ކޮވިޑް-19އާ ގުޅިގެން، ލޮކްޑައުންގައި އެ ކުންފުނީގެ އޮޕަރޭޝަން ހިންގި މުއްދަތުގެ ތެރޭގައި ކުންފުނިން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަން ހިންގާފައިވާކަން ފާހަގަކުރެވިފައިވާތީ އެ މައްސަލަތައް ތަހުގީގު ކުރަން ހުށަހަޅާފައިވާ ކަމަށް އެމްޕީއެލުން ބުނެފި އެވެ.
އެމްޕީއެލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ އިންޓާނަލް އޮޑިޓުން މިހާރު ރިޕޯޓެއް އެކުލަވާލައި އެ މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ފާހަގަކުރެވުމާއެކު، އެ ކަންތައްތައް ބެލުމަށް ތަހުގީގެއް ހިންގަމުން އަންނަ ކަމަށެވެ.
އޭގެ އިތުރުން އެ މައްސަލައާ ގުޅިގެން އެ ކުންފުނިން ހިންގަމުން އަންނަ ތަހުގީގުގައި މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، އެކަމުގައި ޝާމިލުވާ ކަމަށް ޝައްކުކުރެވޭ މުވައްޒަފުން ސަސްޕެންޑުކޮށް، މަސައްކަތުން އެކަހެރިކޮށްފައިވާ ކަމަށް ބުންޏެވެ.
އެމްޕީއެލުން ބުނީ، އެ މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުގެ އަލީގައި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާއި އޮޑިޓާ ޖެނެރަލްސް އޮފީސް އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އެފަދަ ކަމެއް ތަކުރާރުވެ ނުދިއުމަށް މިހާރުން މިހާރަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ބުންޏެވެ.
"ކޮރަޕްޝަންގެ މައްސަލަތަކަކީ މި ކުންފުނިން ވަރަށް ސީރިއަސްކޮށް ބަލާނެ މައްސަލަތަކެކެވެ. އަދި އެފަދަ އަމަލެއްގައި ޝާމިލުވާ މުވައްޒަފަކާމެދު މި ކުންފުނިން ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ." އެމްޕީއެލްގެ ބަޔާނުގައިވެ އެވެ.
ނަމަވެސް މިއީ ކޮން މައްސަލަތަކެއް ކަމެއް އަދި މިކަމާ ގުޅިގެން ސަސްޕެންޑް ކޮށްފައިވަނީ ކިތައް މުވައްޒަފުން ކަމެއް އެމްޕީއެލަކުން ނުބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު