އެމްއެންޑީއެފް އެއާ ކޯ އުފައްދައި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލުމަށް ބޭނުންވާ ޑްރޯން ގަތުމުގައި ދައުލަތުގެ ބަޖެޓުން ކުރި ހަރަދުގެ ތަފުސީލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ހާމަކުރެވިދާނެ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ގައްސާން މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ހަސަން ލަތީފު ސުވާލު ކުރެއްވީ ތުރުކީން ގަން އަސްކަރީ ޑްރޯންތައް ހޯދާފައިވަނީ ދައުލަތުގެ ބަޖެޓުން ކިހާ ފައިސާއެއް ހަރަދުކޮށްގެންތޯ އާއި އެއިން ކޮންމެ ޑްރޯންއެއްގެ އަގަކީ ކިހާވަރެއްތޯއެވެ.
ގައްސާން ވިދާޅުވީ، ދިވެހި އަސްކަރިއްޔާއަށް ހޯދާފައިވާ ޔޫއޭވީތައް ހޯދާފައިވަނީ ގާނޫނުއަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކުން ދެފުށް ފެންނަކަން ކަށަވަރު ކުރުމަށް ކަނޑައަޅާފައިވާ ހުރިހާ އުސޫލެއްގެ ތެރެއިން ކަމަށާއި އެކަމުގެ ލިޔެކިޔުންތައް ހުންނާނެ ކަމަށެވެ. އަދި ބައްލަން ބޭނުންވާ ތަހުގީގީ އިދާރާތަކުން ބަލަން ބޭނުން ވެއްޖެ ނަމަ އެކަން ކުރެވިދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"ނަމަވެސް މިކަހަލަ ފޯރަމެއްގައި އެއްވެސް ގައުމެއްގައި ދިފާއީގޮތުން ކުރާ ހަރަދުތަކުގެ ތަފުސީލު ހާމަކުރުން އެއީ ކުރާ ކަމެއް ނޫން، އެހެންކަމުން އެ މައުލޫމާތު މިތަނުގައި އާއްމުކުރަން އަޅުގަނޑު އުޒުރުވެރިވަން. 241 ކޮމިޓީގައި ސިއްރު ޖަލްސާއެއްގައި މި މައުލޫމާތު އަޅުގަނޑުމެނަށް ހާމަކުރެވިދާނެ،" ގައްސާން ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު