ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް މަރާލުމުގެ ގޮތުން މަރުތެލޭތަކުން ހަމަލާދިން ކަމަށް ބުނާ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު އަހުމަދު ވަން އޮންލައިންއަށް މިއަދު ވިދާޅުވީ، އެ މައްސަލަ އަންނަ ހޯމަ ދުވަހުގެ ކުރިން ހައިކޯޓަށް ހުށަހަޅުއްވާނެ ކަމަށެވެ.

ޝަމީމަށް ހަމަލާދިން މައްސަލައިގައި ހަތް މީހެއްގެ މައްޗަށް ދައުވާކުރި ނަމަވެސް، އެ މީހުންގެ މައްޗަށްކުށް ސާބިތު ނުވާކަމަށް މިމަހު 13 ގައި ކުރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އެ މައްސަލައިގައި ދައުވާކޮށްފައި ވަނީ ރ. އަލިފުށި/ ރިވެލި، މިދުހަތު އާދަމް (24އ)، ލ. ގަން، ތުނޑި/ ޖަވާހިރުވިލާ، މުހައްމަދު ޖަޒްލާން، މާލޭ/ ދަފްތަރު ނަންބަރު 2247، އަހުމަދު މައިސާން ހާޝިމް (20އ)، ތ. ގާދިއްފުށި/ މުސްތަރީގެ، ޝަމާލް ހުސެން (21އ)، އދ. މާމިގިލި/ ކެމީހިޔާ، ޒަޔާން ނަސީރު (23އ)ގެ އިތުރުން ތ. ދިޔަމިގިލި/ ރުވާ، އަބާން އަބްދުއްހައްނާން (23އ) އަދި ލ. މާމެންދޫ/ މުރިނގު، ރަޖުވާން ލަތީފް (22އ) އަށެވެ.

ދައުލަތުން އެ ހުރިހާ މީހުންގެ މައްޗަށް ކޮށްފައިވަނީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާތަކަށް އެ މީހުން ވަނީ އިންކާރުކޮށްފައެވެ.

ދައުލަތުން ދައުވާ ލިބޭ މީހުންގެ މައްޗަށް ކުށް ސާބިތުކުރުމުގެ ގޮތުން ވަނީ ޝަމީމު ހެއްކެއްގެ ގޮތުގައި ހުށަހަޅައިފައެވެ. ޝަމީމަށް ހަމަލާދިން މަންޒަރު ފެނުނު މީހުންނާއި މައްސަލަ ތަހުގީގުކުރި ފުލުހުން ދައުލަތުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ. އަދި ވަނީ ފުލުހުން ތައްޔާރުކޮށްފައިވާ ވީޑިއޯ އެނަލިސިސްގެ ވީޑިއޯއެއް ހުށަހަޅައިފައެވެ. އެއީ ދައުވާ ރައްދުވާ ފަރާތްތަކުގެ މަންޒަރުތައް ދައްކުވައިދޭ އެނަލިސިސްއެކެވެ. މީގެ އިތުރުން ދައުވާ ރައްދުވާ ފަރާތްތަކަކީ ގޭންގަކަށް ނިސްބަތްވާ ބައެެއްކަން ސާބިތުކުރުމުގެ ގޮތުން އެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ އެނަލިސިސް ރިޕޯޓެއް ވަނީ ހުށަހަޅައިފައެވެ.

އަދި ވަނީ ފުލުހުންގެ ތެރެއިން ގޭންގު ކުށްތަކުގެ ދެ ތަޖުރިބާކާރު ފުލުހަކު ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ.

ކުރިމިނަލް ކޯޓުން މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެ މައްސަލަ ބެލުމަށްފަހު މައްސަލައިގެ ރައުޔު އިއްވަމުން ގާޒީ އިބްރާހީމް އިހުސާން ވިދާޅުވީ ދައުވާލިބޭ މީހުންނާ ދެކޮޅަށް މައިގަނޑު ހެއްކެއްގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވަނީ ސީސީޓީވީ ފޫޓޭޖެއް ކަމަށެވެ. ނަމަވެސް އެއީ ސައްހަ ފޫޓޭޖެއްކަމާ މެދު ސުވާލު އުފެދޭކަމަށް ގާޒީ ވިދާޅުވިއެވެ.

