ދިވެހިރާއްޖޭގެ ތާރީޚު

އިމާދު ލަތީފުގެ ކޮލަމް: ކަޅުވަކަރު މިސްކިތް އެއްތަނެއްގައި ގަރާރުވުމެއްނެތެވެ.

އިމާދު ލަތީފު

8

މަޝްހޫރު ކަޅުވަކަރު މިސްކިތް އަނެއްކާވެސް އައުތަނެއްގައި ބަހައްޓައިގެން އެމިސްކިތް މިއަދު އަލުން ހުޅުވައިފިއެވެ. މިސްކިތެކޭ ކިޔަސް މިހާރު އެއީ އަޅުކަންކުރާ ތަނަކަށްވުރެ ބޮޑަށް ތާރީޚީ އާސާރެކެވެ. މިސްކިތާމެދު ބޮޑަށް އަމަލުކުރެވެނީވެސް އެގޮތަށް ބަލައިގެންނެވެ. ވަރަށް ވަރުގަދަ ވަރަށް ދިގު ތާރީޚެއް ލިބިގެންވާ ތަނެކެވެ. މިތަނާމެދު ކުރީއްސުރެ ދެކެވޭ ވާހަކަތަކެއްވެސް ހުރެއެވެ. ގަސްތު މިކުރަނީ ކަޅުވަކަރު މިސްކިތުގެ ތާރީޚާ މެދު އާއްމުކޮށް ނުދެކެވޭ އަދި ނުލިޔެވޭ ބައެއް ވާހަކަތައް ލިޔާން ކަމަށެވެ. ތާރީޚަށްޓަކައެވެ.

ކަޅުވަކަރު މިސްކިތުގެ ތާރީޚު ގުޅިފައިއޮތީ ރާއްޖޭގެ ސިޔާސީ ތާރީޚުގެ ވަރަށް މުހިއްމު ބާބަކާއެވެ. ދިޔަމިގިލީ ޚާންދާނުގެ އެންމެ ފަހުގެ ރަސްގެފާނު ސުލްތާން މުހައްމަދު ޣިޔާސުއްދީނުގެ ނިމުމާއެވެ. އެރަދުން ހައްޖަށް ފުރާވަޑައިގެންނެވީމާ ހުރާގޭ މުހައްމަދު މަނިކުފާނު އިސްކޮށް ހުންނަވައިގެން ބަޣާވާތެއް ކުރައްވައި ރަސްކަން ފުރޮޅާލައްވައިފިއެވެ. މިއީ ދޮންބަންޑާރައިންނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. ރަސްކަމަށް އިސްވެވަޑައިގެންފައި އިޚުތިޔާރުކުރެެއްވި ނަންފުޅަކީ ސުލްތާން މުހައްމަދު ޝަމްސުއްދީނު ދެވަނައެވެ.

ޣިޔާސުއްދީނު ހައްޖުން އެނބުރި ވަޑައިގެން މާލެއަތޮޅު ގުރައިދޫގައި ބަނދަރުކުރެއްވުމާއެކު ރަސްކަން ބަދަލުވެފައިވާކަން އެނގިވަޑައިގެންފިއެވެ. މިކަން އެނގިވަޑައިގެން މުހައްމަދު މަނިކުފާނަށް ސިޓީފުޅެއް ލިޔުއްވައިފިއެވެ. ވިދާޅުވިއެވެ. މިންވަރުކުރެއްވި ގޮތާމެދު ރުހިވަޑައިގެން ހުންނެވީމެވެ. ދެކޮޅުވެރިވެގަތުމުގެ ނިޔަތެއް ނެތެވެ. މިސިޓީ ލިބިވަޑައިގަތީމާ އިއްޒަތުގައި ޣިޔާސުއްދީނާއި އާއިލާ މާލެއަށް ބޭލުމުގެ ނަމުގައި މުހައްމަދު މަނިކުފާނު ފޮނުއްވީ ދޯނިތަކެކެވެ. އަމުރުކުރައްވާފައި އޮތީ ކަނޑުފައްތައި އަވަހާރަކޮށްލުމަށެވެ. އަމަލުކުރެވުނީވެސް އެގޮތަށެވެ.

