ކޮވިޑް-19 އަށް ފަހު އެއް ދުވަހެއްގެ ތެރޭގައި 5،600 އަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކޮށްގެން، އިއްޔެ އާ ރެކޯޑެއް ގާއިމްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ އައި 5،674 ފަތުރުވެރިންނަކީ ބޯޑަރު އަލުން ހުޅުވި ފަހުން އެއް ދުވަހެއްގައި 5،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައި ފުރަތަމަ ދުވަހެވެ.

މި އަދަދާއެކު ބޯޑަރު ހުޅުވާލި ފަހުން އިއްޔެގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 132،803 އަށް އަރައިފަ އެވެ. އަދި މިއަހަރު ޖުމްލަ 515،650 ފަތުރުވެރިން އައިސްފައިވެ އެވެ.

އިއްޔެ އަކީ ވެސް ރާއްޖެއަށް ރެކޯޑް އަދަދަކަށް ޓޫރިސްޓުން އައި ދުވަހެކެވެ. އެއީ 4،796 ފަތުރުވެރިންނެވެ. މިއީ ބޯޑަރު ހުޅުވާލި ފަހުން 4،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި ދެވަނަ ދުވަހެވެ. މީގެ ކުރިން އެ އަދަދަށްވުރެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އެއީ 4،191 ފަތުރުވެރިންނެވެ.

އިއްޔެ ރާއްޖެއަށް ރެކޯޑް އަދަދަކަށް ފަތުރުވެރިން އައިސްފައިވާއިރު، ޖަރުމަންގެ އެންމެ މަގުބޫލު ލެޝާ އެއާލައިން ކޮންޑޯގެ ދަތުރުތައް އިއްޔެ ވަނީ އަލުން ފަށައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ބޯޑަރު ހުޅުވާލި ފަހުން އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ރަޝިއާ އާއި އަވަށްޓެރި އިންޑިއާގެ އިތުރުން އިނގިރޭސި ވިލާތުންނެވެ.

އެގޮތުން ރަޝިއާ އިން 25،677 ފަތުރުވެރިން އައިސްފައިވާއިރު އިންޑިއާއިން 22،015 ފަތުރުވެރިން އައިސްފައިވެ އެވެ. އަދި އިނގިރޭސި ވިލާތުން އައި އަދަދު ވަނީ 15،397 އަށް އަރައިފަ އެވެ.