އެގޮތުން ދައުވާ ލިބޭ މީހުން ޝަމީމަށް ހަމަލާދިންކަމަށް ދައުލަތުން ފާހަގަކުރާ ވަގުތާއި ސީސީޓީވީ ފޫޓޭޖުން ފެންނަން ހުރި ވަގުތު ތަފާތުކަމަށް ގާޒީ ވިދާޅުވިއެވެ. ހާދިސާ ހިނގި ވަގުތާއި ހުށަހަޅާފައިވާ އެކި ފުޓޭޖުތަކުގެ ގަޑިއާ ފަރަގުހުރި ސަބަބު ދައުލަތުން ސާފުކޮށްދީފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ހާދިސާ ހިނގި ވަގުތާއި ސީސީޓީވީ ފޫޓޭޖުގައި ހުރި ވަގުތު ދިމާނުވާކަން ތަހުގީގު މަރުހަލާ އަދި ދައުވާކުރުމުގެ މަރުހަލާގައި ދައުލަތަށް ފާހަގަކުރެވުމުންވެސް އެކަން ހިނގައިދިޔަގޮތް ޝަރީއަތަށް ސާފުކޮށްދެވިފައިނުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

ގާޒީ ވިދާޅުވީ ސީސީޓީވީ ފުޓޭޖުގައި ވަގުތު ތަފާތުވުމުން، އެ ފުޓޭޖުން ފެންނަނީ ދައުވާ ރައްދުވާ މީހުންކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

މީގެ އިތުރުން ގާޒީ ވިދާޅުވީ މި މައްސަލައިގައި އަނިޔާވި ފަރާތަކީ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށާއި ޕްރޮސިކިއުޓާ ޖެނެރަލަށް ހަމަލާދިންކަމަށް ތުހުމަތުވާ މީހުންނާ ދެކޮޅަށް ހުށަހަޅާފައިވާ އެންމެ މުހިންމު ހެކީގެ ސައްހަކަމާ މެދު ސުވާލު އުފެދުމުން، އެކަމަށް ޖަވާބުދާރީނުވުމަކީ ދައުވާ ސާބިތުނުވާކަން ކަނޑައަޅަންޖެހޭ ސަބަބެއް ކަމަށެވެ.

އެކަންކަން ފާހަގަކޮށް ކުރިމިނަލް ކޯޓުގެ ގާޒީ ހުކުމްކުރެއްވީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާ އެއްވެސް މީހެއްގެ ސާބިތުވާކަމަށް ކަނޑައަޅަން އެކަށީގެންވާ ހެކި ދައުލަތުން ހުށަހަޅާފައިނުވާތީ ދައުވާ ސާބިތުނުވާ ކަމަށެވެ.

ދައުލަތުން މީގެ ކުރިން ވިދާޅުވެފައިވަނީ ޝަމީމަށް ހަމަލާދިނުމުގެ ކަންކަން ރޭވީ މިދުހަތު ކަމަށެވެ. މިދުހަތު ރޭވީ ޝަމީމް ނޫރު މިސްކިތް ކައިރީގައި ހުއްޓައި ގޮސް ހަމަލާދިނުމަށެވެ. މިދުހަތު އެ ހަމަލާ ރޭވީ އިތުރު ބަޔަކާއެކު ކަމަށް ދައުލަތުން ވިދާޅުވިއެވެ. ޝަމީމުގެ ބޮލުގައި މަރުތޭލަކުން ޖަހައިފައިވަނީ މިދުހަތު ކަމަށް ވެސް ދައުލަތުން ވިދާޅުވެފައިވެއެވެ.

ޝަމީމަށް ހަމަލާ ދިނުމަށް މިދުހަތު ރޭވި ރޭވުމުގައި ޖަޒްލާން ހިމެނޭ ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. ދައުލަތުން ވިދާޅުވެފައިވަނީ ޝަމީމަށް ހަލަމާ ދިނުމުގެ ގޮތުން މިދުހަތު ނޫރު މިސްކިތް ކައިރިއަށް ގެންދިޔައީ ޖަޒްލާން ކަމަށެވެ. މިދުހަތު ނޫރު މިސްކިތް ކައިރިއަށް ގެންދިއުމަށް ޖަޒްލާން ބޭނުންކުރި ސައިކަލް ހޯދައިދީފައިވަނީ މައިސާން ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.

އެ މައްސަލައިގައި ދެން ދައުވާ ލިބޭ މީހުން ތިބީ ޝަމީމަށް ހަމަލާދީ ނިމެންދެން ކާރެއްގައި އެ ސަރަހައްދުގައި މަޑުކޮށްގެން ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ. އެ މީހުން އެ ސަރަހައްދުން ގޮސްފައިވަނީ ޝަމީމަށް ހަމަލާދިން މީހުންނާއެކު ކަމަށް ދައުލަތުން ވިދާޅުވެފައިވެއެވެ.