ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހާޒިރުކޮށްފި އެވެ.
އަމީރު އޭސީސީއަށް ހާޒިރުކޮށްފައިވަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.
އެގޮތުން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންވާ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް 2019 ވަނަ އަހަރު އޮލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުމުގައި އަމީރު ބައިވެރިވެފައިވާކަމަށް އޭސީސީން ތުހުމަތުކުރެއެވެ.
އަމީރު އޭސީސީއަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވި އިރު، ހަމަ އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލުވެސް މާދަމާ އޭސީސީއަށް ހާޒިރުވުމަށް އަންގައި ވަނީ ޗިޓު ފޮނުވައިފައެވެ.
އޭސީސީއަށް ހާޒިރުވުމަށް އަންގައި އަމީރަށް ޗިޓް ފޮނުވާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުގައެވެ.
އެ ދުވަހު އަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ 2019 އިން 2023 އަށް ފިނޭންސް މިނިސްޓަރުގެ މަގާމު އަދާކޮށްފައިވަނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށެވެ.
އަމީރު ވިދާޅުވެފައިވަނީ ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު ހުރިހާކަމެއް ނިންމާފައިވަނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ފައިދާވާނެ ގޮތަކަށް ކަމަށެވެ.
އޭސީސީގެ ރައީސާއި މެންބަރުން ވަޒީފާގެ ދިފާއުގައި ބޭއިންސާފުން މީހުން ފްރޭމްކުރުން ހުއްޓާލަން އަމީރުވަނީ ގޮވާލައިފައެވެ. އަދި އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި އޭސީސީއަށާއި ފުލުހަށް ހާޒިރުކޮށް ބިރު ދައްކަން އުޅުނަސް ބިރު ނުގަންނާނެކަމަށް އަމީރު ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު