ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޝްވަރާ ކުރައްވައި އެއްބަސްވެ ވަޑައިގެންފިނަމަ މިހާރު މިއޮތް ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މންބަރު މުހައްމަދު ނިހާދު ވިދާޅުވެއްްޖެއެވެ.

ނިހާދު މިހެން ވިދާޅުވީ ރާއްޖޭގައި މިއޮތް ވެރިކަމުގެ ނިޒާމަކީ ދިވެހި ރައްޔިތުންގެ ވޯޓަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި، ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން މި ނިޒާމު ބަދަލު ނުކުރެވޭނެ ކަމަށް ކުރީގަ ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅު ވުމާ ގުޅިހެން އެމަނިކުފާނަށް ރައްދު ދެއްވައެވެ.

ނިހާދު ވިދާޅުވީ ނިޒާމު ބަދަލު ކުރުމުގައި މަޖިލީހުގެ ރައީސް އާއި ގައުމުގެ ރައީސް މަޝްވަރާކޮށް އެއްބަސް ވެއްޖެނަމަ ދެންހުރި ކަންތައް ކުރެވޭނެ ކަމަށެވެ. އަދި ވޯޓަކުން ނިންމި ކަމެއް ވޯޓަކުން ބަދަލުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު މިއޮތް ވެރިކަމުގެ ނިޒާމު، ދެފަރާތަކުން މަޝްވަރާ ކޮށްލައިގެން ބަދަލު ނުކުރެވޭނެ ކަމަށް ރައީސް މައުމޫނު ވިދާޅުވީ، "އާސްކް ސްޕީކާ" ނަމުގައި ރޭ ޕީއެސްއެމުން ގެނެސްދިން ޕްރޮގްރާމްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

އެ ޕްރޮގްރާމްގައި މަޖިލިސް ރައީސް ވަނީ، ވެރިކަން ކުރަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށާއި ރާއްޖޭގައި ގިނަ ދުވަހު ވެރިކަން ކޮށްފައި ވަނީވެސް އެނިޒާމަށް ކަމަށް ވިދާޅުވެފަ އެވެ. އަދި ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަން ބަދަލު ކުރުމާ މެދު އެންމެ ފުރަތަމަ މަޝްވަރާކުރައްވާނީ ރައީސް ސޯލިހާ ކަމަށާއި ސިޔާސީ ކަންކަން އަބަދުވެސް ރައީސް ސޯލިހާ ހިއްސާކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.