ސަރުކާރުގެ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރެވޭނެ އެންމެ ގިނަ އަދަދެއް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެމްޑީޕީންނާއި ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ.

އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅިގެން އިދިކޮޅުގެ ގޮތުގައި ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ކުރަން ވަނީ ނިންމައިފައެވެ. އެކަމާ ބެހޭ މައުލޫމާތުދިނުމަށް ދެ ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް ވިދާޅުވީ މި ސަރުކާރުގެ ސިޔާސީ މަގާމުތައް އަދި ހާއްސަކޮށް ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އަދި އެ ފެންވަރުގެ ބޭފުޅުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސޯދަށް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

އެހެންވެ ސިޔާސީ މަގާމުތަކުގެ އަދަދު ހިފަހައްޓަން މަޖިލީހަށް ބިލެއް ހުށަހެޅުމަށް ދެ ޕާޓީން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެއީ ވަކި މިންވަރެއްގައި ހިފެހެއްޓިފައި އޮންނާނެ އަދަދުތަކެއް ކަމަށް ކަނޑައަޅަން އަޅުގަނޑުމެން ދެ ޕާޓީއަށް ވެސް އެއްބަސްވެވޭތީ އެ ބަދަލުވެސް ގާނޫނުއަސާސީއަށް ވެސް އަދި ގާނޫނަކަށް ގެންނަން ޖެހޭ ބަދަލެއް އޮތް ކަމަށްވާނަމަ އެ ގާނޫނަށް ވެސް އެ ބަދަލެއް ގެނައުމަށް މަޝްވަރާ ކުރެވި، ދެ ޕާޓީއަށް ވެސް އެއްބަސްވެވޭ ދެވަނަ ކަމަކީ އެއީ،" ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ގާނޫނުއަސާސީން ތަޅުލެވިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންވެ އެކަމާ ގުޅޭ ބިލެއްވެސް މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ.

"އެހެންވީމަ އެ އަދަދަކީ ތަޅުލެވިފައި އޮންނަ އަދަދެއްގެ ގޮތުގައި ގާނޫނުއަސާސީން ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑުމެން ދެ ޕާޓީއަށް ވެސް ފެންނާތީ އެއީ އަޅުގަނޑުމެން މަޝްވަރާކޮށްފައި ވާނެ ކަމެއް ގާނޫނުއަސާސީއަށް މި ދެންނެވި އިސްލާހު ގެނައުމަށް. އޭގެ މާނައަކީ ވަކި އަދަދެއްގައި މަޖިލިސް މެމްބަރުންގެ އަދަދު ހިފެހެއްޓިފައި އޮތުން." ހަސަން ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު 87 މެމްބަރުން އެބަ ތިއްބެވިއެވެ. އެއީ ކޮންމެ މެމްބަރަކު 5,000 ރައްޔިތުން ތަމްސީލުކުރާ ގޮތަށެވެ. މިއަހަރު އިންތިހާބު ކުރާ މަޖިލީހަށް ހަ ދާއިރާ އިތުރުވެ ޖުމުލަ 93 އަށް އަަރާނެއެވެ. ޑިމޮކްރެޓްސްއިން މީގެ ކުރިންވެސް މަޖިލީހުގެ މެމްބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް ގާނޫނު އަސާސީގެ 71 ވަނަ މާއްދާއަށް އިސްލާހު ހުށަހެޅިއެވެ. ނަމަވެސް އެ އިސްލާހު އޭރު ފާހެއް ނުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ސަރުކާރުގެ އަމަލުތަކާ މެދު ވަރަށް ބޮޑެތި ކަންބޮޑުވުންތައް މިހާރު އެބަހުރި ކަމަށާއި ސަރުކާރަށް މަޖިލީހުގެ އަގުލަބިއްޔަތު ލިބިއްޖެނަމަ ވަރަށް ގިނަ ހައްގުތަކެއް ހިފަހައްޓާނެ ކަމަށް ބެލެވޭ ކަމަށެވެ.

"މިހެން މިކަންކަމުގެ ކަންބޮޑުވުން އޮތުމުގެ ސަބަބުން އަޅުގަނޑުމެން މި ނިންމީ މިކަންކަން މޮނީޓާކޮށް، ޒިންމާދާރު އޮޕޮޒިޝަނެއްގެ ހައިސިއްޔަތުން މި ސަރުކާރު ޖަވާބުދާރީ ކުރުވުމާއި ހަންމަތަ ކުރުމާއި ހަމައެއާއެކު މި ގައުމުގެ ޑިމޮކްރެޓިކް މުސްތަގުބަލް ރަނގަޅު ކުރުމަށް ބޭނުންވާ ގާނޫނީ ބަދަލުތައް މަޖިލިސް ތެރެއިން ގެނައުމަށް މަޖިލިސް ތެރޭގައި އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކުރުމަށް،" ފައްޔާޒް ވިދާޅުވިއެވެ.

ހަސަން ލަތީފްވެސް ވަނީ ރިޔާސީ އިންތިހާބުގެ ކުރިން މި ސަރުކާރުގައި ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކައާ މިހާރު ކަންކަން ވަމުން އަންނަ ގޮތާއި ކުރަމުން އަންނަ ގޮތާ ދިމާ ނުވާ ކަމަށެވެ. ހާއްސަކޮށް ސަރުކާރުގެ އަމަލުތަކުގެ ސަބަބުން ހާރިޖީ ގުޅުންތަކަށް އަސަރުކުރާ ކަމަށް ވިދާޅުވިއެވެ.

ހަސަން ލަތީފް އަދި ފައްޔާޒްވެސް ވިދާޅުވީ އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅިގެން ބައެއް ގާނޫނުތަކަށް އިސްލާހު ގެންނަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގެ ތެރޭގައި އެ މަސައްކަތްތައް ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.