މިމަހުގެ މިހާތަނަށް ދުވާލަކަށް އެވްރެޖްކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 3000 އިން މައްޗަށް އަރައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިމަހުގެ އެކަކުން އިއްޔެގެ ނިޔަލަށް ދުވާލަކަށް އެވްރެޖްކޮށް 3085 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މިއީ ރާއްޖޭގެ ބޯޑަރު ޖުލައި 15 ގައި ހުޅުވި ފަހުން ދުވާލަކަށް އެވްރެޖްކޮށް އަންނަ ފަތުރުވެރިންގެ އަދަދު 3000 އިން މައްޗަށް އެރި ފުރަތަމަ ފަހަރެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބު ދައްކާ ގޮތުން ރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ދުވަހުގެ އަދަދު ވެސް މިމަހުގެ ތެރޭގައި ވަނީ ނުވަ ދުވަހަށް އިތުރުވެފަ އެވެ.
ދުވާލަކަށް އެވްރެޖްކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 3000 އިން މައްޗަށް އަރާފައިވާއިރު، އިއްޔެ އަކީ ކޮވިޑަށްފަހު އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން ރާއްޖެ ޒިޔާރަތްކުރި ދުވަހެވެ.
އެގޮތުން އިއްޔެ ރާއްޖެއަށް 6037 ފަތުރުވެރިން އައިސްފައިވެ އެވެ. މިއީ ބޯޑަރު އަލުން ހުޅުވި ފަހުން 6000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ދުވަހެވެ. މީގެ ކުރިން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ. އެއީ 5674 ފަތުރުވެރިންނެވެ.
މި އަދަދާއެކު ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 159،440 އަށް އަރައިފަ އެވެ. އަދި މިއަހަރުގެ މިހާތަނަށް 542،287 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވެ އެވެ.
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް