މީގެ ކުރީން އޮތް އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓްރީން ފެނަކަ ކޯޕަރޭޝަނަށް ފައިސާ ދޫކުރީ މާލިއްޔަތުގެ ގާނޫނާއި، ގަވާއިދާ އެއްގޮތަށްތޯ ތަހުގީގު ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފިއެވެ.

މާލިއްޔަތު ކޮމިޓީން މިގޮތަށް ނިންމީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ކޮށްފައިވާ، ފެނަކަ ކޯޕަރޭޝަންގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވެފައިވާ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރާބެހޭގޮތުން މަޝްވަރާ ކުރުމަށްފަހުގައެވެ.

އެ ގަރާރަކީ މަޑަވެލި ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވި ގަރާރެކެެވެ.

"އެ އޮޑިޓް ރިޕޯޓްގައި ބަޔާންކޮށް ތަފްސީލުކޮށްދީފައިވާ ކޮރަޕްޝަނާއި ހިޔާނާތުގެ އަމަލު ހިންގުމުގައި އޭރުގެ ފިނޭންސް މިނިސްޓަރު އަދާކޮށްފައިވާ ދައުރާއި އެ ހިޔާނާތަށް މަގުފަހިކުރުމަށް ބޭނުންކުރި ފައިސާ ނުހަނު ފަސޭހައިން ކުންފުންޏަށް ލިބިދީފައިވާތީ ދައުލަތުގެ މާލިއްޔަތުގެ ގާނޫނާއި މާލިއްޔަތުގެ ގަވާއިދާ ހިލާފު ވެފައިވޭތޯ، އެއިރުގެ ފިނޭންސް މިނިސްޓަރު އަމީރުގެ މައްސަލަ ބަލައި ވަކި މައްސަލައެއްގެ ގޮތުގައި ތަންފީޒީ އިދާރާތަކަށް ހުށަހަޅަން،" މިގަރާރަށް ޖަވާބު ދިނުމުގެ ގޮތުން ކޮމިޓީން ކުރަން ނިންމި ކަންތައްތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.

އަމީރުގެ މައްސަލަ ބެލުމުގެ އިތުރުން، ސަރުކާރު ކުންފުނިތަކުން ކޮރަޕްޝަނާއި ވައްކަން ހިންގަން މެދުވެރިވާ ސަބަބުތަކާއި އެކަންކަމަށް މަގުފަހިވާ ސަަބަބު ދެނެގަނެ ކުންފުނިތަކުގެ ވެރީންނަަށް އެ ފުރުސަތު ނުލިބޭ ގޮތަށް، ކުންފުނިތައް ޖަވާބުދާރީ ކުރުވުމުގެ އޮނިގަނޑު ހަރުދަނާ ކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑު (ޕީސީބީ) އަށް އެންގުމަށްވެސް ވަނީ ފާސްކޮށްފައެވެ.