އަންނަ އަހަރު ބާއްވަން ނިންމާފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށް ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަދި ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މުއިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ވިސްނުން ހުރީ މާލޭގެ ދާއިރާއެއްގެ މެންބަރު ކަމަށް ކުރިމަތިލެއްވުމަށް ކަމަށެވެ. ކުރިމަތިލައްވަނީ ކޮން ދާއިރާއަކަށް ކަމެއް ވިދާޅެއް ނުވެއެވެ.

މުއިއްޒަކީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ހއ. އަތޮޅުގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ބާ ކައުންސިލްގެ މެންބަރު ކަމާއި ކްރިމިނަލް ކޯޓްގެ އިސް ގާޒީގެ މަގާމުވެސް އަދާކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީސް އިންތިހާބު އޮންނާނެ ތާރީހެއް އިލެކްޝަން ކޮމިޝަން (އީސީ) އިން އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް އެ ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު "ވަން" އަށް މިއަދު ވިދާޅުވީ މަޖިލިސް އިންތިހާބު އަންނަ އޭޕްރީލް މަހުގެ ފަހުކޮޅުގައި ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އާ މަޖިލީހަށް ހަ ގޮނޑިއެއް އިތުރުކުރަން އީސީން ނިންމާފައިވާ އިރު، އޭގެ ތެރޭގައި މާލެ ސިޓީއަށް އިތުރުކުރާ ދެ ގޮނޑި ހިމެނެއެވެ. އެއީ ހުޅުމާލެއަށް އިތުރުވާ ދެ ގޮނޑިއެވެ. އެއާއެކު މާލެ ސިޓީގެ ގޮނޑީގެ އަދަދު 17 އަށް އަރާނެއެވެ.