެ، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިން ގޮތީ ފުރިހަމަ ނަމޫނާ އެކެވެ. އެ ބިރުވެރި ވަގުތުގައި ފުލުހުންނާއި ސިފައިން އަމިއްލަ އާއިލާތަކާއި ދުރުގައި، އަނބިދަރީން ދޫކޮށް، ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް ކުރެއްވި މަސައްކަތްތަކަކީ މުޅި ގައުމު ފަހުރުވެރިވާނޭ ހިދުމަތްތަކެކެވެ.

ރެއާއި ދުވާލު ހަމަނިދި ނުލިބި، ގައުމު އެދި ގޮވާލި ކޮންމެ ކަމަކަށް އިޖާބަދިނީ ހިނިތުންވުމާއެކުއެވެ. އޯގާތެރިކަމާއެކު ދައްކުވައިދިނީ ސަލާމަތީ ބާރުތަކުން ގައުމަށްޓަކައިވާ ލޯތްބާއި ރައްޔިތުންނަށްޓަކައި ވެދާނެ ގުރުބާނީއެވެ. ކުރިއަށް އޮތް ޖީލުތަކަށް ސަލާމަތީ ހިދުމަތްތަކުން ނަގައިދެމުންދަނީ ނަމޫނާ ފިލާވަޅުތަކެކެވެ. އަދިވެސް އެންމެ ފުރަތަމަ ދުވަހެކޭ އެއްފަދައިން، އެ އަޒުމުގައެވެ.

ސަލާމަތީ ހިދުމަތްތަކުން، ފުލުހުންނާއި ސިފައިން ރައްޔިތުންނަށް ދިނީ އިތުބާރެވެ. ހިތްހަމަޖެހުމެވެ. އެ ވަރުގަދަ ފައުޖުތަކުގެ ތެރެއިން ފަހަރަކު މީހަކު ފަހަރަކު މީހަކު ކޮވިޑަށް ޕޮޒިޓިވް ވެ އެކަހެރިވަމުން ދިޔަ ވަގުތުގައި ވެސް ރައްޔިތުންނަށް ދިނީ ތަސައްލީ އެވެ. ދެމި ތިބީ ހިދުމަތުގަ އެވެ. ޕޮޒިޓިވް ވާ މީހާ ބަލީން ފަސޭހަވާ ވަގުތުން ފެށިގެން އަނެއްކާވެސް ރައްޔިތުން ސަލާމަތްކުރުމުގެ ވަރުގަދަ ގައުމީ ހަނގުރާމައާ ގުޅެނީ އެވެ. ބުނަމުން ދިޔައީ އެއް ވާހަކަ އެކެވެ. އެންމެ ފަހު މީހާއާ ހަމަޔަށް ޖެހެންދެން ވެސް ގައުމީ ހިދުމަތުގައި، ގައުމު ސަލާމަތްކުރުމުގައި ދެމިތިބޭނެ ކަމުގައެވެ.

ސަލާމަތީ ހިދުމަތްތަކުން އެމީހުންގެ ވާޖިބު އަދާކުރުމުގައި މުޅި ގައުމަށް ސަފުތައް ރުކުރުވާލައިގެން، ރައްޔިތުންނަށް ހިދުމަތުގައި ސާބިތުކަން ދައްކަމުން ދިޔައިރު ކޮވިޑު ހަނގުރާމައިގެ އެންމެ ހައްސާސް، އެންމެ ނާޒުކު ފަށައިލައިގެ ތެރޭގައި ތިބީ ސިއްހީ ހިދުމަތްތެރީންނެވެ. ސިއްހީ ހިދުމަތްތެރިން "ކަށިން" ހިތްވަރު ނެރެ، ކޮވިޑާ ކުރިމަތިލީ މިއީ އެމީހުންގެ ހަޔާތުގައި ކުރިމަތިވި އިންސާނިއްޔަތުގެ އެންމެ ވަރުގަދަ އިމްތިހާނު ކަމަށް ބަލައިގެންނެވެ. ގައުމީ ހިދުމަތުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވުމުގައި އެމީހުންގެ ހަށީގައި ނެތް ހިތްވަރާއި ހަމަޔަށް ގައުމީ ލޯތްބާއި ޖޯޝު ނެރެގެން ދައްކައިދިނީ ރައްޔިތުންގެ ލޮލުން ކަރުނަ ފޭދިގެންދިޔަ އަސަރުގަދަ މަންޒަރުތަކެކެވެ. ޅަދަރި މައިން ދަރީން ދޫކުށް، މުސްކުޅި މައިންބަފައިން ދޫކޮށް، ފޮށި ތަންމައްޗަށް އެއްޗެހި އަޅައިގެން ގެދޮރު ދޫކޮށް، ކޮވިޑު ބަލީގައި އެޑިމިޓުކުރާ މީހުންނަށް ފަރުވާދިނުމަށް ސިއްހީ އެހީތެރީން އެކި ތަންތަނުގައި ފުރަބަންދުވެގެން ތިބެ އެ ދިން އިންސާނީ ހިދުމަތަކީ ގައުމުގެ ދުލުން ޝުކުރު ޖިޒީ ހުސްނުވެ އަބަދުމެ ތަކުރާރު ވާނޭ ފަދަ މާތް ހިދުމަތެކެވެ.

