ފުޓުބޯޅައިގެ އެންމެ ވާދަވެރި ދެކުޅުންތެރިން، އެންމެ މޮޅު ދެކުޅުންތެރިންގެ ކުރިމަތިލުމަކަށް އަބަދުވެސް ގިނަ ބަޔަކު އިންތިޒާރުކުރެއެވެ. މި ޖީލު އަދި ދުނިޔޭގެ ތާރީހުވެސް ދުށް، އެންމެ މޮޅު ދެކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯއާއި ލިިއޮނަލް މެސީގެ ކުރިމަތިލުންތަކަކީ މުޅި ދުނިޔެވެސް އިންތިޒާރުކުރާނެ ކުރިމަތިލުންތައް ކަމަށްވާއިރު، މިއަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބާސެލޯނާއި ޔުވެންޓަސް ޖެހުމަކީ ފުޓުބޯޅަ ސަޕޯޓަރުންނަށް ބޮޑު އުފަލެކެވެ. މެސީ އާއި ރޮނާލްޑޯގެ ކުރިމަތިލުންތަކެއް ފެންނާނެތީއެވެ.

ރެއާލް މެޑްރިޑަށް ރޮނާލްޑޯ ކުޅުނުއިރު، ކޮންމެ އެލްކްލެސިކޯއަކީ ރޮނާލްޑޯއާއި މެސީގެ ކުރިމަތިލުމެއް ނަމަވެސް ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވި ހިސާބުން އެ ކުރިމަތިލުންތަކަށް ނިމުން ގެނައެވެ. އެކިއެކި ޕްލެޓްފޯމްތަކުގައި މީގެ ކުރިން 36 މެޗުގައި މެސީއާއި ރޮނާލްޑޯ ކުރިމަތިލާފައި އޮތްއިރު، މިއަހަރުގެ ގްރޫޕް ސްޓޭޖު ފުރަތަމަ ބުރުގައި ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. އޭރު ރޮނާލްޑޯ ހުރީ ކޮވިޑް 19 ޖެހިގެންނެވެ.

ރޭ ބާސާގެ ކޭމްޕް ނޯގައި ކުޅުނު މެޗު 3-0 އިން ޔުވެންޓަސް އިން ކާމިޔާބު ކޮށްފައިވާއިރު، މެޗުގައި ރޮނާލްޑޯ ވަނީ ދެ ގޯލް ޖަހައިފައެވެ. ރޮނާލްޑޯގެ އިތުރުން ދެން ގޯލް ޖެހީ، މެކެންޒީއެވެ.

ރޮނާލްޑޯ ރޭގެ މެޗުގައި ޖެހި ދެ ޕެނެލްޓީއާއެކު އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި 134 ގޯލް ހަމަކޮށްފައެވެ. ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުގައި ހުރި ރޮނާލްޑޯއާއި މެސީ އެއްކޮށް، އެ މުބާރާތުގައި 252 ގޯލް ޖަހާފައިވެއެވެ. ރޮނާލްޑޯއާއި މެސީގެ ކުރިމަތިލުންތަކުން އަދިވެސް ކުރިލިބެނީ މެސީއަށެވެ. އެ ދެކުޅުންތެރިން ކުރިމަތިލި 36 މެޗުގެ ތެރެއިން 16 މެޗު މެސީ ކާމިޔާބުކުރި އިރު، ރޮނާލްޑޯ ކާމިޔާބުކުރީ 11 މެޗެވެ.

ރޭގެ މެޗުގައި ބާސާގެ ފަރާތުން ގޯލަށް އަމާޒުކޮށް އުފެއްދި ހަތް ހަމަލާއަކީވެސް މެސީގެ ފަރާތުން އުފެއްދި ހަމަލާތަކެވެ. އެ ހަމަލާތަކުގެ ހުރަހަކަށްވީ އުމުރުން 42 އަހަރުގެ އިޓަލީ ގޯލްކީޕަރު ޖިއާންލުއީޖީ ބުފޮންއެވެ. މެޗަށް ނުކުތްއިރު ދެޓީމުވެސް ކޮލިފައިވެފައި އޮތުމުން ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ދެޓީމުންވެސް ވަނީ ފުރަތަމަ 11 އަށް ގެނެސްފައެވެ. ރޭގެ މެޗު މުހިއްމުވީ އެއްވަނަ ހޯދުމަށެވެ. އެކަން ހާސިލްކުރީ ޔުވެންޓަސްއިންނެވެ.