އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދުކުރައްވާނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާދެއްވި ފައްޔާޒް އިސްމާއީލަށް ކަމަށް، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ފައްޔާޒުގެ ދައުރުގެ ކުރީން ކުރެއްވި ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފައްޔާޒުގެ އިސްތިއުފާއަކީ ހިތްވަރުގަދަ ނިންމުމެއް ކަމަށާއި އަދި އެއީ މިވަގުތު ކުރުން ވަރަށް މުނާސަބު ކަމެއް ކަމަށެވެ.

"އެއަށްވުރެ އަޅުގަނޑު މާ އުފާކުރަން ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ފައްޔާޒާއެކު ހުރުމަށް" ހަސަން ލަތީފު ވިދާޅުވިއެވެ.

ފައްޔާޒަށް ހިތްވަރު ދެއްވައި ކާމިޔާބު ލިބިދިނުމަށް އެދިވަޑައިގަންނަވާކަމަށްވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ފައްޔާޒު ވަނީ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވިކަން ގައުމީ މަޖިލީހުގައި އިއުލާންކުރައްވަމުން ފައްޔާޒު ވިދާޅުވެފައިވަނީ މައިގަނޑު ގޮތެއްގައި އޭނާގެ ޗެއާޕާސަންކަމުގައި މަސައްކަތްކުރެއްވީ އެމްޑީޕީގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދެމެދު އޮތް ހިޔާލުތަފާތުވުންތަކާ ގުޅިގެން އުފެދުނު ބައިބައިވުން ނުވަތަ "ސްޕްލިޓް" އެއްކުރުމަށް ކަމަށެވެ.

"އަޅުގަނޑު އަދިވެސް ގަބޫލުކުރަނީ އެ ސްޕްލިޓް ރަނގަޅަށް އެއްވެގެންކަން އަޅުގަނޑުމެންނަށް ކުރިއަށް އޮތް އިންތިހާބުތައް ކާމިޔާބު ކުރެވޭނީ. އަޅުގަނޑުމެންނަށް ހިތަށް ވީ ތަދުގެ ބަދަލު ހޯދަން އުޅެގެންނެއް އަޅުގަނޑުމެންނަށް ކުރިއެރުމެއް ލިބޭތަނެއް އަޅުގަނޑަކަށް ނުފެނޭ،" އޭނާ ވިދާޅުވެފައިވެއެވެ.

ފައްޔާޒް ވިދާޅުވެފައިވަނީ ސިޔާސީ ލީޑަރުންނަކީ އެކަހަލަ އިހުސާސްތަކުގެ މައްޗަށް އެރެން ޖެހޭނެ ބައެއް ކަމަށާއި އެ އިހުސާސްތަކުގެ މައްޗަށް އަރައި، ގައުމާއި ރައްޔިތުންނަށް ފައިދާ ވާނެ ނިންމުންތަކެއް ނިންމަން ޖެހޭނެ ބައެއް ކަމަށެވެ. މައްސަލަތައް ހައްލުކުރެވޭނެ ލީޑަރުންނަކީ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މި ވާހަކަ ތިބޭފުޅުންނަށް މި ދަންނަވަނީ އަޅުގަނޑު ދެކޭގޮތުގައި އެ މަސައްކަތް ކޮންމެހެންވެސް އެބަ ކުރަން ޖެހޭ. މިހާރު އަޅުގަނޑުމެންގެ ތެރޭގައި އެ އޮތް ފިތުނަ ނައްތާލުމުގައި އަދި ރައްޔިތުންގެ ނޫނީ އާންމު މެންބަރުންގެ އެ ވިސްނުން ބަދަލުކުރުމުގައި ލީޑު ކުރަން ޖެހޭ ބަޔަކީ، އަޅުގަނޑު ގަބޫލުކުރާގޮތުގައި ތިބޭފުޅުން. ގައުމީ މަޖިލީހުގެ މެންބަރުން، އަޅުގަނޑުމެންގެ ލީޑާޝިޕުން. މިކަންކަން މިހެން ކުރުމާ އެއްކޮށް އަޅުގަނޑު މި ގަސްދުކުރަނީ މިވަގުތުން ފެށިގެން އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާދިނުމަށް،" އޭނާ ވިދާޅުވެފައިވެއެވެ.

ފައްޔާޒް އިތުރަށް ވިދާޅުވެފައިވަނީ 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އޭނާ ފާޅުކުރައްވާފައިވުމުން، ޕާޓީގެ މަސައްކަތް ކުރިއަށްގެންދިއުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވާ ކަމަށެވެ. އަދި މަގާމުގައި ހުންނަވައި ކުރައްވާ ކޮންމެ ކަމަކީ އޭގައި އޭނާއަށް ފައިދާތަކެއް ލިބޭނެ ކަމެއްގެ ގޮތުގައި އެކަމަށް ޝައުވެރިވާ އެހެން ބޭފުޅުންނަށް ފެނި، ޕާޓީގެ އެކިއެކި ކަންތައްތައް ހިޔަނި އެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފާހަގަވާ ކަމަށް ފައްޔާޒް ވިދާޅުވެފައިވެއެވެ.