ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ކާގޯ ޑިޕާޓްމަންޓުން ޕޮޒިޓިވްވި މުވައްޒަފުންގެ އަދަދު 22 އަށް އަރައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެއާޕޯޓުގެ ކާގޯ ޑިޕާޓްމެންޓުގެ މުވައްޒަފުންތަކެއް ޕޮޒިޓިވްވި ކްލަސްޓާއާ ގުޅިގެން މިހާތަނަށް 22 މުވައްޒަފުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެއާޕޯޓުގެ ކާގޯ ޑިޕާޓްމަންޓުން މުވައްޒަފަކު ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ މިމަހުގެ ފަސްވަނަ ދުވަހުއެވެ. އޭގެ ފަހުން މިމަހުގެ 12 ވަނަ ދުވަހު ފަސް މީހުން ޕޮޒިޓިވްވެފައިވެއެވެ.
"ފުރަތަމަ މަދުމަދުން ކޭސްތައް އައި ނަމަވެސް ނޮވެންބަރު 5 އިން ފެށިގެން މިއަދާ ހަމައަށް 22 ކޭސް މިވަނީ ޕޮޒިޓިވްވެފައި. ފުރަތަމަ ކޭސް 5 ނޮވެންބަރުގައި މި ޕޮޒިޓިވްވީ. އޭގެ ފަހުން 12 ނޮވެންބަރުގައި ފަސް މީހުން އިތުރަށް ޕޮޒިޓިވްވެފައިވޭ. އަދި 13 ނޮވެންބަރުގައި ހަ މީހުން. 14 ނޮވެންބަރުގައި ހަތް މީހުން އަދި 15 ނޮވެންބަރުގައި ތިން މީހުން،" ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ، އެ ކްލަސްޓާއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން ކޮންޓެކްޓުންގެ ގޮތުގަައި 26 މީހަކު ފާހަގަކުރެވި ކަރަންޓީން ކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ކާގޯ ޑިޕާޓްމަންޓުގެ 136 މުވައްޒަފެއްގެ ސާމްޕަލް މިއަދު ނަގާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ވީއައިއޭގެ ކާގޯ ޑިޕާޓްމަންޓުން 26 މުވައްޒަފުން ޕޮޒިޓިވްވި އިރު، އެއާޕޯޓުގެ މަސައްކަތެއް ކުރާ ޗައިނާ ކުންފުންޏެއްގެ 52 މުވައްޒަފުންވެސް ވަނީ މިފަހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެމީހުންގެ ކޮންޓެކްޓުންގެ އަދަދު 600 އަށް އަރާ ކަމަށް އެޗްއީއޯސީން މީގެ ކުރިން ބުންޏެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު