އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ކޯލިޝަންގެ ފަރާތުން އަންނަ ހޮނިހިރު ދުވަހުގެ ރޭ، ކާނިވާ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

އެ ޖަލްސާއާގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ޕީޕިއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި "ވިސްނާ"ގެ ނަމުގައި ޖަލްސާއެއް ބޭއްވުމުގެ ހުއްދައަށް އެދި މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދަށް ސިޓީ ފޮނުވައި، ފުލުހުންގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފައިވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެޗްޕިއޭ އިން އަލަށް ނެރުނު ގައިޑްލައިންގެ ދަށުން ޖަލްސާއެއް ބާއްވަން އެޗްޕީއޭއިން ހުއްދަ ނަގަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް އެ ޖަލްސާގެ މައުލޫމާތު އެ އެޖެންސީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާނެ ކަމަށާއި އަދި މިއީ ގައިދުރުކޮށް ކޮވިޑްގެ ހާލަތަށް ފެތޭ ގޮތަށް، ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިގެން ބާއްވާ ޖަލްސާއެއް ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.

މާލޭގެ އިތުރުން އަތޮޅުތަކުގެ އެކި ރަށްރަށުގައި ވެސް އިދިކޮޅު ކޯލީޝަންގެ ޖަލްސާތައް ބޭއްވުމަށް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން މާދަމާރޭ ޅ. ނައިފަރުގައި އަދި 26 ވަނަ ދުވަހުގެ ރޭ ގއ. ވިލިނގިލީގައި ޖަލްސާއެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.