ރާއްޖޭގައި ކޮވިޑް ޖެހުނު އިތުރު މީހަކު މަރުވެ ރާއްޖޭގައި ކޮވިޑް މަރުގެ ޖުމުލަ 48 އަށް އަރައިފި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ކޮވިޑް ޖެހިގެން މިއަދު މަރުވެފައި 69 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އައި މީހެއް ކަމަށް ވެސް އެނގިފައި ވެއެވެ.
ވަން އަށް އިތުރަށް އެނގިފައިވާ ގޮތުގައި، މި މައްޔިތާގެ ކަށުކަމާކެމީގެ ކަންކަމުގެ ތައްޔާރީތައް ހުޅުމާލޭ އާސަހަރާ މިސްކިތުގައި މިހާރު ދަނީ ކުރިޔަށެވެ. ކަށުނަމާދު އަދި ވަޅުލާ ވަކި އިރެއް އަދި ޔަގީނެއް ނުވެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ހާއްސަ ގައިޑްލައިންތަކާ އެއްގޮތަށް، ކޮވިޑްގައި މަރުވާ މީހުންގެ ޖަނާޒާގެ ކަންކަން ކުރިޔަށް ގެންދަނީ ސިއްހީ ވަރުގަދަ ފިޔަވަޅުތައް އަޅައިގެން ތިބޭ ސިފައިންނެވެ.
ކޮވިޑް ބަލީގެ މީހަކު ރާއްޖޭގައި އެންމެ ފަހުން މަރުވެފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު އެވެ.
މިއަދުގެ މަރާއެކު މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ 41 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.
ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19