މީހުންގެ އެހީތެރިކަމާއެކު ދައުލަތުގެ އިދާރާތަކުން ހިދުމަތްތައް ހޯދުމުގެ ސަގާފަތް މިހާރުން މިހާރަށް ބަދަލުކުރާން ވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް ޓްރާންސްޕޭރެންސީ އެންޑް އެންޓި ކޮރަޕްޝަން ކޮންފަރެންސް ނިންމުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވީޑިއޯ މެދުވެރިކޮށް ރައީސް ދެއްވި މެސެޖުގައި ވިދާޅުވީ ދައުލަތުގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވެގެންދާ ގޮތަށް ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށެވެ.
އެގޮތުން އެއް ކަމަކީ ޕްރޮކިއުމަންޓްގެ މައްސަލަ ކަމަށާއި އެއީ ދައުލަތުގެ އިދާރާތަކަށް ބޭނުންވާ ތަކެތި ހޯދުމުގައި ގެންގުޅޭ ހަމަތަކާއި އުސޫލުތައް ކަމަށެވެ. ދެވަނަ ކަމަކީ ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ބީލަމުގެ ކަންތައް ރޭވިފައި ހުރި ގޮތް ކަމަށާއި ތިންވަނަ ކަމަކީ ދައުލަތުގެ އިދާރާތަކުން ހިދުމަތް ދިނުމުގައި އަމަލުކުރެވޭ ގޮތްތައް ކަމަށެވެ. މީގެ އިތުރަށް ވަޒީފާ ދިނުމުގައި އަމަލުކުރަމުން އައި ގޮތް ވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"ދައުލަތުގެ އިދާރާއަކުން ކަމެއްކުރަން ނުވަތަ ހިދުމަތެއް ހޯދަން ނުވަތަ ވަޒީފާއެއް ހޯދަން ނުވަތަ ބީލަމެއް ހުށަހަޅަން ބޭނުންވިޔަސް، ކޮންމެ މީހަކަށްވެސް މިހާރު ގަބޫލުކުރެވިފައި އޮންނަނީ އެކަމެއް ހާސިލުކުރެވޭނީ، އެ އިދާރާގެ ކޮންމެވެސް މީހެއްގެ އެހީތެރިކަމާ އެކުގައި ކަމަށް. މިހެންވުމުން، އެންމެ ފުރަތަމަވެސް ބަލަނީ ތިމަންނަގެ ރައްޓެއްސެއް ނުވަތަ ރައްޓެއްސެއްގެ ރައްޓެއްސެއް ނަމަވެސް އެތަނެއްގައި ހުރިތޯ. މިއީ ހަގީގަތުގައިވެސް ކަން ހިނގަމުން އައި ގޮތް. މިހާހިސާބުން އެފެށެނީ، ހަމަ އާއި އުސޫލުން ބޭރުން ކަންތައްތައް ކުރުމުގެ އާދަ. މިއީ މިހާރުން މިހާރަށް ބަދަލު ކުރަންޖެހިފައިވާ ސަގާފަތެއް،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެ ވާހަކަ ދައްކާ މީހާވެސް ކޮރަޕްޝަނާ ދުރުވުން ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް ގާއިމުކުރި ޕޯޓަލަށް މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް 1081 މައްސަލަ ހުށަހަޅައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދައުލަތުގެ ހުރިހާ އިދާރާތަކަށް ރައްދުވާ މައްސަލަތައް އެބަހުރި ކަމަށެވެ.
އެގޮތުން މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކާއި ކައުންސިލްތަކަށް ރައްދުވާ މައްސަލަތައް އެބަހުރި ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކަށާއި ގާނޫނީ އަދި ޝަރުއީ އިދާރާތަކަށާއި ފުލުހާއި އެމްއެންޑީއެފްގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ރައްދުވާ ގޮތަށް ހުށަހެޅިފައި ހުރި މައްސަލަތައް ވެސް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު