ޚަބަރު

1 ފެބްރުއަރީގައި ނެރުނު އަމުރަށް، ފަސް ފަނޑިޔާރުން ވެސް ޒިންމާ ވާންޖެހޭނެ: މުއިއްޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެބްރުއަރީ އެއްވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނީ ގޮތުން ދެކޮޅުނުޖެހޭ އަމުރެއް ކަމަށާއި އެ އަމުރުގެ ނަތީޖާއަށް އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުން ޒިންމާވާން ޖެހޭނެ ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިހެން ވިދާޅުވީ ރައީސް ޔާމީންގެ އަމުރަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ދެ ފަނޑިޔާރުން ހައްޔަރުކުރި މައްސަލަ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެ ކުރެއްވި ޓުވީޓަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު ރައްދު ދެއްވުމުންނެވެ.

ޑރ. ދީދީގެ ޓުވީޓްގައި ވިދާޅުވީ ރައީސް ޔާމިންގެ އަމުރަކަށް ސުޕްރީމް ކޯޓުގެ ޓިނު ނަގައިގެން ދެ ފަނޑިޔާރަކު ހައްޔަރު ކުރި ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި ބަލަންޖެހޭ ހަގީގީ މައްސަލައަކީ ގާއިމުވެ އޮތް ގާނޫނީ ސަރުކާރު، ފަނޑިޔާރުންނާ ގުޅިގެން ވައްޓާލަން ރޭވިކަމަށް ތުހުމަތުކުރެވުނު އަދި ކުރެވޭ ފަރާތްތަކުގެ މައްސަލަ ކަމަށް ވިދާޅުވި އެވެ.

ޑރ. ދީދީގެ އެ ޓުވީޓަށް ރައްދު ދެއްވައި މުއިއްޒު ވިދާޅުވީ، ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނީ ގޮތުން ދެކޮޅުޖެހޭ އަމުރެއް ނޫން ކަމަށެވެ. އަދި އެ އަމުރު ނެރުނީ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކަމަށްވާއިރު އޭގެ ނަތީޖާއަށް އެބޭފުޅުން ޒިންމާވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކުރީ ފެބްރުއަރީ 1، 2018 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި އޭރު ޖަލަށްލާފައި ތިބި ހުރިހާ ސިޔާސީ އިސްވެރިންތައް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. އެ އަމުރު ނެރުނީ އޭރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ނަމަވެސް އެ އަމުރަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށާއި އަދި އެ އަމުރަކީ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އޭރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި އަލީ ހަމީދު ރިޝްވަތު ނަންގައިވައިގެން ކުރެއްވި އަމުރެއް ކަމަށް ބުނެ ފެބްރުއަރީ ފަސް ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސިފައިން ލައްވާ އެ ދެ ފަނޑިޔާރުން ހައްޔަރުކުރި އެވެ.

އެއަށްފަހު ދެން އުއްތަމަ ފަނޑިޔާރު ކަމަށް ވަޑައިގެންނެވީ ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.