އެމްޑީޕީ ސަރުކާރުގެ ތިން މިނިސްޓަރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ކުރަނީ އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖައްސަން ރާވައިގެން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ރައީސް ސޯލިހް މިހެން ވިދާޅުވީ، އެ މަނިކުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި އޭރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ، އަންނަ ހަފުތާގައި އޭސީސީއަށް ހާޒިރުވާން އަންގާފައިވާތީއެވެ.
ސޯލިހު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ތިން މިނިސްޓަރުން އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.
"ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިވަގުތު މިހިނގާ އިންސާފުން އެއްކިބާވެފައިވާ ކަންކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން ހިންގާ ވަރަށް ނުރަނގަޅު ކަންކަން. މާޒީގައި މިކަން ހިނގައިދިޔަ ގޮތް އަޅުގަނޑުމެންނަށް އެބަ އެނގޭ. އިންސާފުން އެއްކިބާވެފައިވާ ތަހުގީގުތަކާއި ސިޔާސީ ހުކުމްތަކުން މުޅި ގައުމު ކިލަނބު ވާނެ،" ސޯލިހު ވިދާޅުވިއެވެ.
އެފަދަ ކަންކަމުން ދުރުވެ، އިންސާފާއި ހަމަހަމަކަމާއި ގާނޫނުގެ ވެރިކަން އިސްކުރުމަށް ދައުލަތުގެ ވެރިންނަށް އިލްތިމާސް ކުރައްވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަމީރު އާއި އޭސީސީއަށް ހާޒިރުކުރަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.
އެގޮތުން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންވާ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް 2019 ވަނަ އަހަރު އޮލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުމުގައި އަމީރު އާއި ފައްޔާޒު ބައިވެރިވެފައިވާ ކަމަށް އޭސީސީން ތުހުމަތުކުރެއެވެ.
އާއިޝަތު އަލީ އޭސީސީ އަށް ހާޒިރުކުރާ ސަބަބެއް ސާފެއް ނޫނެވެ. ނަމަވެސް ފުލުހުން ވަނީ މިދިޔަ އަހަރުގެ މެދުތެރޭގައި އެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅުގެ ތެރޭގައި ރަސްމީ އީމެއިލްތައް އޭނާ ޑިލީޓް ކުރެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަން ފަށައިފައެވެ.
ބ. ދަރަވަންދޫ
ކުށް
ރިޕޯޓް
ކާބޯތަކެތި