ޚަބަރު

ޓޫރިޒަމް ގާނޫނަށް އިސްލާހު ގެންނަނީ އިތުރު ވިޔަފާރިތައް ވުޖޫދުކުރަން: ފައްޔާޒު

އިބްރާހިމް ޒަކީ

ރާއްޖޭގެ އެކި ސަރަހައްދުތައް ކެޓަގަރައިޒްކޮށް، ޓޫރިޒަމަށް ދޫކުރާ ރަށްރަށާއިި ބިންތަކުގެ ކުއްޔަށް ބަދަލު ގެންނަ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ އެންމެ ބޮޑު ބޭނުމަކީ ރިސޯޓެއް ތަރައްގީކުރާ އިރު އެ ރިސޯޓުގެ ވަށައިގެން އިތުރު ބައިވަރު ވިޔަފާރިތައް ވުޖޫދު ކުރުވުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީގައި މިއަދު ކުރިއަށް ދިޔަ އެ ބިލުގެ ދިރާސާގެ ވަގުތުގައި މެންބަރުން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބު ދެއްވަމުން ފައްޔާޒު ވިދާޅުވީ، ރިސޯޓެއް ހިންގަން ފެށުމަކީ އެތައް ކުތި ވިޔަފާރިތަކެއް އުފެދިގެންދާނެ ކަމެއް ކަމަށެވެ.

ރިސޯޓުން ދައުލަތަށް ލިބޭ ބިމުގެ ކުލި ކުޑަކުރަން ބިލުގައި ހިމަނާފައިވުމުން ދައުލަތަށް ލިބޭ އާމްދަނީ ދަށްވާނެތީ ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރުމުން ފައްޔާޒު ވިދާޅުވީ ބޭނުންވަނީ ޖުމްލަ އިގުތިސާދީ ހަރަކާތްތަކުގެ ފައިދާ ކަމަށެވެ. އެގޮތުން ރިސޯޓްތައް ހެދުމުން، ވަށައިގެން އުފެދޭ ބައިވަރު ވިޔަފާރިތައް ވުޖޫދުވެ އެ ވިޔަފާރިތަކުން ނެގޭ ބީޕީޓީ އާއި ޓީޖީއެސްޓީގެ މުހިންމުކަން ފައްޔާޒު ވިދާޅުވި އެވެ.

އޭގެ އިތުރުން ބައިވަރު ކުދި ވިޔަފާރިތައް އުފެދުމުގެ އިތުރުން މަސްވެރިން މަސް ވިއްކުމާއި ފަރުމަސް ވިއްކުމާއި ފަންވިނުން ފަދަ މަސައްކަތްތައް އުފެދި އިތުރު ވަޒީފާތައް އުފެދިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުގެ ފަރާތުން ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ބިލު މަޖިލިހަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. މި ބިލަކީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އަމާޒު ކޮށްގެން ހުށަހަޅާފައިވާ ބިލެކެވެ.

އެ ބިލު ގާނޫނަކަށް ވެގެން ލިބޭނެ ކަމަށް ލަފާކުރެވޭ އާމްދަނީ އަކީ އަންނަ 2021 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަށް ވެސް މުހިންމު އާމްދަނީއަކަށްވާތީ، ބަޖެޓް ފާސްކުރުމުގެ ކުރިން އެ ބިލު ނިންމުމުގެ މަސައްކަތް އަވަހަށް ކުރިއަށް ގެންދިއުމަށްޓަކައި، މަޖިލިސް ރައީސް ވަނީ މުޅި މަޖިލީހުގެ ކޮމިޓީއަށް އެ ބިލު ގެންގޮސް ބަހުސް ފަށައިފަ އެވެ.

އެ ބިލުގައިވާ ގޮތުން ރާއްޖޭގެ އުތުރާއި ދެކުނުން ޓޫރިޒަމްގެ މަސައްކަތަށް ދޫކުރާ ތަންތަނުން ކުޑަ އަގެއް ނަގަން ވަނީ ކަނޑައަޅައިފަ އެވެ. ޓޫރިޒަމަށް ދޫކުރާ ބިންތަކުން އަކަ މީޓަރަކަށް ވަކިވަރެއް ނަގާނީ ދެ ލައްކަ އަކަ މީޓަރަށްވުރެ ކުދި ބިންތަކަށް ކަމަށް ވަނީ ހިމަނައިފަ އެވެ.