މިހާދިސާގެ ޚަބަރު ރައްޔިތުންނަށް މޭރުންވެގެން ހިލިގަތީމާ މުހައްމަދު މަނިކުފާނު ހެއްދެވީ އިތުރުފުޅެކެވެ. ވިދާޅުވިއެވެ. ރައްކާތެރިކަމާއެކު މާލެފައިބާ ވަޑައިގެން އާއިލާޔާއެކު ގަޑުވަރުގައި އެބަހުންނެވިއެވެ. މިއީ ދޮގެއްކަން ރައްޔިތުންނަށް ފަޅާއެރީމާ ދެންވެސް ހެއްދެވީ އިތުރުފުޅެކެވެ. ވިދާޅުވިއެވެ. ފަޑިޔާރުތަކުރުފާނު ހުކުމްކުރެއްވިއެވެ. ގަތުލުކޮށްލާށެވެ. އެހުކުމް ތަންފީޒުކޮށްފީމެވެ. ފަޑިޔާރުތަކުރުފާނު ރައްޔިތުންގެ ތެރެޔަށް ނުކުމެވަޑައިގެން ހުވައިކުރައްވާފައި އެފަދަ ހުކުމެއް ނުކުރައްވަމޭވެސް ވިދާޅުވެއްޖެއެވެ.

ރައްޔިތުން ވަރަށް ރުޅިއަތުވެއްޖެއެވެ. މުހައްމަދު މަނިކުފާނަށް ލާދީނީ ގޮވާންފަށައިފިއެވެ. ދޮގުހުވައި ކުރާ ދޮގުވެރިއެކޭ ކިޔާން ފަށައިފިއެވެ. މިކަމުން ނެއްޓިގަތުމަށް ދެން ކުރެއްވީ މޮޅު ބުއްދިއެކެވެ. ލާދީނީ ނޫންކަމާއި ދީނަށް ލޯބިކުރާކަން ދެއްކެވުމަށްޓަކައި ގަސްތުކުރެއްވީ މިސްކިތެއް ބިނާކުރެއްވުމަށެވެ. މިސްކިތް ބިނާކުރެއްވުމަށް ބޭނުންކުރާން އަމުރުކުރެއްވި ތަކެއްޗަކީ ޣިޔާސުއްދީނުގެ އަމިއްލަފުޅު ގަނޑުވަރާއި އާއިލީ ބޭފުޅުންގެ ގަނޑުވަރުތައް ތަޅައިގެން އެއްކުރި ލަކުޑިޔާއި ގަލެވެ. ކަޅުވަކަރު މިސްކިތަކީ މިތަކެތިން މި މަގުސަދުގައި ހުރާގޭ މުހައްމަދު މަނިކުފާނުގެ އަމުރަށް ބިނާކުރާން ފެށި މިސްކިތެކެވެ.

ރައްޔިތުންގެ ނުރުހުން ބޮޑުކަމުން އަހަރެއްވެސް ނުވަނީސް ތަޚުތުން ފައިބައިވަޑައިގެން ދޮންބަންޑާރައިންގެ ދޮށީ ދަރިކަލުން މުހައްމަދު މުއިއްޒުއްދީނަށް ރަސްކަން ދޫކޮށްލައްވައިފިއެވެ. އޭރުވެސް މިސްކިތެއް ނުނިމެއެވެ. މިސްކިތް ނުނިމެނީސް މުހައްމަދު މަނިކުފާނުވެސް އަވަހާރަވެއްޖެއެވެ. މިސްކިތް ބިނާކުރުމާ ދެން ހަވާލުވެވަޑައިގެންނެވީ މުއިއްޒުއްދީނެވެ. ގިނަދުވަސްތަކެއް ނުވެ އެރަދުންވެސް އަވަހާރަވެއްޖެއެވެ. ޣިޔާސުއްދީނު ޝަހީދުކޮށް އެރަދުންގެ ގަނޑުވަރުވެސް މުގުރައިފައި އެއްކުރި ތަކެތިން މިސްކިތެއް ބިނާކުރާން އުޅުއްވި ދެރަސްކަލުންވެސް ވަރަށް ގާތްގާތުގައި މިގޮތަށް އަވަހާރަވުމުން މިތަނާމެދު މީސްތަކުން ތަފާތު ނަޒަރަކުން ބަލާން ފަށައިފިއެވެ.

