އިލެކްޝަންސް ކޮމިޝަން

ޖުމްލަ 114 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފި، ގިނައީ އެމްޑީޕީގެ ކެންޑިޑޭޓުން

އަލީ ޔާމިން

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް 114 ކެންޑިޑޭޓަކު ނަން ނަގާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފި އެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް 117 ކެންޑިޑޭޓަކު ނަން ނަގާފައިވާ ކަމަށާއި ނަން ނެގި ކެންޑިޑޭޓުންގެ ތެރޭގައި އެންމެ ގިނައީ އެމްޑީޕީގެ ކެންޑިޑޭޓުން ކަމަށެވެ.

"114 ފަރާތަކުން ނަން ނަގާފައި އެބަވޭ. އޭގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބުގެ 74 ފަރާތަކުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 40 ފަރާތަކުން އެބަވޭ ނަން ނަގާފައި" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް ނަން ނެގީ އެމްޑީޕީގެ 26 ކެންޑިޑޭޓަކާއި ޕީޕިއެމްގެ 13 ކެންޑިޑޭޓަކާއި ޖޭޕިގެ ހަތް ކެންޑިޑޭޓަކާއި އެމްޑީއޭގެ ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ކުރިމަތިލާފައި ތިބި 29 ކެންޑިޑޭޓުން ކަމަށެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ނަން ނެގީ އެމްޑީޕީގެ 25 ކެންޑިޑޭޓަކާއި ޕީޕީއެމްގެ ތިން ކެންޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރަ 12 ކެންޑިޑޭޓެކެވެ.

ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން މަހުގެ 23 ގައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. ނަމަވެސް ކޮވިޑުގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު އަންނަ އަހަރަށް ފަސްކުރިއެވެ.

އިލެކްޝަން ކޮމިޝަނުން މިހާރު މަސައްކަތް ކުރަމުން އަންނަނީ އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހު ނުވަތަ 13 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބޭއްވުމަށެވެ.