އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ހިންގާފައިވާ ކަމަށް އެއްބަސް ވެފައިވާ، އެ ކަމުގައި ހިމެނޭ އެންމެ އިސް ދެ މީހުން ކަމުގައިވާ، ކުރީގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބުދުﷲ ޒިޔަތުގެ މައްޗަށް ހުކުމް އިއްވުމަށްފަހު، އެ ދެމީހުން ގޭގައި ތިބުމުން ބާ ކައުންސިލްގެ މެންބަރު، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަދި މަޝްހޫރު ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ފާޑު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި އެކަމަށް ފާޑު ވިދާޅުވެ، އެންމެ ބޮޑެތި ކޮރަޕްޝަންގެ ކުށް ސާބިތުވި ދެމީހުން ޖަލުގައި ނުބައިތިއްބައި، ގޭގައި ތިބެވެނީ ހަމަ އިއްތިފާގުންތޯ ވަނީ ސުވާލު ކުރައްވައިފައެވެ. އަދި އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހެޔޮފުޅުކަމުންތޯ، ވެސް މުއިއްޒު ވަނީ ސުވާލު ކުރައްވައިފައެވެ.
"ސަޅި އެންމެ ބޮޑެތި ކޮރަޕްޝަންގެ ކުށް ސާބިތުވި ދެމީހުން ޖަލުގައި ނުބައިތިއްބައި، ގޭގައި ތިބެވެނީ ހަމަ އިއްތިފާގުންތޯ؟ ނޫނީ ރައީސްގެ ހެޔޮފުޅުކަމުންތޯ؟،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު މިހެން ވިދާޅުވެފައިވާއިރު، އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތާއި ގުޅިގެން ޒިޔަތުގެ މައްޗަށް 32 ދައުވާއެއް ދައުލަތުން ވަނީ އުފުލާފައެވެ. މި ދައުވާތަކަށް ޒިޔަތު އިއުތިރާފު ވެ ދައުލަތަށް އެއްބާރުލުން ދިނުމަށް ވެފައިވާ އެއްބަސްވުުުގެ ދަށުން ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް އިއްޔެ ވަނީ 11 އަހަަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
މީގެ ކުރިން އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ އެކި މައްސަލަތަކުގައި އަދީބު 20 އަހަރު ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. ނަމަވެސް ފަހުން އޭނަވެސް ވަނީ ގެއަށް ބަދަލު ކޮށްފައެވެ.
އަދީބުވެސް އޭނާގެ މައްޗަށް ދައުލަތުން އުފުލި މައްސަލަތަކަށް އިއުތިރާފުވީ އެމްއެމްޕީއާރުސީގެ މައްސަލަތަކުގައި ދައުލަތަށް އެއްބާރުލުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.
އަހުމަދު މުއިއްޒު ކުރީގެ ޕީޖީ
އަހުމަދު މުއިއްޒު ކުރީގެ ޕީޖީ