އެގޮތުން އައްޑު އާއި ފުވައްމުލަކުގެ ދެ ލައްކަ އަކަމީޓަރަށް ވުރެ ކުދި ބިންތައް ދޫކުރަން ބިލުުގައި ހިމަނާފައިވަނީ އަކަމީޓަރަކަށް އަހަރަކު ދެ ޑޮލަރުގެ ރޭޓުންނެވެ. އަދި އެތަންތަނުން ނަގާނެ އެންމެ ބޮޑު ކުއްޔަކީ 250،000 ޑޮލަރަށް ހެދުމަށްވެސް ހިމަނާފައިވެ އެވެ. ރާއްޖޭގެ އުތުރުން ހއ. އަތޮޅާއި ހދ. އަތޮޅުގައި އެ ވަރުގެ ބިންތަކަށް ނަގަން ބިލުުގައި ކަނޑައަޅާފައިވަނީ އަކަ މީޓަރަކަށް އަހަރަކު ހަތަރު ޑޮލަރެވެ. އެންމެ ބޮޑުކޮށް ނަގާނެ އަދަދެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އަހަރަކަށް ފަސް ލައްކަ ޑޮލަރެވެ.

ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށްް އެ ސައިޒުގެ ބިންތަކަށް ނަގަން ބިލުގައި ހިމަނާފައިވަނީ އަކަ މީޓަރަކަށް އަހަރަކަށް އަށް ޑޮލަރު ނެގުމާއެކު އެންމެ ބޮޑުކޮށް ނަގާނެ އަދަދު އެއް މިލިއަން ޑޮލަރަށް ލިިމިޓް ކުރުމަށެވެ. ދެން ހުރި އަތޮޅުތަކުގައި އަކަަ މީޓަރަކަށް އަހަރަކަށް ހަ ޑޮލަރު ނެގުމާއެކު އެންމެ ބޮޑު އަދަދަކީ 750،000 ޑޮލަރު ކަމަށް ވަނީ ހިމަނައިފަ އެވެ.

ބިލުގައިވާ ގޮތުން ދެ ލައްކަ އަކަ މީޓަރުން ފެށިގެން ހަތަރު ލައްކަ އަކަމީޓަރާ ހަމައަށް ބިލުގައި އަކަ މީޓަރަަކަށް ވަކިވަރެއް ނަގާ ގޮތަށް ކަނޑައަޅާފައެއް ނެތެވެ.

އައްޑު އާއި ފުވައްމުލަކުގައި އެވަރުގެ ބިންތަކަށް ނަގަން އޮތީ އަހަރަކަށް ހަތަަރު ލައްކަ ޑޮލަރެވެ. ހއ އަތޮޅާއި ހދ. އަތޮޅުގައި އަހަރަކަށް 750،000 ޑޮލަރެވެ. ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް އަހަރަކަށް 1.5 މިލިއަން ޑޮލަރު އަދި ދެން ހުރި އަތޮޅުތަކުގައި އަހަރަކަށް 1.1 މިލިއަން ޑޮލަރެވެ.

އައްޑު އާއި ފުވައްމުލަކުން ހަތަރު ލައްކަ އަކަމީޓަރަށް ވުރެ ބޮޑެތި ބިންތައް ދޫކުރަން ބިލުގައި ހިމަނާފައި ވަނީ އަހަރަކު އަށް ލައްކަ ޑޮލަރަށެވެ. ހއ. އާއި ހދ. ގައި އަހަރަކަށް އެއް މިލިއަން ޑޮލަރެވެ. ނ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަަމައަށް އަހަރަކު ދެ މިލިއަން ޑޮލަރު އަދި އެހެން އަތޮޅުތަކުގައި 1.5 މިލިއަން ޑޮލަރެވެ.

މި ބިލުގައި އިންޓަގުރޭޓެޑް ޓޫރިސްޓް ރިސޯޓާއި ސްޓްރާޓާ އުސޫލުން ރިސޯޓުތަކުގެ ކޮޓަރި ނުވަތަ ވިލާ، ދިގު މުއްދަތަކަށް ކުއްޔަށް ދިނުމާއި ޕްރައިވެޓް އައިލެންޑް ކުއްޔަށް ދިނުމާގުޅޭ އުސޫލުތައް ބަޔާން ކުރަން ވަނީ ހުށަހަޅައިފަ އެވެ.