ޗައިނާއިން ދީފައިވާ ލޯނު ރީސްޓްރަކްޗާ ވެފައިނުވާ ކަމަށާއި އަދި އެގައުމުން ނަގާފައިވާ ލޯނު މިވަގުތަކު ނުދެއްކޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން އެމްޑީޕީގެ ހަރުގޭގައި މިދިޔަ އަންގާރަ ދުވަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮވިޑް-19އާ ހެދި ރާއްޖެއަށް ހީނަރުކަން ލިބުނު ވަގުތުގައި ވެސް ޗައިނާއިން ނަގާފައިވާ ދަރަނިތައް ދެއްކުމަށް އެގައުމުން ލުޔެއް ދީފައި ނުވާ ކަމަށެވެ. އެއީ އިންސާފެއް ނޫން ކަމަށާއި އެގޮތަށް ރާއްޖެއާ ދޭތެރޭ ކަންތައްތައް ނުކުރުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.

ނަމަވެސް ރައީސް އޮފީހުން އިއްޔެ ވަނީ ވޯލްޑް ބޭންކުގެ ޖީ-20ގެ ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވްގެ ދަށުން، ޗައިނާ ސަރުކާރުން ބައެއް ލޯނުތައް ފަސްކޮށްދީފައިވާ ކަމަށް ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ރައީސް ނަޝީދު ވިދާޅުވީ، އެއްވެސް ދަރަންޏެއް ރީސްޓްރަކްޗާ ކުރިކަން އެނގިވަޑައިގެންފައި ނެތް ކަމަށެވެ. ނަމަވެސް ޗައިނާ ހިމެނޭހެން ޖީ20 ގައުމުތަކުގައި ކޮވިޑުގެ ހާލަތަށްފަހު ދަރަނި ލުއިކޮށްދިނުމުގެ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އެކަމުގެ ތެރެއިން ހަވަރަކަށް ގައުމަކަށް އެ ލުއި ދީފައިވާ ކަމަށް ވިދާޅުވި އެވެ.

އޭގެ އިތުރުން 20 ވަރަކަށް ގައުމުން އެކަމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ މަސައްކަތުގެ ތެރެއިން ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރާ ވާހަކަދައްކައިގެން ދަރަނި ރީސްޓްރަކްޗާ ކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހި ސަރުކާރާއި ޗައިނާއާ ވާހަކަދައްކާނެ. ޗައިނާ ސަރުކާރާ ވާހަކަ ދައްކާނެ ކަމީ ހިތުގައި ޝައްކު ހިނގާ ކަމެއް ނޫން. އުންމީދަކީ ޗައިނާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ދަރަނި ރީސްޓްރަކްޗާ ކުރާނެ ކަމަށް. އަޅުގަނޑު ނުދެކެން އެއީ މާދަމާ ދެއްކެން އޮތް ދަރަނި ކަމަކަށް. އަދި އަޅުގަނޑު ނުދެކެން އެ ދަރަނި ދެއްކުމަށް އެހެން އެއްވެސް ސަރުކާރަކުން ބާރުއަޅަން ޖެހިދާނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.

އަންނަ އަހަރު ދައުލަތުގެ އާމްދަނީގެ 53 ޕަސެންޓް ދަރަނި ދެއްކުމަށް ހޭދަކުރުމަކީ ކަންބޮޑުވާ ކަމެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ލޯނުތައް ރީސްޓްރަކްޗަ ނު ކުރެވިއްޖެނަމަ ލޯނުތައް ޑިފޯލްޓުވެ މައްސަލަތަކެއް ދިމާވާނެ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި މި ސަރުކާރަށް އިތުބާރު ކުރައްވާ ކަމަށާއި އެގޮތުން ލޯނުތައް މި ސަރުކާރުން ރީސްޓްރަކްޗާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.