ހާލަތުގެ އެންމެ ނާޒުކު ވަގުތުގައި ސިއްހީ ހިދުމަތްތެރީން މަދުވެ، އެ މީހުންނަށް ނުތަކާ ވަރަށް ހޮސްޕިޓަލުތަކުގެ ކިޔު ބޮޑުވެ، ބަލި މީހުން ގިނަވެގެން ދިޔައެވެ. އެ ހާލަތުގައި ސިއްހީ ހިދުމަތްތެރީން ދެއްކީ އެމީހުން ވެގެން ތިބި ހުވައިގެ އަގަށްވުރެ ބޮޑު އެއްޗެއް ނެތް ކަމެވެ. އިންސާނިއްޔަތަށް ހިދުމަތް ކުރުމާއި ގައުމަށްވުރެ އެހެން އެއްވެސް ކަމެއް އިސް ނުކުރެވޭނެ ކަމެވެ. މާސް ނަގައިލާނެ ވަގުތުކޮޅެއް ވެސް ނުލިބުމުގެ ސަބަބުން ސިއްހީ އެތައް ހިދުމަތްތެރީންނެއްގެ މޫނުމަތީން ފެންނަމުން ދިޔައީ ރަތް އަރާފައި ހުންނަ މަންޒަރެވެ. ވަރުބަލިވެގެން ގޮސް ތިބި ތަނަށް ތިރިވެ ކުޑަ ނިދިކޮޅެއް ލިބިގަތުމަށް ފަހު އަނެއްކާވެސް ހިންދެމިލަނީ ބަލިމީހުންނަށް ފަރުވާ ދިނުމަށެވެ. ކޮން ފަދަ އަގުހުރި ހިދުމަތެއް ތޯއެވެ؟

ރެޕިޑް ރެސްޕޮންސް ޓީމް (އާރްއާރްޓީ)ގެ ސިއްހީ ހިދުމަތްތެރިންގެ ވާހަކަ ނުހިމެނޭނަމަ މި ލިސްޓް ފުރިހަމައެއް ނުވާނެއެވެ. ސާމްޕަލް ނެގުމުގައި އެންމެ އިސް ދައުރެއް އަދާ ކުރި ޓީމަކީ އާރްއާރްޓީއެވެ. އަމިއްލައަށް އިސްނަގައިގެން އާރްއާރްޓީއަށް އެތައް ޒުވާނުންނެއް ގުޅުނެވެ. ގައުމަށް އެންމެ ބޭނުންވި ވަގުތު އެތައް ޒުވާނުންނެއް "ފްރޮންޓް ލައިން" އަށް ނުކުމެ ދެއްކީ ނަމޫނާއެވެ.

އާރްއާރްޓީމްގެ ހަމައެކަނި މަސްއޫލިއްޔަތަކީ ކޮވިޑް ސާމްޕަލް ނެގުމެއްވެސް ނޫނެވެ. ކޮވިޑްގެ ބަލި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމަކީ ވެސް، އާރްއާރްޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ރައްކާތެރިވުމުގެ ގޮތުން އަޅަން ޖެހޭ ޕީޕީއީ އާއެކު އެއްވެސް ވަރުބަލިކަމެއްނެތި، ހިތްވަރާއެކު ހިނިތުންވުމާއެކު އެޓީމް ކުރަމުން އަންނަނީ ވަރަށްވެސް ފުރިހަމަ މަސައްކަތެކެވެ.

ކޮވިޑާ ގުޅިގެން އެކުލަވައިލި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)އަށް "ވޮލަންޓިއަރު"ން ބޭނުން ޖެހުނު ދަނޑިވަޅުގައި އެންމެ ކުރީސަފުގައި މަސައްކަތް ކުރަން ނުކުތް އެތައް ޒުވާނުންނެއް އަދިވެސް އެއްވެސް ވަރުބަލިކަމެއްނެތި އެ އަންނަނީ މަސައްކަތް ކުރަމުންނެވެ. ކޯލް ސެންޓަރުން ފެށިގެން ބަލި މީހުންގެ ހާލު ބެލުމާ ހަމައަށް ވޮލަންޓިއާ ކުރި ޓީމްތައް މަދެއް ނޫނެވެ. މަސައްކަތްތައް އެހާމެ ފުރިހަމައެވެ.

ގައުމަށް އެންމެ ބޭނުންވި ވަގުތު ގައުމީ ބަތޮލުން ނުކުމެ، މިއަދު ދައްކަމުން އަންނަ ނަމޫނާ މަންޒަރުތަކަކީ ކޮންމެ ދިވެއްސަކުވެސް ފަހުރުވެރިވާނޭ މަންޒަރުތަކެކެވެ. ސަލާމަތީ ހިދުމަތްތަކުން ފެށިގެން، ސިއްހީ ހިދުމަތްތެރިންނާއި ވޮލައިންޓިއަރުން ކުރަމުން އަންނަ ބުރަ މަސައްކަތްތައް ހަނދާނުން ނުފޮހެވޭނެކަން ޔަގީނެވެ. ގައުމު އާދޭސް ކުރަމުންދިޔަ ދަނޑިވަޅުގައި ހިތްވަރާއެކު ވަތަނޫީ ރޫހު ނެރެ، ގައުމީ ހިދުމަތަށް ނުކުތް "ހީރޯ" އިންނަށް މުޅި ގައުމު ފަހުރުވެރިވެ، ޝުކުރު އަދާކުރެއެވެ. އެ އެންމެން އެކުރާ އަގުހުރި މާތް މަސައްކަތަށް ހައްގީ ފުރިހަމަ ސެލިއުޓެކެވެ.