ރިޕޯޓް

މަސައްކަތް ނުރައްކާވެފައި ބުރަ، އެކަމަކު އެލަވެންސެއް ނުލިބޭ!

އަހުމަދު ސާއިލް އަލީ

2

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް ފަހު ކަރަންޓީންވުމަށް ޝަރުތުކޮށް މާލޭން ރަށްރަށަށް ދިއުން ހުއްދަ ކުރުމާއެކު އެންމެ މަސައްކަތް ބުރަވި ބަޔަކަށްވީ އަތޮޅުތެރޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ މުވައްޒަފުންނެވެ. އެ ރަށެއްގައި ކަރަންޓީންވުމަށް ދާ މީހުންގެ ކަންކަން ހަމަޖެއްސުމާއި ކަރަންޓީންގައި ތިބޭއިރު ކޮންމެ ދުވަހަކު ހާލު ބެލުމާއި ކަރަންޓީންގެ މުއްދަތު ހަމަވުމުން ސާމްޕަލް ނަގައި އެ ސާމްޕަލްތައް ޓެސްޓް ހަދަން ފޮނުވުން ފަދަ އެތައް ކަމެއް އާއްމު މަސައްކަތުގެ ޝެޑިއުލްއަށް އިތުރުވެއްޖެ އެވެ. އެއާއެކު އެ ހިދުމަތްތެރިންގެ ޝަކުވާތައް ވަނީ އިތުރުވާން ފަށައިފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދޭ ފްރަންޓްލައިން އެލަވެންސް، މާލޭގައި މަސައްކަތް ކުރާ މީހުންނަށް ދިން ނަމަވެސް އަތޮޅުތެރޭ މުވައްޒަފުންނަކަށް ނުލިބެ އެވެ. މަސައްކަތް އިންތިހާއަށް ބުރަވިއިރު އެލަވަންސެއް ނުލިބުމަކީ އެ މުވައްޒަފުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

"މާލޭގައި ވެސް އެ ކުރަނީ މަސައްކަތް. ރަށްރަށުގައި ވެސް މިކުރަނީ މަސައްކަތް. ސާމްޕަލް ނެގަން މި ދަނީ ހަމަ ރިސްކެއްގައި. ދެން ކީއްވެގެންތޯ މާލޭގެ މުވައްޒަފުންނަށް އެލަވެންސް ދޭއިރު ރަށްރަށުގެ މުވައްޒަފުންނަށް ނުދޭންވީ،" އަތޮޅުތެރޭ ސިއްހީ މަރުކަޒެއްގެ ވެރިއަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވި އެވެ.

ސްކޫލް ބަންދާ ދިމާކޮށް މާލޭން ރަށްރަށަށް ކަރަންޓީން ވުމަށް ގިނަ ބަޔަކު ވަނީ ގޮސްފަ އެވެ. އެ މީހުންގެ ސާމްޕަލް ނެގުމަށް ކޮންމެ ރެޔަކުހެން ސިއްހީ މަރުކަޒުތަކުގެ މުވައްޒަފުން ހޭލާ ތިބެން ޖެހެ އެވެ. ސާމްޕަލް ނެގުމަށް ދަންވަރާއި ފަތިހު އުޅުމަށް ފަހު އަނެއްކާ ހެނދުނު މަރުކަޒަށް ރަސްމީ މަސައްކަތު ނުކުންނަން ޖެހެ އެވެ. ސާމްޕަލް ނެގުމަކީ ނުރައްކާތެރި ވެސް މަސައްކަތަކަށް ވާއިރު އޯވާ ޓައިމްގެ އިތުރުން އެހެން އެއްވެސް އެލަވެންސެއް އަތޮޅުތެރޭގައި މަސައްކަތް ކުރާ މުވައްޒަފުންނަކަށް ނުލިބެ އެވެ.

"ބައެއް ރޭރޭ ދަންވަރު ފަށާ ގޮތަށް ނިމެނީ ހެނދުނަށް. ރޭ އެކަނިވެސް 52 މީހުންގެ ސާމްޕަލް ނެގިން. ދަންވަރު މަސައްކަތް ކޮށްގެން ހެނދުނަށް ނިންމާލެވެނީ. ހެނދުނު އެ ސާމްޕަލްތައް ޖެހޭ އަތޮޅު ފެރީއަށް ލާން. އޭރުން އެ ދުވަހު ޓެސްޓް ހަދަން ފޮނުވެނީ،" މެދު ރާއްޖެތެރޭ ރަށެއްގެ ސިއްހީ މަރުކަޒުގެ އިސް މުވައްޒަފަކު މަސައްކަތް ބުރަކަން ވިދާޅުވީ މިގޮތަށެވެ.

