ކޮވިޑު ޖެހުނު އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 47 އަށް އަރައިފިއެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި މަރުވެފައިވާ މީހާ އަކީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން އައި 75 އަހަރުގެ ފިރިހެނެކެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 7:49 ގައި މަރުވި މި މީހާއަކީ 75 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެއާއެކު މިހާތަނަށް މި ބަލީގައި ރާއްޖޭގައި މަރުވެފަައިވަނީ 40 ދިވެހިންނާއި ހަތް ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަ މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑްގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް މީހުންގެ ޖުމުލަ އަދަދު ވަނީ 13،011 އަށް އަރައިފަ އެވެ. މި ބަލިން ފަސޭހަވީ މީހުންގެ އަދަދު 11،939 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 1،019 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.