ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުބާރު ނެތްކަމުގެ ވާހަކަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވަން އެމްޑީޕީ ޕާލިމަންޓްރީ ގުރޫޕުން ފާސްކޮށްފި އެވެ.
ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމުގައި ހުންނެވި މަލީހުގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށްދިނުމަށް އެދިވަޑައިގެން މީކާއިލް ވަނީ އެމްޑީޕީ ޕާލަމެންޓްރީ ގުރޫޕަށް ހުށަހަޅައިފަ އެވެ.
އެކަމާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި އެމްޑީޕީ ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި ނިންމީ މަލީހުގެ އިތުބާރު ނެތްކަމުގެ ވާހަކަ ރައީސަށް ދަންނަވާށެވެ.
މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާ ސަބަބެއް ކަމަށް ވިދާޅުވެފައިވަނީ، ޓެލެކޮމިއުނިކޭޝަންގެ ގާނޫނުގެ ދަށުން ރާއްޖޭގެ ކޮމިއުނިކޭޝަން އޮތޯރިޓީ (ކޭމް) އިން ހަދަން ޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީ އިރުވެސް މަލީހު ހައްދަވާފައި ނުވާތީ އެވެ. އަދި އެ ގަވާއިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވާއިދުތަކެއްގެ އިތުރުން އެ ގަވާއިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދައުލަތަށާއި ރައްޔިތުންނަށް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ނަމަވެސް މަލީހު "ވަން" އަށް ވިދާޅުވީ، އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަނީ ވީޓީވީގެ ޕްރޮގްރާމެއްގައި ފާޅުކުރެއްވި ޝުއޫރަކާ ގުޅިގެން، ބަހަނާއެއްގެ ދެއްކުމަށްފަހުގައި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ނަމަވެސް ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހައްގެއްގެ ބޭނުން ހިފުމުން އަދަބު ދޭން އުޅުމަކީ ދުސްތޫރުގައި ކޮޅުފައިން ޖަހައި، ޑިމޮކްރަސީގެ އަސާސްތައް ފުނޑުފުނޑު ކޮށްލުން ކަމަށާއި އެއީ ބިރުގެންނެވުމުގެ އަމަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ މައްސަލައިގައި މީކާއިލް ގޮވައިގެން ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ.
ވީޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި މަލީހު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަކީ ގާނޫނު ހަދާ ތަނެއް ކަމަށާއި ސަރުކާރު ހިންގަންވީ ސިޔާސަތެއް އެ މަޖިލީހަށް ކަނޑަ ނޭޅޭނެ ކަމަށެވެ. ރާއްޖޭގައި ބަރުލަމާނީ ނިޒާމަކަށް ޖާގަ ނުދެއްވާނެ ކަމަށް ވެސް އެ ޕްރޮގްރާމުގައި މަލީހު ވިދާޅުވި އެވެ.
އެ ވާހަކަތަކާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެންބަރުން ގެންދަވަނީ މަލީހާ މެދު ނުރުހުން ފާޅުކުރައްވަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު