މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމަށް ހުކުމް ކުރިތާ އެއް އަހަރު ފުރުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކަނޑުމަތީގައި މުޒާހަރާކޮށްފި އެވެ.

ހުޅުމާލޭން ބޮޑެތި ދޯނިތަކުގައި ނުކުމެ ކުރި އެ މުޒާހަރާގައި ރައީސް ޔާމީން ބަންދުކޮށްފައި ހުންނެވި ޖަލު ހުންނަ މާފުއްޓާ ހިސާބަށް ދޯނިތަައް ދިޔަ އެވެ. އެ ދޯނިތަކުގައި ތިބި އިދިކޮޅު ފަރާތްތަކުން ވަނީ ރައީސް ޔާމީން ޖަލަށްލާފައިވަނީ ނުހައްގުން ކަމަށާއި އެމަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވާލައިފަ އެވެ.

އޭގެ އިތުރުން މި ސަރުކާރުގެ ނާގާބިލުކަމުން ގައުމު އިނދަޖެހެމުން އަންނަ ކަމަށާއި ގައުމު ހަމަމަގަށް އެޅުވޭނީ ރައީސް ޔާމީނަށް ކަމަށް ވެސް އިދިކޮޅުން ގޮވި އެވެ. އަދި ރައީސް ޔާމީން ނުހައްގުން ޖަލުގައި ބަހައްޓާފައި ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި ދެމިހުރުމަށް ކަމަށް ބުނެ ރައީސްގެ އިސްތިއުފާއަށް ވެސް ގޮވާފައިވެ އެވެ.

މީގެ ކުރިން ވެސް އިދިކޮޅު ކޯލިޝަނުން ކަނޑުމަތީގައި މުޒާހަރާކުރި އެވެ. އެފަހަރު ވެސް ކ. މާފުށީި ޖަލު ކައިރިއަށް ދޯނިތަކުގައި ގޮސްފައިވެ އެވެ.

ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފް ކޮށްފައިވާއިރު، އެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގައި ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.