ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބުދުލްޣަފޫރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށް 20 މިލިޔަން ރުފިޔާ ދިން ކަމުގެ ތުހުމަތުތަކެއް ކޮށްފިއެވެ.
ޝަރީފަށް މި ތުހުމަތު ކޮށްފައި ވަނީ އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ނައުޓީ މެޓޮކްސް، އަދީބު ތަހުގީގަށް ދެއްވާފައިވާ ބަޔާން ކަމަށް ބުނެ ޓުވީޓުކޮށްފައިވާ ލިޔުމުގަ އެވެ.
އެ ބަޔާނުގައި އަދީބު ވިދާޅުވެފައި ވަނީ، ސުޕްރީމް ކޯޓަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލު ހުށަހަޅަން އެމްޑީޕީގެ މަރަދޫ ދާއިރާ މެންބަރު އިބްރާހީމް ޝަރީފު މެދުވެރިކޮށް މަސައްކަތް ކުރެއްވި ކަމުގައެވެ.
މި އިސްލާހު މަޖިލިހަށް ހުށަހެޅުމަށް 20،000،000 މިލިއަން ރުފިޔާ ޝަރީފަށް ދިނުމަށް ހަމަޖެއްސެވި ކަމަށްވެސް މި ލިޔުމުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ވޯޓު ދޭނެ މެންބަރުންގެ ޕެކޭޖެއް ޝަރީފު އެކުލަވައިލެއްވި ކަމަށާއި އެ އިސްލާހު ހުށަހެޅުއްވުމުގެ ކުރިން އޭނާއަށް 5،000،000 މިލިއަން ރުފިޔާ ދިން ކަމަށްވެސް އަދީބު ވިދާޅުވެފައި ވެއެވެ. އެ މައްސަލަ ޝަރީފު ހުށަހެޅުއްވުމުން 15،000،000 މިލިއަން ރުފިޔާ ދެއްވި ކަމުގައި ވެސް ލިޔުމުގައި ވެއެވެ. އަދި އެ މައްސަލައިގެ ކޮމިޓީ މަރުހަލާ ނިމި ތަޅުމަށް ދިޔައިރު 43 މެންބަރުންގެ ވޯޓު ލިބޭނެކަން ޔަގީންވެފައިވާ ކަމުގައި މި ބަޔާނުގައި އަދީބު ވިދާޅުވެފައި ވެއެވެ.
ނައުޓީ މެޓޮކްސް މި ބަޔާން ލީކުކޮށްލުމާ ގުޅިގެން ޝަރީފު ވިދާޅުވެފައިވަނީ އަދީބު ދެއްވައިގެން ގާނޫނަށް އޭނާ އިސްލާހެއް ހުށަނާޅުއްވާ ކަމުގައެވެ. އޭނާ ހުށަހެޅުއްވި އިސްލާހުތަކަކީ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެން ހުށަހެޅުއްވި އިސްލާހުތަކެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި ޝަރީފު ވިދާޅުވީ އެނޫން ގޮތަކަށް އެކަހަލަ ކަމެއް ހިނގި ނަމަ، އޮތީހީ އޭނާއާ ދޭތެރޭ ޕާޓީން ފިޔަވަޅުއަޅާފައި ކަމުގައެވެ. އަދި ކިތަންމެ ބޮޑަށް ބިރުދެއްކި ނަމަވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމުގައި ޝަރީފު ވިދާޅުވެފައި ވެއެވެ.
އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު
އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު
އިބްރާހީމް ޝަރީފު އައްޑޫ މަރަދޫ މެންބަރު