ސާމްޕަލް ނެގުމުގައި ސިއްހީ މަރުކަޒާ ހަވާލުވެ ހުންނަ މީހާ އާއި ނަރުހުންގެ އިތުރުން ތަރުޖަމާނާއި އެމްބިއުލާންސް ޑްރައިވަރު ވެސް ގިނަ ރަށްރަށުގައި ބައިވެރިވެ އެވެ. ރޭގަނޑު ދަންވަރާއި ފަތިހު މަސައްކަތް ކުރުމަށް ފަހު އަނެއްކާ ހެނދުނު ރަސްމީ މަސައްކަތަށް ދާން ޖެހުމާއެކު އެ މީހުންގެ މަސައްކަތް މިދުވަސްވަރު ވަނީ ވަރަށް ބުރަވެފަ އެވެ.

އުތުރުގެ ރަށެއްގެ ސިއްހީ މަރުކަޒުގެ އިސް މުވައްޒަފަކު ނަން ނުޖަހަން ޝަރުތުކޮށް ވިދާޅުވިގޮތުގައި އެ ރަށުގައި ސާމްޕަލް ނެގުމާއި ކޮވިޑް-19އާ ގުޅޭ ކަންކަމުގައި އުޅޭ މުވައްޒަފުންގެ މައުލޫމާތު ދެ ފަހަރެއްގެ މަތިން ވަނީ ހެލްތް މިނިސްޓްރީގެ އެދުމަށް ފޮނުވައިފަ އެވެ. ނަމަވެސް މިހާތަނަށް އެއްވެސް އެލަވެންސެއް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ. މާލޭގައި މަސައްކަތް ކުރާ މީހުންނަށް އެލަވެންސް ލިބިފައި އަތޮޅުތެރޭގެ މުވައްޒަފުންނަށް އެލަވެންސް ނުލިބޭތީ ގިނަ މުވައްޒަފުންތަކެއް ޑީމޯޓިވޭޓް ވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކުރި މަސައްކަތާއި މަސައްކަތުގެ ތަފްސީލް ހިމެނޭ ގޮތަށް ދެ ފަހަރު ފޯމް ފުރައި ފޮނުވައިފިން. އޭގެ ފަހުން ވެސް އެތައް ދުވަހެއް. އަދި ލިބޭކަމެއް ވެސް ނުލިބޭ ކަމެއް ވެސް ނޫނީ ލިބޭނެ ވަރެއް ވެސް ނޭނގެ. އެކަމާ ގުޅިގެން ބިދޭސީ މުވައްޒަފުންގެ ޝަކުވާ ކުރުން އަދި ވަރަށް ގިނަ،" ޝަކުވާ ކުރަމުން އެ މުވައްޒަފު ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ސުވާލު ކުރުމުން، ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އޮފިޝަލަކު ވިދާޅުވީ އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަން ލަސްވެގެން އުޅެނީ ފޯމް ފުރުމުގައި ދިމާވެގެން އުޅޭ މައްސަލަތަކެއްގެ ސަބަބުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ކޮވިޑް-19އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ދޭ ފްރަންޓްލައިން އެލަވެންސްގެ ގޮތުގައި އޮގަސްޓް މަހުގެ ނިޔަލަށް 33.2 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ. ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި ދުވާލަކު، 500-250 ރުފިޔާއާ ދެމެދުގެ އަދަދެއް ދޭން ނިންމާފައިވަނީ މެއި ހަތްވަނަ ދުވަހު އެވެ.

ފްރަންޓްލައިން އެލަވަންސް ދެނީ ތިން ގިންތިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހައިރިސްކު ކެޓަގަރީގައި ހިމެނޭ ފަރާތްތަކަށް މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 500 ރުފިޔާ ދޭއިރު މީޑިއަމް ރިސްކު ކެޓަގަރީއަށް ދުވާލަކަށް 250 އަދި ލޯ ރިސްކު ކެޓަގަރީއަށް 200 ރުފިޔާ ދުވާލަކަށް ދެ އެވެ.

ސާމްޕަލް ނެގުމަށް ރޭގަނޑުގެ ބޮޑުބައެއް ހޭދަ ކުރަން ޖެހުމާއެކު އަތޮޅުތެރޭ ސިއްހީ މަރުކަޒުތަކުގެ މުވައްޒަފުންނަށް މިވަނީ ބުރަ ބޮޑުވެފަ އެވެ. މާލޭގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެލަވެންސް ލިބުނު ނަމަވެސް އަތޮޅުތެރޭ މުވައްޒަފުންނަށް އެ އެލަވެންސް ނުލިބުމަކީ އެ މީހުންގެ ޝަކުވާއެކެވެ. އެކަމަށް އަވަސް ހައްލެއް އެ މީހުން ބޭނުންވެ އެވެ.