އަންނަ އަހަރަށް ލަފާކޮށް، ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގެ ތިން ތަނެއްގައި، ދަރަނި ދެއްކުމަށް ފަސް ބިލިޔަން ރުފިޔާއާ ހަމައަށް ފައިސާ ޖަހާފައިވާ ކަމަށާއި އެ ބައި ބަޖެޓުން ކަނޑާލުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދާ ބަޖެޓް ބަހުސްގައި، ބަޖެޓުގައި ހިމެނޭ ދަރަންޏާއި ޕީއެސްއައިޕީ ޕްރޮގްރާންތަކާ މެދު ކަންބޮޑުވުން ފާޅު ކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ ދެއްކެވި ވާހަކަފުޅާ ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރާއްޖޭގެ މިހާރުގެ ހާލަތު ނޭނގޭ އެއްވެސް ދިވެހި ރައްޔިތަކު ނުޅޭނެ ކަމަށެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ދިވެހި ދައުލަތުގެ ދަރަންޏާ ގުޅޭ ރިޕޯޓެއް އެކުލަވާލައި މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އެރިޕޯޓުގައި ހިމެނިފައިވާ ގޮތް ނޫން ގޮތަކަށް، މެންބަރުންނަށް ބަޖެޓަށް ވޯޓު ދެއްވޭނެ ގޮތެއްް ވިސްނިވަޑައިނުގަންނަވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އެ ރިޕޯޓު މަޖިލީހުގެ މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައި، ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާ ބެހޭގޮތުން، އަޅުގަނޑަކަށް ނުވިސްނޭ ދެން މިވަގުތު މި ބަޖެޓާ ގުޅޭ ގޮތުން މެންބަރުންނަށް އެނޫން ގޮތަކަަަށް ވޯޓު ދެއްވޭނެ ގޮތެއް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
ދޭދޭ ގައުމުތަކުންނާއި، ބައިނަލް އަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން، ސަރުކާރަށް ނަގާފައިވާ ދަރަނި ފިޔަވައި، އެހެން ދަރަނިތައް ރީސްޓްރަކްޗާ ކުރުން ނުވަތަ ރީ ޕްރޮގްރާމްކުރުމުގެ މަސައްކަތް ލަސްނުކޮށް ފެއްޓުމަށް ސަރުކާރަށް އަންގައި، ރައްޔިތުންގެ މަޖިލީހުން އެ ރިޕޯޓު ފާސްކޮށްފައި ވަނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 27 ގަ އެވެ.
މަޖިލިސް ރައީސް ވިދާޅުވީ، ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމަށް ބަޖެޓުގެ ތިންތަނެއްގައި ޖަހާފައިވާ ކަމަށެވެ.
އެއީ "އިންޓްރެސްޓް ދެއްކުމަށް، ޕްރިންސިޕަލުން ދައްކަންޖެހޭބައި ދެއްކުމަށް، އަދި ސަރުކާރުން ހިންގާ ކުންފުނިތައް ކެޕިޓަލައިޒްކޮށްގެން ކަމަށް ވިދާޅުވެ އޭގެ ތެރެއިން ދަރަނި އަނބުރާ ދެއްކުމަށް މުޅި ޖުމްލަ ފަސްބިލިޔަން ރުފިޔާ އެބަވޭ އަޅުގަނޑު ދެކޭ ގޮތުގައި އެ ހުރިހާ ލާރިއެއް ބަޖެޓުން ކަނޑާލަންވީ،" ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބަޖެޓްގެ ގޮތުގައި 34,787,720,151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ)ގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅައިފައެވެ.
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު
ދައުލަތުގެ ބަޖެޓު