މަސައްކަތް ހުއްޓިފައިވަނިކޮށް މުއިއްޒުއްދީނަށް ފަހު ރަސްކަމަށް ވަޑައިގެންނެވި އެރަދުންގެ ކޮއްކޯފުޅު ހަސަން ނޫރައްދީނު އަލުން ފައްޓަވައިގެން އެރަދުންގެ ރަސްކަމުގެ އެގާރަ ވަނަ އަހަރު މިސްކިތް ފުރިހަމަކުރައްވައިފިއެވެ. ހިރިގަލުގެ ވަޑާމާއި ލަކުޑީގެ ވަޑާމުގެ ފުރިހަމަ މަސައްކަތްތަކެއް ފެނިގެންދާ މިސްކިތެކެވެ. ދިވެހިންގެ ފަންނުވެރިކަން ތަމްސީލުކޮށްދޭ ބިނާއެކެވެ. އެކަމަކު ގިނަ އަހަރުތަކެއް ނުވަނީސް ރޫޅާލައިގެން ނަގައިފިއެވެ. އެންމެ ފުރަތަމަ މިސްކިތް ހުރިކަމަށްވަނީ ޗާނދަނީމަގުގެ ހުނޅަގުބިތުން މައްޗަންގޮޅީގައެވެ. ދެން ބަދަލުވަނީ ގަލޮޅު ކޮންމެވެސް ހިސާބަކަށެވެ.

ވަރަށް ގާތްގާތުގައި ދެތަނަކަށް މިސްކިތް ބަދަލުވީމާ އޭރުގެ ވިސްނުންތެރި އިލްމުވެރި ބައެއް މީހުން ބުނެ އުޅުނުކަމަށްވެއެވެ. ޣިޔާސުއްދީނާމެދު ކަންތައްކުރިގޮތް ފޮރުވާންވެގެން ބިނާކުރި ތަނެކެވެ. އެއްތާކު ގިނަދުވަހު ގަރާރެއް ނުވާނެއެވެ. މިބަހުގެ ތެދުކަން އަނެއްކާވެސް ފެނިގެންދިޔައީ ތިންވަނަ ތަނަކަށް ބަދަލުވުމުންނެވެ. އެތަނަކީ ގަލޮޅުދަނޑު ކުރިމަތިން މަޖީދީމަގެވެ. އެތަނުގައި ހުއްޓައި ނާސިރުގެ ވެރިކަމުގެ ފަހުކޮޅު ފުރަނަ ރިސޯޓުގެ ވެރިޔާ އޮސްޓްރޭލިޔާގެ ވޭން ރީޑޭ ކިޔުނު މީހަކަށް ސަރުކާރުން ނުވަހާސްރުފިޔާއަށް މިސްކިތް ވިއްކައިފިއެވެ. މިސްކިތް ރޫޅާލައިގެން ގެންގޮސް އޭނާ ބެހެއްޓީ ރިސޯޓުގައެވެ.

މައުމޫނުގެ ވެރިކަން ފެށުމާއެކުހެން ވޭން ރީޑް އެ މިސްކިތް ސަރުކާރަށް ހަދިޔާކޮށްފިއެވެ. ދެން ގެނެސް ބެހެއްޓީ ސަލްޓަންޕާކުގެ އިރުދެކުނު ކަންމަތީގައެވެ. ސާޅީހަކަށް އަހަރު އެތާގައި ހުއްޓައި އަނެއްކާވެސް ގެއްލިއްޖެއެވެ. މާފަހަކުން އިވުނެވެ. ކޮންމެވެސް ގުދަނެއްގައި މިސްކިތުގެ ސާމާނު އެބަހުއްޓެވެ. ދެ އަހަރެއްފަހުން މިއަދު އިވުނީ ދިރާގުގެ އޮފީސް ކުރިން ހުރިތަނުގައި އަލުން ބެހެއްޓި ވާހަކައެވެ. ހިތަށް އަރައެވެ. ކިހާދުވަހަކު އެތާގައި ބަހައްޓައިގެން ތިބެދާނެބާވައެވެ. ދުއިސައްތަ ތިރީހަކަށް އަހަރުގެ ތެރޭގައި އެބަދަލުވީ ހަވަނަ ތަނަށެވެ. އިހުއްސުރެ މީހުން އެކިޔަނީ އެއްތަނެއްގައި ހަރުނުލާނެ ވާހަކައެވެ. އެހެންވީމާ ހަތްވަނަ ތަނަކަށްވެސް ބަދަލުވާނެތާއެވެ.