ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ބޭހާއި ވެކްސިން އަދި މެޑިކަލް ސާމާނު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ގާއިމުކުރާ "ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީ"ގެ ބިންގާ އަޅައި، އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ "ރެސްޕޮންސިވް ކޮވިޑް-19 ވެކްސިނޭޝަން ފޯ ރިކަވަރީ ޕްރޮޖެކްޓް" (އޭޕީވީއޭއެކްސް) ގެ ދަށުން، ހެލްތް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގީލާ ވިދާޅުވީ، މިއީ ރާއްޖޭގެ ސިއްހީ ދާއިރާގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ހިންގުމަށްޓަކައި އެޅި ވަރަށް މުހިންމު ބިންގަލެއް ކަމަށެވެ. މިއީ ދުރުރާސްތާއަށް ބަލާއިރު ސިއްހީ ނިޒާމު ވަރުގަދަކުރުމަށް ކުރާ އަގުހުރި އިންވެސްޓްމަންޓެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ އިމާރާތުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އިދާރީ މަސައްކަތްތަކާއި، މެންޓަލް ހެލްތު ޑިޕާޓްމަންޓް އަދި ސިއްހީ ދާއިރާގެ ރެގިއުލޭޓަރީ ބޯޑުތަކާއި ކައުންސިލްތައް ހިމެނޭހެން ގިނަ ހިދުމަތްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ފެސިލިޓީގެ ސަބަބުން ތަކެތި ރައްކާކުރުމަށް ކުއްޔަށް ހިފާފައިވާ ތަންތަނަށް ކުރަންޖެހޭ ހަރަދުތައް ބޮޑުތަނުން ސަލާމަތްވެ، ދައުލަތުގެ ބަޖެޓަށް ލުއިވެގެންދާނެ ކަމަށެވެ. އަދި ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، އިދާރީ ހިންގުން އިތުރަށް ހަލުވިވެގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.
މުހައްމަދު އިޝާން
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް
މިނިސްޓްރީ އޮފް ހެލްތް
ކޮމެންޓް