ޕާޓީއެއްގެ ސިފައިގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރާ މަންޒަރު ނުފެންނަ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއް އޮންނަ އެއްވެސް ފަހަރަކު އިދިކޮޅު ޕާޓީތަކުން، ޕާޓީއެއްގެ ސިފައިގައި ކުރާ މަސައްކަތެއް ނުފެންނަ ކަމަށެވެ. އެގޮތުން 2012 ވަނަ އަހަރުވެސް އިދިކޮޅުން ކުރި މަސައްކަތަކީ ބަގާވާތްކުރުން ކަމަށް ވިދާޅުވިއެވެ.
"މިހާރުވެސް އަޅުގަނޑުމެންނަކަށް ނުފެނޭ ޕާޓީއެއްގެ ސިފައިގައި އިދިކޮޅުން ކުރާ މަސައްކަތްތަކެއް. ރައްޔިތުންގެ މަޖިލީހުގައިވެސް އެބޭފުޅުންނަށް އެ އޮންނަނީ ގަވައިދުގެ ތެރެެއިން ލިބޭ ފުރުސަތުވެސް އިތުރަށް ފުޅާކޮށްދީފައި. އަޅުގަނޑުމެން އެ އޮންނަނީ އެކަން ކޮށްދީފައި. ނަމަވެސް އެ ފުރުސަތުގެ ބޭނުން ހިއްޕަވާތަނެއް ވެސް ނުފެނޭޭ" ހަސަން ލަތީފް ވިދާޅުވިއެވެ.
މީގެ އިތުރުން ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތް ރައްޔިތުންގެ މަޖިލީހުގެ ބޭނުމަކީ ސަރުކާރަށް ވާގިވެރިވުން ކަމަށެވެ. އަދި ހަމައެއާއެކު އެމްޑީޕީގެ މެންބަރުންނަކީ ސަރުކާރަށް ފާރަވެރިވާން ޖެހޭނެ ބައެއް ކަމަށް ވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ސަރުކާރުން ނުކުރަންޏާ އަޅުގަނޑުމެން ސަރުކާރަށް އެބަ ހަދާންކޮށްދެން ޖެހޭ އެކަން" 2005 ވަނަ އަހަރުން ފެށިގެން އެމްޑީޕީގެ އިސް ސަފުގައި ހަކަރާތްތެރިވެވަޑައިގަންނަވަމުން ގެންދަވާ ހަސަން ލަތީފް ވިދާޅުވިއެވެ.
ހަސަން ލަތީފް ވިދާޅުވީ، ރިޔާސީ ނިޒާމެއްގައި ކޯލިޝަންގެ ސަރުކާރެއް ހިންގުމަކީ ގިނަ މައްސަލަތަކެއް ޖެހޭނެ ކަމެއް ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް ފެންނަމުން އަންނަ މަންޒަރަކީ ކޯލިޝަން މެނޭޖުކުރުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގެންގުޅުއްވާ ސިޔާސަތުގެ މޮޅުކަން ކަމުގައި ވިދާޅުވިއެވެ.
ސިޔާސީ ޕާޓީއެއް ވިއްޔާ ޕާޓީގެ އެތެރޭގައި ހިޔާލުތަފާތުވުންތައް އުފެދޭނެކަން ފާހަގަކުރައްވައި ހަސަން ލަތީފް ވިދާޅުވީ، އެމްޑީޕީއަކީ މަޝްވަރާގެ މަގުން ކަންކަން ނިންމާ ޕާޓީއެއް ކަމަށެވެ. އަދި އެމްޑީޕީގެ އެއްވެސް މެންބަރަކީ ފަސްޖެހޭނެ މެންބަރެއް ނޫން ކަމަށާއި ގައުމުގެ ލާބައަށް އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.
މަޖިލިސް މެންބަރު ހަސަން ލަތީފް
މަޖިލިސް މެންބަރު ހަސަން ލަތީފް
މަޖިލިސް މެންބަރު ހަސަން ލަތީފް