ބޯޑަރު ހުޅުވާލި ފަހުން 138 ފަތުރުވެރިން ޕޮޒިޓިވްވެފައިވާ ކަމަށާއި ފިޔަވަޅުތަކެއް އެޅި ނަމަވެސް، ރިސޯޓުތަކުގައި ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ ނެގަޓިވް ޕީސީއާރު ނަތީޖާއެއް ހިފައިގެން ރާއްޖެ އައި ކަމުގައިވިޔަސް، އެ ފަތުރުވެރިން ޕޮޒިޓިވްވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ރާއްޖެއަށް އަންނަން ފުރުމުގެ 96 ގަޑިއިރު ތެރޭގައި ޓެސްޓު ހަދަން މި ޖެހެނީ. އެހެންވީމާ އައުމުގެ ތެރޭގައި ވެސް އަދި އޭގެ ކުރިން ވެސް އެކްސްޕޯސްވެފައި ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ. މިހާތަނަށް ޖުލައި 15 އިން ފެށިގެން އިއްޔެއާ ހަމައަށް 138 ޓޫރިސްޓުން މިވަނީ ޕޮޒިޓިވްވެފައި. އެއީ ޑިޕާޗާގައި ޓެސްޓުކުރީމަ ނޫނީ ބައެއް ރިސޯޓުތަކުން އަންނައިރު ހަދާ ޓެސްޓުތަކުން ވެސް ޕޮޒިޓިވް ދައްކާ،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ރިސޯޓުތަކުގައި ވަކި ފިޔަވަޅުތަކެއް އަޅާފައި ހުރި ކަމުގައިވިޔަސް، ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ބައެއް ރިސޯޓުތަކުން ފެނިގެންދިޔައީ އޭގެ ހެއްކެއް ކަމަށެވެ. އަދި ރިސޯޓުތަކުން ބަލި ނެތް ރަށްރަށަށް ދާނަމަ، ކަރަންޓީނުވާން ޖެހެނީ ވެސް ރިސޯޓުތަކަކީ ހައި ރިސްކް ތަންތަނަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަންގާރަ ދުވަހު ސިނަމަން ވެލިފުށިން ރިސޯޓުން ވަނީ ދެ ބިދޭސީ މުވައްޒަފުން ޕޮޒިޓިވްވެފައެވެ. އަދި މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ރޭ ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކު ވަނީ ކޮވިޑް ބަލީގައި މަރުވެފައެވެ. އެ ކޭސްއާ ގުޅިގެން ކަނޑިންމަ ރިސޯޓުން މިހާތަނަށް 60 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފަތުރުވެރިޔަކު ވެސް ހިމެނެއެވެ.
ކަނޑިންމަ ރިސޯޓުގެ މުވައްޒަފުގެ މަރުގެ މައްސަލަ ތަހުގީގުކުރުމަށް ޑިރެކްޓަރު އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ ފުލުހަށް ހުށަހަޅައިފައެވެ. އޭގެ އިތުރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ވެސް އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ކަނޑިންމަ ރިސޯޓުން ކޮވިޑް ޖެހިގެން މަރުވި، ދ. މާއެނބޫދޫ، ދިލްބަހާރުގޭ އާދަމް ނަސީރަށް އެ ރިސޯޓުގެ މެނޭޖްމެންޓުން އެކަށީގެންވާ ފަރުވާ ފޯރުކޮށްނުދިނުމާއި ފަރުވާ ލަސްވުމާއި އަޅައިނުލާކަމުގެ ތުހުމަތު ވަނީ ކޮށްފައެވެ. އެ މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ އެ ރިސޯޓަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން ބާތިލުކޮށްފައެވެ.
އެ ރިސޯޓު ވަނީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެސް، އެރަށަށް ފަތުރުވެރިން އަރައި ފޭބުން މަނާކޮށްފައެވެ. ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، ކަނޑިންމަ ރިސޯޓުން ފޭބޭނީވެސް ކޮންޓެކްޓް ޓްރޭސިން ހަދައި އެއްވެސް ކޮންޓެކްޓެއް ނެތް އަދި ނެގެޓިވްކަން ޔަގީންވާ ފަތުރުވެރިންނަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު