އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވާ، ދައުލަތުގެ ބަޖެޓަށް ބަހުސް ކުރުމަށް މެންބަރުންގެ ޝައުގުވެރިކަން ފެންނަމުން ނުދާ ކަމަށާއި، އެހެންކަމުން ބަޖެޓް ބަހުސަށް އެދުމަށް ހުޅުވާލާފައިވާ ފުރުސަތު މިއަދު 10:00ގައި ބަންދު ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމައު ނަޝީދު ވިދާޅުވެއްޖެއެވެ.

ބަޖެޓް ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ރިޕޯޓަށް ބަހުސް ފަށާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވީ، އިއްޔެގެ ޖަލްސާގައި ވެސް މެންބަރުން ބަޖެޓް ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވަމުން ގެންދަވާފައި ނުވާ ކަމަށެވެ.

"އިއްޔެވެސް މެންބަރުން ބަޖެޓް ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވަން އެދިވަޑައެއް ނުގަންނަވާ، އެހެންވީމާ އަޅުގަނޑަށް ޖެހުނީ މިތަނުގައި ހަމަ އިންނަން، އެއީ މިކަމުގައި ރަނގަޅު ގޮތެއް ކަމަކަށް ނުދެކެން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ފުރަތަމަ ދަންފަޅި ނިމެންދެން ބަޖެޓް ބަހުސް ކުރިއަށް ގެންގޮސްފައިވާއިރު، ބަޖެޓަށް ވާހަކަ ދެއްކެވީ އެންމެ 18 މެންބަރުން ކަމަށެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފެއްޓެވުމަށްފަހު، ހުޅުވާލެއްވި ފުރުސަތުގައިވެސް އެންމެ މެންބަރަކު ބަޖެޓަށް ވާހަކަ ދެއްކެވުމަށް އެދިވަޑައިގަންނަވާފައިވާތީ، މިއަދު 10:00 އަށް ބަޖެޓް ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަތުމުގެ ފުރުސަތު ބަންދު ކުރައްވާނެ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ބަޖެޓް ބަހުސްގެ ފުރަތަމަ ބައި ކުރިއަށް ގެންދިޔައީ ކޮންމެ މެންބަރަކަށް 15 މިނިޓްގެ ވަގުތެއް ކަނޑައަޅުއްވައިގެންނެވެ. ނަމަވެސް ބަޖެޓު ރިޕޯޓަށް މިހާރު ކުރިއަށް ގެންދާ ބަހުސްގައި ކޮންމެ މެންބަރަކަށް 7 މިނިޓްގެ ފުރުސަތެއް ދިނުމަށް ވަނީ ނިންމައިފައެވެ.

މަޖިިސް ގަވައިދު ބުނާގޮތުން މިހާރު މި ހިނގާ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު މިއަދަށް ނިންމަން ޖެހެއެވެ. ނަމަވެސް ޑިސެމްބަރުމަހުގެ 7 އަށް ދައުރު ދަންމައިލުމަށް މަޖިލީހުގެ އިއްޔެގެ ޖަލްސާއިން ފާސްކުރީގެ ބަޖެޓްގެ ބަހުސް ނިންމުމަށް ފުރުސަތު ދެއްވުމަށެވެ.