ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކެއް ދިން މައްސަލައިގައި 11 މީހެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، 2017 ވަނަ އަަހަރު ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް އެތަނުގެ މުވައްޒަފުން އަނިޔާކުރި މައްސަލައެއް ފާހަގަވެފައިވާ ކަމަށެވެ. އެ މައްސަލަ ޖުލައި 2018 ގައި ފުލުހުންނަށް ރިޕޯޓް ކުރި ނަމަވެސް، މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކަށް ފިޔަވަޅު އަޅާފައިނުވާ ކަމަށް ބުންޏެވެ.
އެހެންކަމުން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ލިބިދޭ ގާނޫނީ ބާރުގެ ދަށުން ފުލުހުން އެ މައްސަލައިގެ ތަހުގީގު ވީ އެންމެ އަވަހަކަށް ފުރިހަމަކޮށް، ދައުވާކުރުމަށް ފޮނުވުމުގެ އަމުރެއް އޮކްޓޯބަރު މަހުގެ 11 ގައި ޕީޖީ ނެރެދެއްވި އެވެ. އަދި އެ މައްސަލައިގެ ތަހުގީގު މުުސްތަގިއްލުކަމާއެކު ކުރިއަށް ގެންދިއުމަށް ކޮމިޝަނާއި ފުލުހުން އަދި ޕްރޮސިކިއުޓަރުން ހިމެނޭ ގޮތުން އެކުލަވާލި ހާއްސަ ޓީމުން އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި 12 އޮކްޓޫބަރުގައި މަސައްކަތް ފެށި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަބަލާ ކޮމިޝަނުން ބުނީ، އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި އިތުރަށް 24 ފަރާތަކާ ސުވާލުކޮށް ބަޔާން ނަގައި އަދި ފަސް ކުޑަކުދިންނާ ސުވާކު ކުރި ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގު ފުރިހަަމަކޮށް ތުހުމަތު ކުރެވޭ ޖުމްލަ 11 މީހެއްގެ މައްޗަށް ދައުވާ އުފުލައި ދިނުމަށް އެދި، އިއްޔެ އެ މައްސަލަ ޕީޖީ އޮފީހަށް ހުށަހެޅުމުން އެ އޮފީހުން މައްސަލަ ބަލައިގަނެ، މަސައްކަތް ފަށާފައިވާ ކަމަށް ބުންޏެވެ.
އޭގެ އިތުރުން އެ މައްސަލަ ރިޕޯޓް ކުރުމާއި ފިޔަވަޅު އެޅުމުގެ މަރުހަލާގައި ކަންހިނގާފައިވާ ގޮތް ދެނެގަތުމަށާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ، ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި 2017 ވަނަ އަހަރު ކުޑަކުދިންގެ ހިޔާގައި ހިނގާފައިވާ އެ މައްސަލަ ތަހުގީގުކުރުމާއި ފިޔަވަޅު އެޅުމުގައި ޒިންމާވާ މުއައްސަސާތަކުގެ އެއްވެސް އިހުމާލެއް ވޭތޯ ދެނެގަތުމަށް ކުރަންޖެހޭ ތަހުގީގެއް ކުރިއަށް ގެންދާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު