އަނބިމީހާ ވިހެއުމުން ދެމައިންނާއެކު ވަގުތު ހޭދަކުރުމަކީ ކޮންމެ ބައްޕައަކު ބޭނުންވާނެ ކަމެކެވެ. ދަރިފުޅު ވިހެއުމަށްފަހު ދަރިފުޅާއެކު އެކަށީގެންވާ ވަގުތު ހޭދަކުރުމަކީ ކޮންމެ މަންމައަކު ބޭނުންވާނެ ކަމެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅުތަކުގައި ވިހެއުމާއި ގުޅިގެން މަންމަ އަދި ބައްޕައަށް ލިބޭ ޗުއްޓީގެ މުއްދަތު އިތުރު ކުރުން ހިމެނުން ވެގެން ދިޔައީ އެތައް ބައެއްގެ މި އުއްމީދު ހަގީގަތަކަށް ވެގެން ދިޔަ ކަމަކަށެވެ.
ރައީސް ސޯލިހުގެ ވެރިކަމުގެ ދެއަހަރުގެ ތެރެއިން ފުރަތަމަ އަހަރުގެ ތެރޭ މި ވައުދު ވަނީ ފުރިހަމަކޮށް ދެއްވައިފައެވެ. އަންހެނުންގެ ދުވަހާ ގުޅިގެން ކ. މާފުށީގައި 2019 ވަނަ އަހަރުގެ މާޗް ހަތްވަނަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވިހެއުމާ ގުޅިގެން މައިމީހާއަށް ހަ މަހުގެ، އަދި ބައްޕައަށް އެއް މަހުގެ ޗުއްޓީ، މުސާރައާއެކު ލިބޭނެ ކަމަށެވެ.
އެގޮތުން ވިހެއުމަށްފަހު ހަމަސް ނުވާ ދަރިން ތިބި ނަމަ ކުއްޖާއަށް ހަމަސް ވަންދެން ސިވިލްސާވިސްގައި މަސައްކަތްކުރާ މައިންބަފައިންނަށް އެއުސޫލުގެ ދަށުން ޗުއްޓީ ލިބޭނެ ކަމަށް އެ ދުވަހު ރައީސް ސޯލިހު ވިދާޅުވިއެވެ.
ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެކަނި ފުރަތަމަ މި ފުރުސަތު ފަހިވެގެން ދިޔަ ނަަމަވެސް، ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ އިތުރުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކަށްވެސް ރައީސް ސޯލިހު އިލްތިމާސް ކުރެއްވިއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުގައިވެސް މި ސިޔާސަތު ގާއިމު ކުރުމަށް ރައީސް ސޯލިހު އެދިވަޑައިގަންނަވާފައި ވެއެވެ.
ރައީސް ސޯލިހުގެ އިލްތިމާސްކުރެއްވުމާ ގުޅިގެން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، ފެނަކަ ކޯޕަރޭޝަން، އެސްޓީއޯ، އެމްޑަބްލިއުއެސްސީ، ކަސްޓަމްސް، ވެމްކޯ، އޭސީސީ އަދި މޯލްޑިވިއަން އިން ވަނީ އެ ކުންފުނިތަކުން ދެމުން އައި ޕެޓާނިޓީ އަދި މެޓާނިޓީ ލީވްގެ މުއްދަތު އިތުރު ކޮށްފައެވެ. މީގެ އިތުރުން ޕޮލިސް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށާއި ސިޔާސީ މުވައްޒަފުންނަށް ވެސް ވިހެއުމުން މައިމީހާއަށް ހަ މަހުގެ، އަދި ބައްޕައަށް އެއް މަހުގެ ޗުއްޓީ، މުސާރައާއެކު ދިނުމަށް ވަނީ ނިންމައިފައެވެ.
ވިހެއުމާއި ގުޅިގެން މައި މީހާއަށް ހަމަހުގެ ޗުއްޓީއެއް ދޭއިރު، މި މުއްދަތުގައި އިދާރާތަކަށް މީހުން އައްޔަން ކުރުމަށް ހާއްސަ އުސޫލެއް އެކުލަވާލާފައި ވެއެވެ. މި އުސޫލަކީ ވިހެއުމާ ގުޅިގެން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދެވޭ ޗުއްޓީގެ މުއްދަތުގައި އިދާރާތަކުން ފޯރުކޮށްދެވޭ ހިދުމަތް މެދުނުކެނޑި ދެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ނިޔަތުގައި އެކުލަވާލި އުސޫލެއް ކަމަށް ސިވިލް ސާވިސް ކޮމިޝަނުން މި އުސޫލު އާންމު ކުރި އިރު ބުނެފައި ވެއެވެ. އަދި މި އުސޫލަށް އަމަލު ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.
މުވައްޒަފަކު ވިހާނެ ކަމަށް ލަފާކުރެވޭ ތާރީހު މަސައްކަތް ކުރާ އިދާރާއަށް ލިޔުމަކުން ހުށައެޅުމުން އެމުވައްޒަފުގެ ވިހެއުމުގެ ޗުއްޓީގައި ހުންނައިރު އޭނާގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތް ރާވައި، އެމުވައްޒަފުގެ މަސައްކަތްކުރުމަށް އިތުރު މުވައްޒަފަކު ބޭނުންވާ ނަމަ އެކަން އެ އިދާރާއަކުން ހަމަޖައްސަންވާނެ އެވެ.
ވިހެއުމާ ގުޅިގެން މަންމަ އަދި ބައްޕަ އަށް ލިބޭ ޗުއްޓީގެ މުއްދަތު އިތުރު ކުރުމަށް ނިންމި ނިންމުމުގެ ކުރިން މައިމީހާއަށް ދެމުން އައީ ތިން މަހުގެ ޗުއްޓީއެކެވެ. އަދި ބައްޕައަށް ދެމުން އައީ ތިން ދުވަހުގެ ޗުއްޓީއެކެވެ.
މި ސިޔާސަތު ބަދަލު ކޮށް، މައިމީހާއަށް މުސާރައާއެކު ހަމަސް އަދި ބައްޕައަށް އެއް މަހުގެ ޗުއްޓީއެއް ލިބޭގޮތް ހެދުމުން މައިމީހާ އަދި ބައްޕައަށް ދަރިފުޅާއެކު އިތުރު ވަގުތު ހޭދަކުރުމުގެ ފުރުސަތު ވަނީ ފަހިވެގެން ގޮސްފައެވެ. ސަރުކާރުގެ މި ނިންމުން ވެގެން ދިޔައީ މުވައްޒަފުންގެ ވޯކް-ލައިފް ބެލެންސަށް ރަނގަޅު ބަދަލެއް އައިސް، އާއިލާއާއެކު ވަގުތު ހޭދަކުރެވޭ މިންވަރު އިތުރު ވެގެން ދިޔަ ކަމަކަށެވެ. އަދި މި ބަދަލަކީ ދަރިން ލިބުމަށްފަހު ވަޒީފާގެ މާހައުލަށް އެނބުރި ދިއުމަށް އަންހެނުންނަށް އިތުރު ހިތްވަރަކަށްވެގެންދިޔަ ބަދަލެކެވެ. ދުޅަހެޔޮ އާއިިލާއެއް ބިނާކުރުމަށް ފަހި ވި ބޮޑު ފުރުސަތެކެވެ. އާއިލީ ގުޅުންތައް ވަރުގަދަކުރުމަށް ލިބުނު ބޮޑު ހިތްވަރަކަށެވެ.