ރަޝިޔާއިން ކެންސަރަށް ވެކްސިން އުފައްދައިފި ކަމަށާއި އަންނަ އަހަރު އެ ވެކްސިން ބޭނުންކުރަން ފަށާނެ ކަމަށް އެގައުމުން ބުނެފިއެވެ.

ރަޝިޔާ ސަރުކާރުން ބުނެފައިވާ ގޮތުގައި، އެގައުމުން އުފައްދާފައިވާ ކެންސަރު ވެކްސިން ކާމިޔާބެވެ. ބޭނުން ކުރަން ފަށާނީ އަންނަ އަހަރު ކުރީ ކޮޅު ކަމަށް ވެސް ވަނީ ބުނެފައެވެ.

ރަޝިޔާގެ މިނިސްޓްރީ އޮފް ހެލްތުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، ރަޝިޔާއިން އުފެއްދި މި ވެކްސިން ބަލިމީހުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ހިލެއެވެ.

ވެކްސިން އާންމުން ބޭނުނު ކުރުމުގެ ކުރިން ހަދާފައިވާ ޓެސްޓުތަކުން ވަނީ ވެކްސިންގެ މަސައްކަތް ކާމިޔާބު ކަމަށް ދައްކާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަޝިޔާއިން ކެންސަރަށް ވެކްސިނެއް އުފެއްދިކަން އިއުލާން ކޮށްފައިވާއިރު މިއަހަރު ކުރީކޮޅު ރައީސް ވްލަޑިމިއަ ޕޫޓިން ވެސް އާންމުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅެއްގައި ވަނީ އެ ގައުމުން ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތަށް ކާމިޔާބު ލިބި ކެންސަރާ ދެކޮޅަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ނިމުމަކާ ހަމައަށް ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ.

ރަޝިޔާގެ އޮފިޝަލުން ވަނީ އެ ވެކްސިން މަސައްކަތް ކުރުމުގައި ހަށިގަނޑުގެ ދިފާއީ ނިޒާމަށް ކެންސަރު ސެލް ދެނެގަނެވި އެއަށް ހަމަލާ ދިނުމުގެ ގާބިލުކަން ލިބިފައިވާ ކަމަށް ބުނެފައެވެ. މީގެ އިތުރުން ކެންސަރު ޖެހިފައިވާ މީހާގެ ކެންސަރު ސެލް އިތުރަށް އުފެދި ބޮޑުވުން ލަސްކޮށް ސެލް ނައްތައިލުމުގައި މެދުވެރިއަކަށްވެގެންދާކަމަށް ފާހަގަކޮށްފައި ވެއެވެ.