ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދިން މައްސަލައިގެ ޝަރީއަތުގައި ދައުލަތުގެ ވަކީލުންގެ ޓީމުގައި ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެ އެވެ.
މި މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕީޖީގެ ސަމާލު ކަމަށް ގެނައި މައްސަލައެކެވެ. އަދި މި މައްސަލައިގައި ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ އަމަލެއް ހިމެނޭ ކަމަށް ފެނިވަޑައިގެން ޕީޖީއަށް ލިބިދޭ ބާރުގެ ދަށުން މި މައްސަލަ ތަހުގީގު ކުރުމުގެ އަމުރެއް ފުލުހުންގެ މައްޗަށް ނެރުއްވި އެވެ.
ޕީޖީ އޮފީހުން މިއަދު ބުނީ، 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ ތެރޭގައި ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުން އަންނަ އުމުރުން 18 އަހަރު ނުފުރޭ ކުދިންތަަކަށް އެތަނުގައި މަސައްކަތްކުރި މުވައްޒަފުންތަކެއްގެ ފަރާތުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަސަރުކުރުވާ ގޮތަށް އަދި އެކުދިންގެ ކަރާމާތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހަ މީހަކަށް ދައުވާ ކުރުމަށް މިމަހުގެ ނުވަ ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ޕީޖީ ޝަމީމު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި މައްސަލައަކީ ގާނޫނުއަސާސީގެ 233 ވަނަ މާއްދާގެ (ޅ)ގެ ދަށުން އޭނާއަށް ލިބިދޭ ބާރުގެ ދަށުން ތަހުގީގުކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރުއްވި ދެވަނަ މައްސަލަ ކަމަށެވެ.
"މި މައްސަލައިގައި ބައިވެރިވާ މީހުންނަށް މިއަދު މިވަނީ ދައުވާ އުފުލާފައި. މި މައްސަލައިގައި ކޯޓަށް ހާޒިރުވެ ދައުވާކުރަން ދިއުމަކީ ލިބޭ އުފަލެއް،" ޝަމީލު ވިދާޅުވި އެވެ.
ޕީޖީ އޮފީހުން ބުނީ، މި މައްސަލައިގައި ޕީޖީ ޝަމީމު ބައިވެރިވެ ވަޑައިގަންނަވާނީ ދައުލަތުގެ ވަކީލުންގެ ޓީމަކާ އެކުގައި ކަމަށެވެ.
ކުޑަކުދިންގެ ހިޔާގެ ކުދިންތަކަކަށް އަނިޔާކުރި މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާ އުފުލައިދިނުމަށް ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕީޖީއަށް ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.
ޕީޖީ އޮފީހުން ބުނީ، މި މައްސަލައިގައި މިހާތަނަށް ދައުވާ ހުށަހަޅާފައިވާ މީހުންނާއި އެ މައްސަލައިގައި ޝާމިލުވާ އިތުރު މީހުން ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ އިތުރު ޖިނާއީ ކުށުގެ މައްސަލަތައި ތަހުގީގުކުރުމުގެ މަސައްކަތް ތަހުގީގީ އިދާރާތަކުން ކުރަމުން ގެންދާ ކަމަށެވެ. އެ މައްސަލަތައް ނިމި، އެ އޮފީހަށް ލިޔުންތައް ލިބުމުން ހެއްކާއި ގަރީނާގެ މައްޗަށް ބަލައި، އެ މައްސަލަތަކުގައި ވެސް ދައުވާކުރަން ޖެހޭ ކަމަށް ފެންނަ މީހުންގެ މައްޗަށް ދައުވާކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް އެ އޮފީހުން ބުނެ އެވެ.
ހުސެއިން ޝަމީމް
ހުސެއިން ޝަމީމް