ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ހުންނާނީ 799 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށާއި މިއީ މި އަހަރު ފެށުނު އިރު ރިޒާވް ހުރި މިންވަރަށްވުރެ މަތީ އަދަދެއް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހަށް އަންނަ އަހަރުގެ ބަޖެޓް ހުށަހަޅުއްވައި ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އިންފްލޭޝަން މައްޗަށް ދިޔަނުދީ ހިފެހެއްޓޭ ކަމަށާއި އެގޮތުން މިއަހަރު ރާއްޖޭގެ އިންފްލޭޝަން ޖުމްލަ ގޮތެއްގައި ދަނީ ދަށަށް ކަމަށެވެ. ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވީ، ތެލުގެ އަގު ދަށްވެފައިވުމާއި ބާޒާރުގައި ޑިމާންޑު ދަށްވުމާއި ކޮވިޑް-19ގެ ޕޮލިސީ އެކްޝަންގެ ތެރެއިން ކަރަންޓު ބިލުންނާއި ފެން ބިލުތަކުން ޑިސްކައުންޓް ދީފައިވުމެވެ.
އެހެންކަމުން އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ހުންނާނެ ކަމަށް ބެލެވެނީ 3.6 ޕަސެންޓުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެއީ ދުނިޔޭގެ އިންފްލޭޝަން ރޭޓާއި ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިންފްލޭޝަންއާ އަޅާބަލާއިރު، ދަށް އަދަދެއް ކަމަށް ވެސް ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު އިތުރަށް ވިދާޅުވި ގޮތުގައި، ކޮވިޑާ ގުޅިގެން ރާއްޖެއަށް އިމްޕޯޓްކުރާ މިންވަރު ދަށްވެ، ބޭރު ފައިސާ ވަންނަ މިންވަރު ދަށްވި ނަމަވެސް ރާއްޖެއަށް ބޭނުންވާ ތަކެތި ހޯދަން ބޭރު ފައިސާ ބޭރުވާ މިންވަރު ވެސް ދަށެވެ. އަދި ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް ހުންނާނީ 1.1 ބިލިއަން އެމެރިކާ ޑޮލަރުގައި ކަމަށާއި އެއީ ކުރީ އަހަރަށްވުރެ ދަށް އަދަދެއް ކަމަށް ވެސް ވިދާޅުވި އެވެ.
އިގްތިސާދީ ހަރަކާތްތައް އިތުރުވަމުން އައުމާއެކު، އަންނަ އަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް 1.4 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުވާނެ ކަމަށް ލަފާކޮށް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ރަސްމީ ރިޒާވް މި އަހަރު ނިމޭއިރު ހުންނާނީ 799 މިލިއަން އެމެރިކާ ޑޮލަރުގައި ކަމަށެވެ. އަދި އަންނަ އަހަރު ރަސްމީ ރިޒާވް 696 މިލިއަން އެމެރިކާ ޑޮލަރުގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވި އެވެ.
"އެހެންކަމުން އެކްސްޗޭންޖު ރޭޓް ޑިވެލިއު ކުރަންޖެހޭ ވަރުގެ ޕްރެޝަރެއް ނެތް. މިވަގުތު ޕެރަލެލް މާކެޓުގައި ޑޮލަރުގެ އަގު މައްޗަށް ދިއުމުގެ ސަބަބުން އިމްޕޯޓަރުންނަށް ޑޮލަރު އަގުބޮޑުކޮށް ހޯދަންޖެހުމުގެ ޝަކުވާ އޮތް ނަމަވެސް އެ މައްސަލައަށް ހައްލު މި އަންނަނީ ހޯދައިދެމުން. އަދި އިގްތިސާދީ ހަރަކާތް ފެށި، އިތުރުވާ މިންވަރަކުން މި ކަންތައްތައް ފަސޭހަވެގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
އަމީރު އިތުރަށް ވިދާޅުވީ އިގްތިސޯދު ހުއްޓި، ބޭރު ފައިސާ ތަދު މި ދަނޑިވަޅުގައި ރިޒާވް ހިފެހެއްޓި ރާއްޖޭގެ އިގްތިސޯދު މެނޭޖު ކުރެވިގެން މިދަނީ ފިސްކަލް ޕޮލިސީގެ ހަރަކާތްތަކުން ކަމަށެވެ.
އެގޮތުން މިއިން ޒަމާނަކު ނުވެއްޓޭ ފަދަ އިގްތިސޯދީ ފުން ވަޅުގަނޑެއްގެ ތެރޭގައި ވެސް ހަރަދަށް ގެނައި ބަދަލުތަކާ އެކު ރައްޔިތުންނަށް ސީދާ ގޮތުން އެހީތެރިވުމާއި މިހާތަނަށް ވެސް ކޮންސެޝަނަލް ގޮތްގޮތުން ބަޖެޓް ފައިނޭންސް ކޮށްފައިވުމަކީ އެ ޝޮކުން ވިޔަފާރިތަކަށާއި ރައްޔިތުންނަށް އައި ލޮޅުން ކުޑަކޮށްދިނުމަށް އެހީތެރިވި ކަންތައްތައް ކަމަށް ވިދާޅުވި އެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު