ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މަތިމައްޗަށް ދައުވާ އުފުލިޔަސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ކުރިމަތީ ކުޑަކަކޫ ޖަހައި ޑީލެއް ނުހަދާނެ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ކުރިން ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރެއްވި އަބްދުއްރަހީމް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް މި ސަރުކާރާއެކު ޑީލެއް ނުހަދާނެ ކަމަށެވެ.

"ދީނާއި ގައުމުގެ ހައްގުގައި ވަކާލާތުކުރުން ހުއްޓައެއް ނުލައްވާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

ސަރުކާރާ ޑީލް ނަހަދާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އިރު، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ހިމެނޭ ކުރީގެ ނައިބު ރައީސް އަހުމަދު އަބްދުލްޣަފޫރާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ ދައުލަތާއެކު އެއްބަސްވުމެއް ހަދައި، ތަހުގީގުގައި އެއްބާރުލުން ދިނުމަށް ނިންމައިފައެވެ. އެ އެއްބަސްވުމުގެ ދަށުން އަދީބާއި ޒިޔަތުގެ މައްޗަށް ކުރާ ހުކުމުތަކަށް ލުޔެއް ލިބިގެންދާނެއެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއެއްގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ.

ރައީސް ޔާމީން މިހާރުވެސް ގެންދަވަނީ، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅުން ހުރި މައްސަލައިގައި މަނީލޯންޑަރިން ކުރުމުގެ ދައުވާއެއް އެމަނިކުފާނުގެ މައްްޗަށް ސާބިތުގެ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ޖަލުގައި ތަންފީޒު ކުރައްވަމުންނެވެ.

މާދަމާ ކްރިމިިނަލް ކޯޓަށް ތާވަލުކޮށްފައިވާ ދެ ދައުވާގެ ތެރޭގައިވެސް މަނީ ލޯންޑަރިންގެ ކުށުގެ އިތުރު ދައުވާއެއް ހިމެނެއެވެ. އޭގެ އިތުރުން ދެން ހިމެނެނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެކެވެ. މި ދައުވާތަކުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 2:30 އަށެވެ.