ދ. ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް އަބްދުލްރައްޒާގު މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވި މައްސަލަ ބެލުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ދ. ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް އަބްދުލްރައްޒާގު މުހައްމަދު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތައެއް ބެލުމަށްފަހުގައެވެ.

އެގޮތުން އަބްދުއްރައްޒާގު މުހައްމަދުގެ މައްޗަށް ޖޭއެސްސީން ބަލާފައިވާ މައްސަލައަކީ ދ. މާއެނބޫދޫ ގޯއްޗެއްގައި ކޮށްފައިވާ އިމާރާތުގެ އަގު ހޯދުމަށް، މީހަކު އޭނާގެ އަނބިމީހާގެ މައްޗަށް ދައުވާކޮށްފައިވާ މައްސަލަ ހިންގި ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓުގެ ގަޒިއްޔާ އާއި، އެއްވެސް ސަބަބެއް ނެތި އަނބިމީހާ ވަރިވާން އުޅޭކަމަށް ބުނެ އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިންގި ގަޒިއްޔާ، 04 މެއި 2015 ގައި ދ. މާއެނބޫދޫ ކޯޓުން ނިންމާފައިވަނިކޮށް، އެ ދެ ގަޒިއްޔާ ހިންގުމަށްޓަކައި 29 ޖުލައި 2015 ގައި ކޯޓު އަމުރު ނެރެ، ދައުވާ ރައްދުވާ ފަރާތް ބަންދުގައި ބަހައްޓައިގެން ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް، އެ ދެ މައްސަލަ ކޯޓުގައި ހިންގާފައިވާ މައްސަލައެވެ.

ޖޭއެސްސީން ބުނީ، އެ ދެ ގަޒިއްޔާ 04 މެއި 2015 ގައި ނިންމާފައި ވަނިކޮށް، އެ ދެ ގަޒިއްޔާ އަލުން ހިންގާފައިވަނީ އެ ގަޒިއްޔާގައި ކުރިން ހުކުމް ކޮށްފައިވާކަން އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދަށް އެނގިހުރެ ގަސްތުގައިކަން، އެ ދެ މައްސަލަ ހިންގުމުގެ ކުރިން ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް އޭނާ ސޮއިކޮށް ފޮނުވި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން 07 ޖުލައި 2015 ގައި ފޮނުވި ފެކްސް މެސެޖުން އެނގޭ ކަމަށެވެ. އަދި މި ފެކްސް މެސެޖް ފޮނުވާފައި ނުވާ ކަމަށް އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ބުނެ ތަހުގީގަށް އޮޅުވާލާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ޖޭއެސްސީން ބުނީ، އަބްދުއްރައްޒާގު ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން ނިންމި އިރު، އޭނާ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައެއް ބެލުން ކޮމިޝަނުން ހަވާލުކޮށްފައިވާ މެޖިސްޓްރޭޓް ލައްވައި އެ މައްސަލަ ބަލަން ހިތްހަމަ ނުޖެހި، އެ މައްސަލަ ބެލުމުގެ އިހުތިސާސް ލިބިގެން ނުވާ ދ. މާއެނބޫދޫ މެޖިސްޓްރޭޓް ކޯޓަށް އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާކަމަށް ބުނާ މައްސަލައަކާއި ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 87/M8C/2018 ގަޒިއްޔާގެ ޝަރީއަތަށް އަބްދުއްރައްޒާގު މުހައްމަދު ހުށަހަޅާފައިވާ އެއްބަސްވުމެއްގައިވާ ސޮޔަކީ ފޯޖްކޮށްފައިވާ ސޮޔެއްކަމަށް ބުނާ މައްސަލައެއްވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ސޮއި ފޯޖު ކުރި މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށުމާ ގުޅިގެން މިއަހަރުގެ ޖެނުއަރީ ހަތްވަނަ ދުވަހުން ފެށިގެން އިސްމެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ހުރީ ސަސްޕެންޑް ކޮށްފައެވެ.

މި މައްސަލަތައް ބެލުމަށްފަހު، އަބްދުލްރައްޒާގު މަގާމުން ވަކިކުރުމަށް އެދި ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓު މަޖިލީހުގެ އަމީން އާއްމު މަޖިލީހުގެ ތަޅުމަށް އިއްވެވުމުން އެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.