ކޮވިޑް ވެކްސިންގެ ސަބަބުން އެއްވެސް ސައިޑްއިފެކްޓެއް ކުރިމަތިވޭތޯ ބެލުމަށް އެ ވެކްސިން ޖަހާ މީހުން އެއް އަހަރު ވަންދެން މޮނީޓާ ކުރާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ޑރ. ނަޒްލާ ވިދާޅުވީ ވެކްސިން ބޭނުން ކުރާ ހުރިހާ މީހުންނަށް އޭގެ ސަބަބުން އަސަރުތަކެއް ނުކުރާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ނުދެވޭނެ ކަމަށާއި އެންމެ އާދައިގެ ޕެނެޑޯލްގައިވެސް ސައިޑް އިފެކްޓްސް ހުންނާނެ ކަމަށެވެ.

ވެކްސިނުގެ ސަބަބުން ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑުތޯ ބެލިގެންދާނެ ކަމަށާއި އެހެން ނަމަވެސް ކުދި ކުދި ކަންތައްތައް ބައެއް ފަހަރު ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެކަންކަން މޮނީޓާ ކުރެވޭނެ ނިޒާމެއް ގާއިމް ކުރެވިގެންދާނެ ކަމަށް ވެސް ނަޒްލާ ވިދާޅުވިއެވެ.

"އެހެން ނަމަވެސް އެ ކުދި ކުދި ކަންތައް މޮނީޓާ ކުރެވޭނެ ނިޒާމެއް ގާއިމް ކުރެވޭނެ. ހާއްސަކޮށް މި ވެކްސިނަކީ އާ ވެކްސިނަކަށްވީމަ މުޅި ދުނިޔޭގައި ވެކްސިން ޖަހާ މީހުން އެއް އަހަރު ވަންދެން ފޮލޯއަޕް ކުރެވޭނެ އެމީހުންނަށް އެއްވެސް ކަހަލަ ސައިޑް އިފެކްޓެއް އާދޭތޯ،" ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ވެކްސިން ޖަހާ އެހެން ގައުމުތަކުންވެސް ފާހަގަ ކުރެވޭ ކަންކަން ރާއްޖެއާއެކު ހިއްސާ ކުރަމުންދާނެ ކަމަށެވެ. އަދި ވިދާޅުވީ ވެކްސިން ޖަހަން ޝަރުތު ހަމަވާ ހުރިހާ މީހުންނަށްވެސް ވެކްސިން ދެވިގެންދާނެ ކަމަށެވެ.

ޕްރޮގްރާމްގައި މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ނައިބު ރައީސް ޑރ. މުހައްމަދު އަލީ ވިދާޅުވީ ރާއްޖެއަށް ގެންނާނީ ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ގަބޫލުކުރާ ވެކްސިންތައް ކަމަށެވެ. ވެކްސިން ޖަހާނެ ވަކި އުމުރުފުރާތައް އަދި ނިންމާފައި ނުވާ ކަމަށާއި ނަމަވެސް އެކަންކަން ފަހުން އިއުލާން ކުރެވިގެންދާނެ ކަމަށެވެ.

މުހައްމަދު އަލީ ވިދާޅުވީ ފުރަތަމަ ފޭސްގައި ވެކްސިން ދޭނީ އުމުރުން 50 އަހަރުން މަތީގެ މީހުންނާއި ހައިރިސްކް މީހުންނަށް ކަމަށެވެ. އެގޮތުން ވެކްސިން ލިބޭ މިންވަރަށް ބަލައި، ވެކްސިން ދެމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭގެ އިތުރަށް އެންމެ އަވަހަށް ޖަހަން ޖެހޭ މީހުންގެ ކެޓަގަރީތަކެއް ކަނޑައަޅައި އެކަންކަމުގެ އިންތިޒާމްތައް ވެސް ހަމަޖެހިގެންދާނެ ކަމަށެވެ.