ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެށި، 2021 ވަނަ އަހަރަށް ލަފާކޮށް ހުށަހޅާފައިވާ ބަޖެޓު ބަހުސަށްފަހު، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އެޖެންޑާ ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބުދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ، މަޖިލީހަށް ހުށަހެޅީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލީޝަނުން، މިދިޔަ އޮކްޓޫބަރު މަހުގެ 26 ވަނަ ދުވަހުގައެވެ. އެ މައްސަލަ ހުށަހެޅުމާއެކު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެމަތިން މަޖިލީހުން ވަނީ ހޯމް މިިނިސްޓަރަށް 14 ދުވަހުުގެ ނޯޓިހެއް ދީފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ބަހުސް ފެއްޓެވުމަށް ފުރުސަތު ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ، ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސް ދެގަޑިއިރަށް ކުރިއަށް ގެންދިއުމަށް އާއްމު ކޮމިޓީން ނިންމާފައިވާ ކަމަަށެވެ.

އެބަހުސްގައި، ބަހުސް ފެށުމުގެކުރިން ދިފާއުގައި ވާހަކަ ދެއްކެވުމަށް މިނިސްޓަރަށް 10 މިނެޓް ދިނުމަށާއި، ބަހުސްގެ މެދުތެރެއިން 10 މިނެޓް ދިނުމަށާއި، ބަހުސް ނިމުމުން 10 މިނެޓް ދިނުމަށް ކޮމިޓީން ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްފަހު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެ މައްސަލަ މަޖިލީހަށް ވެއްދީ 11 މެންބަރެއްގެ ސޮޔާއެކުގައި ކަމަށެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް 10 މެންބަރުންގެ ސޮއި ބޭނުން ވެއެވެ.

ނަމަވެސް ޕީޕީއެމް ޕީއެންސީ ކޯލީޝަންގައި ތިއްބެވީ، މަޖިލީހުގެ 9 މެންބަރުން ކަމަށާއި އެ ކޯލީޝަންގައި ނުހިމެނޭ ދެ މެންބަރަކު އެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސޮއިކުރައްވާފައިވާ ކަމަށް ވެސް ޝިޔާމު ވިދާޅުވިއެވެ. އެ ދެ މެންބަރުންނަކީ އަމިއްލަ ދެ މެންބަރުން ކަމަށްވާ، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް އާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމެވެ.

ޝިޔާމު ވިދާޅުވީ، އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވީ، ގާނޫނުއަސާސީގެ 98 ވަނަ މާއްދާ އާއި 32 ވަނަ މާއްދާއާ ހިލާފުވެވަޑައިގެންފައިވާތީ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި އިމްރާން ދޮގު ހައްދަވާފައިވާ ކަމަށް ޝިޔާމު ވިދާޅުވިއެވެ.

މި މައްސަލަ ދިމާވީ މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ހެކި ހުރި ލިޔެކިޔުންތައް މޭޑޭގެ މުޒާހަރާގެ ތެރެއިން އިމްރާން ހައްޔަރު ކުރިއިރު ހުރި ކަމަށާއި، ނަމަވެސް އޭނާ ހައްޔަރު ކުރުމަށްފަހު ރައީސް ޔާމީންގެ ސަރުކާރުން އެ ލިޔުންތައް ފުލުހުން ގެންގޮސްފައިވާ ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވުމުންނެވެ.

ޝިޔާމު ވިދާޅުވީ މަޖިލީހުގައި އެހެން ވިދާޅުވުމަށްފަހު، އޭގެ އެއްދުވަސް ފަހުން ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމެއްގައި އިމްރާން ވާހަކަ ދެއްކެވިއިރު އަމިއްލަ އިއުތިރާފުން މަޖިލީހުގައި ދޮގު ހެއްދެވިކަަމަށް އިއުތިރާފުވެވަޑައިގެންފައިވާ ކަމަށެވެ.

މީގެ އިތުން ސަފާރީ ރޭޕް ކޭސް ކަމަށް ބުނާ މައްސަލައިގައި، އެއީ މާ ބޮޑު މައްސަލައަކަށް ނަހައްދަވައި އިމްރާން ވާހަކަ ދައްކަވާފައިވާ ކަމަށްވެސް ޝިޔާމު ވިދާޅުވިއެވެ. އެގޮތުން އެ ހާދިސާއަކީ ނުހިނގާ ކަމެއްގެ ގޮތުގައި، އެ މޭރުންމުން އިމްރާން ވާހަކަ ދައްކަވާފައިވާ ކަމަށާއި، ޖިންސީ ގޯނާއަކީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައިވާ ކަމަށް ވެސް ޝިޔާމު ވިދާޅުވިއެވެ.

ޝިޔާމު ވިދާޅުވީ އެއީ ދައުލަތު ޒިންމާދާރު މަގާމެއްގައި ހުރި މީހަކު ދެއްކި ވަރަށް ނާތަހުޒީބު ވަހަކައެއް ކަމަށެވެ.