މި ދުވަސްވަރު ފެތުރެމުންދާ އިންފުލެއެންޒާގެ ވައްތަރެއް ކަމަށްވާ "އެން1އެން1، އެޗް3އެން2" އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް-19 އަދި އިންފުލުއެންޒާއިން ރައްކާތެރިވުމަށް އެންމެ މުހިންމީ ވެކްސިން ޖެހުން ކަމަށެވެ.

"ހާއްސަކޮށް ކުޑަކުދިން، އުމުރުން ދުވަސްވީ މީހުން އަދި ދިގު މުއްދަތަށް ފަރުވާ ކުރަންޖެހޭ ބަލިތައް ހުންނަ ފަރާތްތަކުން ވެކްސިން ޖެހުމުން ބަލީގައި ބޮޑުވަރުވުމުން ރައްކާތެރިކޮށްދޭ،" އެޗްޕީއޭ އިން ބުންޏެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު އަދި ޑިސެމްބަރު މަހާ އަޅައިބަލާ އިރު، މިއަހަރުގެ މިހާތަނަށް އިންފުލުއެންޒާއަށް ޕޮޒިޓިވްވާ މިންވަރު އިތުރުކަމަށް އެޗްޕީއޭ އިން ބުންޏެވެ. މި ދުވަސްވަރު، ސަރަހައްދީ ގައުމުތަކުގައި ވެސް އިންފުލުއެންޒާ، ކޮވިޑް-19 އަދި އަރިދަފުސް ރޯގާތައް އިތުރުވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ސްކޫލް ބަންދާ ދިމާކޮށް ދަތުރުފަތުރުކުރުން އިތުރުވުމާ ގުޅިގެން ރާއްޖޭގައި ވެސް އިންފުލުއެންޒާ އިތުރުވަމުންދާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

  • މިދިޔަ ސެޕްޓެމްބަރު: 41 މީހަކު ޕޮޒިޓިވްވެފައިވޭ
  • މިދިޔަ އޮކްޓޯބަރު: 46 މީހަކު ޕޮޒިޓިވްވެފައިވޭ
  • މިދިޔަ ނޮވެމްބަރު: 24 މީހަކު ޕޮޒިޓިވްވެފައިވޭ
  • މިދިޔަ ޑިސެމްބަރު: 24 މީހަކު ޕޮޒިޓިވްވެފައިވޭ
  • މިމަހުގެ މިހާތަނަށް: 19 މީހަކު ޕޮޒިޓިވްވެފައިވޭ

އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު އަލީ އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންފްލެއެންޒާގެ ވައްތަރެއް ކަމަށްވާ "އޭ އެޗް1އެން1" ޖެހިގެން މީހަކު މަރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ "އޭ އެޗް1އެން1" ފެތުރޭތާ ހަފުތާތަކެއް ވެފައިވާ ކަމަށެވެ. އެ ބަލި ޖެހުމުގެ ސަބަބުން ނިއުމޯނިއާއަށް ޕޮޒިޓިވްވި ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"30 ދުވަހުގެ ތެރޭގައި އެ ބަލި ޖެހިގެން އެކަކު ވަނީ މަރުވެފަ،" ޑރ. މުހައްމަދު އަލީ ވިދާޅުވެފައިވެއެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވެފައިވަނީ އިންފްލެއެންޒާ ފެތުރުނު ނަމަވެސް، ޕެންޑަމިކަކަށް ބަދަލުނުވާނެ ކަމަށެވެ.

އިންފްލުއެންޒާ ޖެހި ފުރާނައަށް ނުރައްކާ ހިސާބަށް ދިއުމުން ރައްކާތެރިވުމަށް، ވެކްސިން ޖެހުން މުހިންމު ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އަދި އާސަންދައިން އެ ވެކްސިން ކަވަރުކުރާނެކަން ވެސް ޑރ. މުހައްމަދު އަލީ ފާހަގަކުރެއްވިއެވެ.