ސްވިފްޓް އިންޖިނިއަރިންއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ކުރީ ސަރުކާރުން ޕްރޮޖެކްޓުތަކެއް ދޭން ނިންމާފައިވަނީ ހައްގުން ކަމަށާއި އެއީ ދައުލަތަށް ފައިދާވާ ގޮތަށް ދޭން ނިންމި ބަދަލެއްކަމަށް އެ ކުންފުނީގެ އިސްވެރިއެއް ކަމަށްވާ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެއެވެ.
ސައުދުﷲ އެގޮތަށް ވިދާޅުވީ އެ ކުންފުންޏަށް ބަދަލު ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަންހުރި ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޗިޓު ފޮނުވާފައި ވަނިކޮށެވެ.
ސައުދުﷲ، ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސުވިފްޓް އިންޖީނިއަރިންއިން ކުރަމުންދިޔަ ހަ ޕްރޮޖެކްޓެއް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ގާނޫނާއި ގަވާއިދާ ހިލާފަށް ވަކިކޮށްފައިވާ ކަމަށެވެ. އެހެންވެ ކުންފުންޏަށް ލިބުނު ގެއްލުމަށް ބޭނުންވަނީ ފައިސާތޯ ނޫނީ ޕްރޮޖެކްޓުތޯ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި ސެޓްލްމެންޓި ކޮމިޓީއަށް އޭނާ ހާޒިރުކޮށް އެހި ކަމަށެވެ.
"އަޅުގަނޑު ދެންނެވީ ފައިސާގެ ބަދަލުގައި ވަކިކުރި ޕްރޮޖެކްޓުތަކުގެ ބަދަލުގައި އެ ޕްރޮޖެކްޓުތަކުގެ ވެލިއުއަށް ފެތޭ ގޮތަށް ޕްރޮޖެކްޓް ދިނުމަށް. އެހެންކަމުން ސުވިފްޓަށް ބަދަލުގެ ގޮތުގައި ފައިސާ ދީފައިނުވޭ. އެކަމަކު ވަކިކުރި ހަ ޕްރޮޖެކްޓުގެ ތެރެއިން ހަތަރު ޕްރޮޖެކްޓުގެ ވެލިއުއަށް ފެތޭގޮތަށް ފަސް ޕްރޮޖެކްޓު ދީފައިވޭ. އަނެއް ދެ ޕްރޮޖެކްޓަށް ބަދަލެއްގެ ގޮތުގައި ފައިސާވެސް އަދި ޕްރޮޖެކްޓު ވެސް ދީފައިނުވޭ. މިކަމުގެ ސަބަބުން ދައުލަތަށް ލިބިފައިވަނީ ފައިދާ،" ސައުދުﷲ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް މައްސަލަ ހުށަހެޅިނަމަ ބޮޑު އެއްޗެއް ދައުލަތުން ސުވިފްޓަށް ދޭން ޖެހޭނެ ކަމަށެވެ.
ފައްޔާޒާއި އަމީރަށް އޭސީސީން ފޮނުވި ޗިޓުގައި ބުނެފައިވާ ގޮތުން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންވާ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް 2019 ވަނަ އަހަރު އޮލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުމުގައި އެ ބޭފުޅުން ބައިވެރިވެފައިވާ ކަމަށެވެ.
އެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ފައްޔާޒާއި އަމީރަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބެންނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ ތުހުމަތުގެ އިތުރުން އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށް ޗިޓުގައި ބުނެފައިވެއެވެ.
ސައުދުﷲ ހިލްމީ
ސައުދުﷲ ހިލްމީ
ސައުދުﷲ ހިލްމީ