"އަދަދު" ނޫހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން ހިންގާ ތަހުގީގަށް ހާޒިރުކުރި ސ. މީދޫ/ އައިޝަތު އީޝާ އަޝްރަފަށް، ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ފުލުހުން ދީފައިނުވާކަމަށް އޭނާގެ ގާނޫނީ ވަކީލު، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.
"އައިޝާ" ޑޮކިއުމެންޓްރީގެ ތަހުގީގަށް އީޝާ ރޭ ހުޅުމާލެ ފޮލިސް ސްޓޭޝަނަށް ހާޒިރުވެފައިވާއިރު މިއަދުވަނީ ހެންވޭރު ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފައެވެ.
ޝަމީމު މިއަދު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުލުހުން މިއަދު އީޝާއަށް ކޮށްފައިވަނީ މައިގަނޑު ގޮތެއްގައި ތިން ސުވާލެއް ކަމަށެވެ. އެ ސުވާލުތަކަކީ ކޮބައިކަން ޝަމީމް ހާމަނުކުރެއްވި ނަމަވެސް ވިދާޅުވީ ސުވާލުގައި ފާހަގަކުރި ކަންކަމަށް އީޝާވަނީ އިންކާރުކޮށްފައި ކަމަށެވެ.
"ގަޒްފުކުރިކަމަށް ތުހުމަތުކުރަނީ، އަޅުގަނޑުމެން ސާފުކުރަން އެހިން ކާކާތޯ އެކަމެއް ކުރީ. އެ ސުވާލަކަށް ފުލުހުން ޖަވާބެއް ނުދޭ،" ޝަމީމް ވިދާޅުވިއެވެ.
"ދެން އަޅުގަނޑުމެން ދިފާއުގަ ވާހަކަދައްކަން ފުރުސަތަކަށް އެދުނީމާ، ދިފާއުގައި ވާހަކަދައްކާކަށް ފުރުސަތެއް ނުއެއްދެއްވާ. ހަމަ އެއްގޮތަކަށް ވެސް ދިފާއުގައި ވާހަކަދައްކާކަށް ފުރުސަތެއް ނުއެއް ދެއްވާ"
ނަމަވެސް ބަޔާނުގައި، ދިފާއުގައި ވާހަކަދައްކަން ފުރުސަތު ނުދިންކަމަށް ފުލުހުން ފާހަގަކުރި ކަމަށާއި މި މައްސަލައިގެ ތަހުގީގުގައި އީޝާގެ ބަޔާން ނިމުނީކަމަށް ފުލުހުން މައުލޫމާތު ދީފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ރޭ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ އީޝާ، ބޭނުންވަނީ ހުރިހާ ތަފުސީލެއް ތަހުގީގަށް ކިޔައިދޭންކަމަށް ކަމަށެވެ. ޝަމީމް ވިދާޅުވެފައިވަނީ މައްސަލައިގެ ތަހުގީގަށް ބަޔާންދިނުމަށް އީޝާ އެއްބަސްވެފައިވާ ކަމަށެވެ. އީޝާ، ބަޔާން ދިނުމުން އެކަމާ ގުޅޭ އިތުރު މައުލޫމާތު ދޭނެކަމަށް ޝަމީމް ވިދާޅުވެފައިވެއެވެ.
އީޝާއަކީ މި މައްސަލައިގައި އަނިޔާ ލިބިފައިވާ ފަރާތެއް ނުވަތަ ވިކްޓިމްއެއްކަމަށް ޝަމީމު ވިދާޅުވެފައިވެއެވެ. ކުރިއަށް އޮތް ތަނުގައި އީޝާ ވިކްޓިމްއަކަށްވި ގޮތްވެސް މީޑިއާތަކަށް ހާމަކުރާނެކަމަށް ޝަމީމު ވިދާޅުވެފައިވެއެވެ.
މައްސަލައިގެ ތަހުގީގަށް ބޭނުންވާ ވަރަށް ފުލުހުންނަށް މިހާރު މައުލޫމާތު ލިބިފައިވާކަމަށްވެސް ޝަމީމު ވިދާޅުވެފައިވެއެވެ.
މި މައްސަލާ ގުޅިގެން "އަދަދު" ނޫހަށް ފުލުހުންވަދެ އެތަން ބަލާ ފާސްކުރީ މިދިޔަ މަހުގެ 27 ގައެވެ.
މި މައްސަލައަކީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުގެ ތުހުމަތުކޮށް އުފައްދާފައިވާ ޑޮކިއުމެންޓްރީއަކާ ގުޅިގެން ހިންގާ ތަހުގީގެކެވެ. މި މައްސަލައިގައި އަދަދުގެ ސީއީއޯ ހުސެއިން ފިޔާޒާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ފަސް ޖިނާއީ ތުހުމަތެއް ފުލުހުން ކުރެއެވެ. އޭގެ ތެރޭގައި ގަޒްފުގެ ކުށާއި، ކުށެއް ކުރުމަށް ރޭވުމާއި ބައިވެރިވުމުގެ ތުހުމަތު ހިމެނެއެވެ.
މި މައްސަލައިގައި އެ ދެ މީހުން ވެސް ވަނީ ފުލުހަށް ހާޒިރު ކޮށްފައެވެ.
މި މައްސަލާގައި ހަސަން އާއި ފިޔާޒުގެ އިތުރުން، ޑޮކިއުމެންޓްރީއަށް މައުލޫމާތު ދިންކަމަށް ތުހުމަތުކުރާ އައިޝަތު އީޝާ އަޝްރަފްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ.
މުހައްމަދު އިޝާން
ހުސެއިން ޝަމީމް
ހުސެއިން ޝަމީމް